Roadha Mihaaru
އޭއައިގެ އެހީގައި ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ

އޭއައި ބޭނުންކޮށްގެން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ

26 މެއި 2024

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސްކޫލުތަކުގައި ކިޔަވައިދޭން ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސްކޫލުތަކުގައި ކިޔަވައިދޭން ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ދިރާސީ އާ އަހަރާ ގުޅޭގޮތުން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާއިރު، ތަރައްގީގެ މައިދާނުގައި ރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަންވާނީ ޓެކްނޮލޮޖީ އަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގެންފައިވާ ބައެއްގެ ގޮތުގައި ކަމަށެވެ.

ރަނގަޅު ފެންވަރެއްގެ ތައުލީމާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު، އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުންތަކެއް ދާއިރާގައި ހިދުމަތުގައި ތިބެގެން ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

"އާޓިފިޝަލް އިންޓަލިޖެންސް ފަދަ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރި ކުރުވުމާއި، ޝާމިލުކޮށްގެން އުނގަންނައިދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް، ހާއްސަ އިސްކަމެއް މި ދިރާސީ އަހަރުގެ ތެރޭގައި ދެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ކިޔަވައިދޭންފެށި ދިރާސީ އާ އަހަރު، ސްކޫލުގައި ޓީޗަރަކާއެކު ދަރިވަރުންތަކެއް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒް މޫސާ

މިއަދު ކިޔަވައިދޭންފެށި ދިރާސީ އާ އަހަރު، ސްކޫލުގައި ޓީޗަރަކާއެކު ދަރިވަރުންތަކެއް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒް މޫސާ

ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުމުގެ މައްސަލަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ހައްލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.

އެގޮތުން ތައުލީމީ ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި ދިރާސީ އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ފެށި ދިރާސީ އަހަރާއެކު ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތްކުރާނެ އެވެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުންނެވެ.