Roadha Mihaaru
ހިރިމަރަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި 4 އަހަރު!

ހިރިމަރަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި 4 އަހަރު!

24 އޮކްޓޯބަރ 2024

ހދ. ހިރިމަރަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި ހަތަރު އަހަރު ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ހިރިމަރަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި ހަތަރު އަހަރު ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެންމެ ފަހުން އެ ސްކޫލްގައި ހުންނެވި ބިދޭސީ ޕްރިންސިޕަލް 2021 ގައި އެ ރަށުން ބަދަލުވާން ޖެހުނީ އޭނާއާ މެދު ބެލެނިވެރިންގެ އޮތް ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށި ދުވަހު ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިން ކުދިން ސްކޫލަށް ނުފޮނުވައި އިހުތިޖާޖު ކުރީ، ޕްރިންސިޕަލް ހުންނަވައިގެން އޯ ލެވެލް އިން ރަނގަޅު ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ އެވެ.

އެ މައްސަލަ ހައްލު ކުރަން ޕްރިންސިޕަލް އެ ރަށުން އެހެން ރަށަކަށް ބަދަލުކޮށް ވަގުތީ ޕްރިންސިޕަލަކު ފޮނުވި އެވެ. އޭނާގެ މުއްދަތު ހަމަވުމުން ސްކޫލްގެ ހިންގުން ހަވާލުކުރީ އޭރު ހުންނެވި ލީޑިން ޓީޗަރާ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުގެ ލީޑިން ޓީޗަރަކު، ޕްރިންސިޕަލްގެ މަގާމަށް ހަމަޖެއްސުމަށް މިނިސްޓްރީން ކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ލީޑިން ޓީޗަރު އެ މަގާމަށް ޝަރުތު ހަމަ ނުވާ ކަމަށާއި އެ ގޮތް ބެލެނިވެރިން ވެސް ބޭނުން ނުވި ކަމަށެވެ.

އެ ސްކޫލާ މިހާރު ހަވާލުވެ ހުންނެވީ އެހެން ލީޑިން ޓީޗަރެކެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ތިން އަހަރު އެ ސްކޫލުގެ އޯ ލެވެލް ނަތީޖާ ވަރަށް ރަނގަޅެވެ. މި އަހަރު އޯލެވެލް ހެދި ހުރިހާ ކުދިން ހަތް މާއްދާ އިން ފާސްވެ އަދި އެއް ކުއްޖަކު ވަނީ ގައުމީ ގަދަ 10ގެ އެއް ވަނައިގައި ހިމެނިފަ އެވެ.

ހިރިމަރަދޫ ސްކޫލުގައި ޖުމްލަ 17 ޓީޗަރުން ކިޔަވައިދެމުން އަންނައިރު ކުދިންގެ އަދަދަކީ 37 އެވެ.