Roadha Mihaaru
ވިސްނުމަކީ ދިރާސީ އަހަރު ގާނޫނުގައި ކަނޑައެޅުން

މިނިސްޓަރުގެ ވިސްނުމަކީ ދިރާސީ އަހަރު ގާނޫނުގައި ކަނޑައެޅުން

09 ޖެނުއަރީ 2024

ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބޭނުންވާއިރަށް ދިރާސީ އަހަރަށް ބަދަލު ނުގެނެވޭ ގޮތަށް، ދިރާސީ އަހަރު ތައުލީމުގެ ގާނޫނުގައި ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބޭނުންވާއިރަށް ދިރާސީ އަހަރަށް ބަދަލު ނުގެނެވޭ ގޮތަށް، ދިރާސީ އަހަރު ތައުލީމުގެ ގާނޫނުގައި ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.

މިކަން ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން 2026 ވަނަ އަހަރު ޖެނުއަރީގައި ދިރާސީ އަހަރު ފަށަން މިހާރު ވަނީ ނިންމައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "މިހާރު" އަށް އިއްޔެ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "މިހާރު" އަށް އިއްޔެ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދިރާސީ އާ އަހަރަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، "މިހާރު" އަށް ދެއްވި އިންޓަވިއުގައި، ދިރާސީ އަހަރު ސިޔާސީ ކަމަކަށް ހަދައި، ކޮންމެ ވެރިކަމެއްގައި ފަސޭހައިން ބަދަލު ނުކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ގާނޫނަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"ތައުލީމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާޙުގެ ތެރޭގައި މިއީ [ދިރާސީ އަހަރު ބަދަލު ކުރުމަކީ] ކުޅެވޭ ކުޅިވަރެއްގެ ގޮތުގައި ނުބޭއްވުމަށްޓަކައި، ރާއްޖޭގެ އެކަޑަމިކް އިޔާ އަކީ އެއްގޮތަށް އޮންނަ ދުވަސްތަކެއްގެ ގޮތުގައި ތައުލީމީ ގާނޫނު އިރާދު ކުރެއްވިއްޔާ ލިޔާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ބަދަލުތައް ގެނައުމަށް އުނދަގޫ ވާނޭ، ބަދަލު ގެންނަން."

މިހާރު ހިނގަމުންދާ 2023-2024 ގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓް 8، 2023 ގަ އެވެ. ކުރިން ހަމަޖައްސާފައިވާގޮތުން، 2023/2024 ގެ ކިޔެވުން ނިމޭނީ ޖޫން 13، 2024 ގަ އެވެ. ނަމަވެސް، އެއަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރާއިރު ވެސް، މީގެ ކުރިން ގެއްލުނު ހަ މަސް ދުވަހު އަތުވާނެ ގޮތަކަށް ހަމަޖެއްސުމަށް ރައީސްގެ އަރިހުގައި ވަރަށް ގިނަ ބަޔަކު އެދުނު ކަމަށެވެ. އެހެންވެ، މަޑުމަޑުން ބަދަލު ގެނެސް، އާއްމުން އެދުނު ގޮތަށް ބަދަލުތައް ގެނައީ ކަމަށް ވިދާޅުވި އެވެ.