Roadha Mihaaru
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ

އިތުރު ކުދިންނަށް ޖާގަ ދިނުމަށް ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ

17 މާޗް 2024

ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، ހުޅުމާލެ 2 ގެ ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަން އެޑިއުކެޝަން މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، ހުޅުމާލެ 2 ގެ ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަން އެޑިއުކެޝަން މިނިސްޓްރީން ނިންމައިފި އެވެ.

ސަލާހުއްދީން ސްކޫލްގައި ކިޔަވައިދޭން ފެށީ އޮގަސްޓް 2022 ގަ އެވެ. ހުޅުމާލެ 2 ގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން އަންނައިރު، އެ ސްކޫލަށް ވެސް އަންނަނީ ބާރު ބޮޑުވަމުންނެވެ.

މިހާރު އެ ސްކޫލްގައި 2،053 ކުދިން ކިޔަވަ އެވެ.

ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް މިއަދު ވިދާޅުވީ، އަންނަ ދިރާސީ އާ އަހަރު އެ ސްކޫލުގައި ދެ ދަންފަޅި އަށް ކިޔަވައިދޭން ފަށާނެކަން މިނިސްޓްރީން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

އެގޮތަށް ނިންމުމުން ގިނަ ދަރިވަރުންނަށް އެ ސްކޫލުން ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި ހުޅުވި ސަލާހުއްދީން ސްކޫލްގެ ކުދިން އެސެމްބްލީގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހުޅުމާލެ 2 ގައި ހުޅުވި ސަލާހުއްދީން ސްކޫލްގެ ކުދިން އެސެމްބްލީގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ބުދަ ދުވަހު ފޭސްބުކްގައި ވިދާޅުވީ، ހުޅުމާލެ 2 ގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ މީހުންގެ ކުދިންނަށް އެ ފިޔަވަހީގެ ސްކޫލަކުން ޖާގަ ހޯދުމަށް އެދި ތަކުރާރުކޮށް ހުށަހަޅާ ކަމަށެވެ.

"ދެ ވަނަ ފިޔަވަހިން ސްކޫލް ޖާގަ އަށް އެދި މިއަދާ ހަމައަށް 800 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ވާހަކަ ދަންނަވަމެވެ. މި ތައުލީމީ އަހަރު ނިމޭއިރު މި އަދަދު 1،000 އަށް ވުރެ އިތުރުވާ ނެކަމަށް ބެލެވެ އެވެ،" މިނިސްޓަރު ލިޔުއްވާފައި ވެ އެވެ.

ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކޮށްގެން ނަމަވެސް ހުޅުމާލެ 2 ގައި ދިރިއުޅޭ ކުދިންނަށް ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ވެސް ދެއްވި އެވެ. އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ކުދިންނާއި ބެލެނިވެރިންނަށް ލިބޭނޭ ވަރަށް ބޮޑު ލުޔެއް ކަމަށް ޑރ. އިސްމާއިލް ވިދާޅުވި އެވެ.

ސަލާހުއްދީން ސްކޫލްގެ ޖާގައަކީ 1،700 އެވެ. ޖުމްލަ 60 ކްލާސްރޫމް ހިމެނޭއިރު އެ ސްކޫލުގެ ހަތަރު ކްލާސް ވަނީ އިންކްލޫސިވް އެޑިއުކޭޝަނަށް ދޫކޮށްފަ އެވެ.

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު، މިހާރު މި ހިނގާ 2023 ގެ ދިސާރީ އަހަރު ނިމޭނީ އަންނަ މަހު އެވެ. މި އަހަރު 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26 ގަ އެވެ.