Roadha Mihaaru
"ޑޫން" ގެ ވާހަކަ އަދި ކުރިއަށް އޮތީ

މި މަހު ރިލީޒްކުރި "ޑޫން" ގެ ވާހަކަ އަދި ކުރިއަށް އޮތީ

28 އޮކްޓޯބަރ 2021

މި މަހުގެ 22 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އެޕިކް ސައިންސް ފިކްޝަން ފިލްމު "ޑޫން" ގެ ދެވަނަ ބައެއް ވެސް ގެނެސް ދޭނެކަން ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 22 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އެޕިކް ސައިންސް ފިކްޝަން ފިލްމު "ޑޫން" ގެ ދެވަނަ ބައެއް ވެސް ގެނެސް ދޭނެކަން ކަށަވަރުކޮށް ދީފި އެވެ.

ވޯނާ ބްރޮސް އިން ޑިސްޓްރިބިއުޓްކުރާ އެ ފިލްމު ހެދި ލެޖެންޑަރީ ޕިކްޗާޒް އިން ކުރި ޓްވީޓެއްގައި ބުނީ "ޑޫން" ތަޖުރިބާކުރި މީހުންނަށް އޭގެ ވާހަކަ އަދި ކުރިއަށް އޮތީ ކަމަށެވެ. އެގޮތުން "ޑޫން: ޕާޓް 2" ބެލުންތެރިންނަށް ގެނެސްދޭން ތާވަލު ކޮށްފައި ވަނީ އޮކްޓޯބަރު 20، 2023 ގަ އެވެ.

ޖުމްލަ 165 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޑޫން" އަށް ބުދަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި 223.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޑެނިސް ވިލެނީވީ ޑައިރެޓްކުރި ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މިހާރު ހޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ޓިމޮތީ ޝެލަމޭގެ އިތުރުން ރެބެކާ ފާގަސަން، އޮސްކާ އިސާކް، ޖޯޝް ބްރޮލިން، ޑޭވް ބޮޓިސްޓާ، ސްޓެފެން މެކިންލީ، ޖޭސަން މޮމޯއާ، ޖޭވިއާ ބާޑެމް، ޒެންޑާޔާ އަދި ސްޓެލަން ސްކާސްގާޑް އެވެ.

ލިޔުންތެރިޔާ ފްރޭންޑް ހާބާޓްގެ 1965 ގެ ވާހަކަ "ޑޫން" އަށް ބިނާކޮށް 1984 ގައި ޑައިރެކްޓަރު ޑޭވިޑް ލީންޗް ވެސް ފިލްމެއް ގެނެސްދިނެވެ.

މީގެ އާ ފިލްމު ގެނެސްދިން ޑައިރެކްޓަރަކީ ބްލޭޑް ރަނާ 2049 (2017) އާއި އެރައިވަލް (2016) އާއި ސިކާރިއޯ (2015) ގެ އިތުރުން ޕްރިޒަނާސް (2013) ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.