Roadha Mihaaru
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އަންގައިފި

17 ސެޕްޓެމްބަރ 2024

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރާ ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެ އެވެ. އެފަދަ ދުވަސްތައް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނަގާކަމުގެ ކަންބޮޑުވުން ވެސް ބައެއް ބެލެނިވެރިން ފާޅުކުރެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ހުރިހާ ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި މިއަހަރު ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ފާހަގަ ކުރާނެ ގޮތުގެ އިރުޝާދުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އެ ދުވަސް ފާހަގަކުރަން ދަރިވަރުން އަދި ބެލެނިވެރިން އަތުން ފައިސާ ނުނެގުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މާލެ ސްކޫލެއްގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލު ޒީނަތްތެރި ކޮށްފައި --- ފޮޓޯ/މިހާރު

މާލެ ސްކޫލެއްގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ސްކޫލު ޒީނަތްތެރި ކޮށްފައި --- ފޮޓޯ/މިހާރު

ސާކިއުލާގައި އަންގާފައިވާ ކަންކަން

1. އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސް ފާހަގަ ކުރުން.

2. ޓީޗަރުންގެ ދުވަސް ފާހަގަ ކުރަން އަންނަ މަހުގެ 6 އާއި 10 އާ ދެމެދު ވަކި ދުވަހެއް ކަނޑައެޅުން

3. ހުރިހާ ހަރަކާތްތަކެއް އެއް ދުވަހެއްގެ ތެރޭގައި ބޭއްވުން

4. ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުވާގޮތަށް އެސެމްބްލީއެއް ބޭއްވުން

5. ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް ހަރަކާތްތައް ގެންދިއުން

6. ރަށުން ބޭރުގައި ހަރަކާތްތައް ކުރިއަށް ނުގެންދިއުން

7. ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުން

8. ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުން

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ސުކޫލްތަކުގައި ކުރިއަށްދިޔަ ބައެއް ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ސުކޫލްތަކުގައި ކުރިއަށްދިޔަ ބައެއް ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މިނިސްޓްރީން ބުނީ އެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ޓީޗަރުން ކުރާ އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމާ އެކު، ޓީޗަރުންގެ މުހިންމު ކަމާއި ގައުމު ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ދަރިވަރުންނާއި މުޖުތަމައުއަށް ފޯރުކޮށްދިނުން ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ސްކޫލުތަކުގައި އެކި ހިޔާލުގެ ބެލެނިވެރިން އުޅޭނެ ކަމަށާއި ނަމަވެސް ސްކޫލަށް ފައިސާ ދޭން އެއްވެސް ބެލެނިވެރިއަކަށް މަޖުބޫރު ނުވާނެ ކަމަށެވެ.