Roadha Mihaaru
ޓީޗަރުންގެ މުސާރައަށް އިސްލާހު ގެންނަން ޖެހޭތޯ ބަލަނީ

ޝަކުވާތަކާ ގުޅިގެން ޓީޗަރުން މުސާރައިގެ އޮނިގަނޑަށް އިސްލާހު ގެންނަން ޖެހޭތޯ ބަލަނީ

14 އޯގަސްޓް 2024

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން ޝަކުވާ ބޮޑުވި ކަންކަމުގައި އިސްލާހު ގެންނަން ޖެހޭތޯ ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން ޝަކުވާ ބޮޑުވި ކަންކަމުގައި އިސްލާހު ގެންނަން ޖެހޭތޯ ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި މޭ 1، 2022 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އެ ބަދަލާ އެކު ޓީޗަރުންގެ މުސާރަތައް ބޮޑުވި އެވެ.

އެކަމަކު، އެ ބަދަލާ އެކު ބައެއް އެލަވަންސްތައް އުނިވުމުން ޝަކުވާ ބޮޑުވި އެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ، ރަށްރަށަށް ބަދަލުވާ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ލިބެމުން ދިޔަ އެލަވަންސް އުނިވުމެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ހަފްތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ހަފްތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން އެ އެލަވަންސާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ، ދައުލަތުގެ ޕޭހަމަނައިޒޭޝަންގެ ވަކި ޕޮލިސީއެއް އެބައޮތް ކަމަށާއި އެ އެލަވަންސްތައް މިހާރު ތައާރަފް ކުރަނީ ޕޭ ކޮމިޝަންގެ ތެރެއިން ކަމަށެވެ.

ކުރީގެ ސަރުކާރުން ހެލްތު ދާއިރާއިރާގެ މުސާރަތައް ބޮޑުކޮށްފައިވީ ނަމަވެސް އެލަވަންސްތައް ލިބުމުގައި އެ ދާއިރާގައި ވެސް ގޮންޖެހުންތައް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަދަލެއް އަންނަ އިރު ރޫރަލް އެލަވެންސެއް ނޫން ކަމުގައި ވަންޏާ، ރިޑެންޝަނެއް ފަދަ އެލަވެންސެއް އަދި ހާއްސަ ހިދުމަތެއް ދިނުމަށްޓަކައި ދައުލަތުން އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އުސޫލެއް ގާއިމްކުރަން ޖެހިއްޖެ ކަމުގައިވާ ނަމަ ޔުނިފޯމް ޕޮލިސީއެއް އޮންނަން ވާނީ. އެ ނޫން ކަމުގައި ވާ ނަމަ އެކަން ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުން ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މި އޮތް ޕޭ ފްރޭމްވޯކަށް އަޅުގަނޑުމެން މިހާރު މި ދަނީ ބަލަމުން ކޮން ކަހަލަ ބަދަލުތަކެއްތޯ، އިސްލާހުތަކެއްތޯ ހުށަހަޅަން ޖެހޭނީ. ކޮން ކަހަލަ ބަދަލުތަކެއްތޯ ގެންނަން ޖެހޭނީ."

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ | މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ | މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުއްލިއަކަށް އެފަދަ ބަދަލެއް ގެނެސްފި ނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ހިނގަމުން ނުދާނެ އެވެ. އެހެންކަމުން، ބަދަލެއް ގެންނާނީ އޮނިގަނޑު މުރާޖައާކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.