Roadha Mihaaru
ދިރާސީ އަހަރު ކުރިން ބަދަލުކުރީ ގިނަ މީހުންނާ ދެކޮޅަށް

ކުރީ ސަރުކާރުން ހެދި ސާވޭ: ދިރާސީ އަހަރު ބަދަލުކުރީ ގިނަ މީހުން ބޭނުންވި ގޮތާ ދެކޮޅަށް!

09 ޖެނުއަރީ 2024

ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ކުރީގެ ސަރުކާރުން ހެދި ދިރާސާގައި 30،000 މީހުން ބައިވެރިވި ކަމަށާއި ބަދަލު ގެނައީ އެ ދިރާސާގައި ބައިވެރިވި ގިނަ މީހުން ވެސް ބޭނުންވި ގޮތާ ދެކޮޅަށް ކަމަށް، އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ކުރީގެ ސަރުކާރުން ހެދި ދިރާސާގައި 30،000 މީހުން ބައިވެރިވި ކަމަށާއި ބަދަލު ގެނައީ އެ ދިރާސާގައި ބައިވެރިވި ގިނަ މީހުން ވެސް ބޭނުންވި ގޮތާ ދެކޮޅަށް ކަމަށް، އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުމަށް އައި ލޮޅުންތަކާ އެކު، ކުރީގެ ސަރުކާރުން ނިންމީ ދަރިވަރުންގެ ކިޔެވުން ދޮޅު އަހަރަށް ދެންމުމަށްފަހު ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރާށެވެ. އެ ނިންމުން ދާއިމީކޮށް، 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފަށަނީ އޮގަސްޓް މަހުން ފެށިގެންނެވެ.

އެ ބަދަލާ މެދު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު ބަދަލުކުރީ ވަރަށް ގިނަ ބައެއްގެ މަޝްވަރާއަށްފަހު ކަމަށާއި އެކަމަށް ގިނަ ބަޔަކު ތާއީދުކުރި ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ޝަފީއު މަގާމާ ހަވާލުވެވަޑައިގެން ވެސް ވިދާޅުވީ، ދިރާސީ އަހަރު ބަދަލުކުރީ އެކަށީގެންވާ ދިރާސާއެއް ނުކޮށް ކަމަށެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން، މިނިސްޓަރު "މިހާރު" އަށް އިއްޔެ ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރަން އޭރު ނިންމި ނިންމުމަކީ ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަމުގެ މައުލޫމާތު އެންމެ ރަނގަޅަަށް ލިބިވަޑައިގެންނެވި ނަމަ ދިރާސީ އަހަރަށް ބަދަލު ނުގެންނަވާނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

"މި މައުލޫމާތެއް ނެތް ކެބިނެޓަށް ގޮސްފައެއް. މި މައުލޫމާތު ރައީސަށް ލިބިވަޑައިގެން ކަމަށްވާ ނަމަ، ރައީސް މި ބަދަލު ގެންނަވާނެ ކަމަކަށް އަޅުގަނޑަކަށެއް ގަބޫލެއް ނުކުރެވޭ. ރައްޔިތުންގެ މުޅި ވިންދާއި ރޫހު އޮތީ ހަމަ ކުރިން އޮތް ގޮތަށް ބާއްވަން. ޖެނުއަރީގައި ފައްޓާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރުމަށް ކުރިން ހެދި ދިރާސާގައި 30،091 މީހުން ބައިވެރިވި ކަމަށެވެ. އޭގެ ތެރެއިން 20،000 އަށްވުރެ މީހުން ތާއިދުކޮށްފައިވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖެނުއަރީގައި ދިރާސީ އަހަރު ފެށުމަށެވެ.

"މި ޑޭޓާތަކުގައި އެބަހުރި 10 ކެޓަގަރީއެއް. ހުރިހާ ކެޓަގަރީއެއް ގޮތަށް މި ހުރީ ޖެނުއަރީގައި ބޭއްވުމަށް [ދިރާސީ އަހަރު ފެށުމަށް]. 30،091 މީހުންގެ ރެސްޕޮންސް އެއަށް ދީފައި ވާއިރު 20،445 ރައްޔިތުން ވިދާޅުވެފައި ވަނީ ޖެނުއަރީގައި ބޭއްވުމަށް. ބެލެނިވެރިން، ދަރިވަރުން، ޓީޗަރުން ކެޓަގަރީގެ ހުރިހާ ކެޓަގަރީއެއްގައި ވެސް، ހުރިހާ ކެޓަގަރީއެއް އިނގޭތޯ، ބުނެފައި މި ވަނީ ޖެނުއަރީގައި ބެއްވުމަށޭ ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުންގެ ހުރިހާ ކަމެއް ބަލަހައްޓައި، ދަރިވަރުންގެ ބެލެނިވެރިކަމުގެ ޒިންމާ އެންމެ ބޮޑަށް ބަލަހައްޓަމުން ގެންދަނީ އަންހެން ބޭފުޅުން، އެ ބޭފުޅުންގެ އިހުސާސް ހުރީ ކިހިނަކުންތޯ ބަލާލާއިރު ސާވޭގައި ބައިވެރިވީ 21،786 އަންހެން ބޭފުޅުންގެ ތެރެއިން 15،820 އެއީ 71.24 ޕަސެންޓް އަންހެން ބޭފުޅުން ވެސް ބޭނުންވާ ކަމަށް ނިންމާފައި ވަނީ ބޭނުންވަނީ ޖެނުއަރީގައި ކަމަށް."

ރިޕޯޓު ފޮތާއެކު، ދަރިވަރުންތަކެއް ބެލެނިވެރިންނާއެކު ސްކޫލުން ނުކުމެގެން ދަނީ.-- ފޮޓޯ: މިހާރު

ރިޕޯޓު ފޮތާއެކު، ދަރިވަރުންތަކެއް ބެލެނިވެރިންނާއެކު ސްކޫލުން ނުކުމެގެން ދަނީ.-- ފޮޓޯ: މިހާރު

މިނިސްޓްރީން ކުރިން ބުނީ ދިރާސީ އަހަރު ފަށާ ދުވަހަށް ބަދަލު ގެނައީ ތައުލީމީ ދާއިރާގެ ގުޅުން ހުރި އަދި ދަރިވަރުންގެ ކަންތައްތަކާ ގުޅުން ހުރި ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ކަމަށެވެ.

އެ މަޝްވަރާތައް ކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މީހުން ވެސް އެ ބަދަލަށް ތާއިދުކުރާ ކަމަށާއި އެކަމާ ގުޅިގެން ހެދި ސާވޭގައި ބައިވެރިވި ހުރިހާ މީހުން އެކަމަށް ތާއީދު ކޮށްފައި ވާ ކަމަށް އޭރު މިނިސްޓްރީގެ ބޭފުޅުން ދިޔައީ ބުނަމުންނެވެ.

ދިރާސީ އަހަރު ބަދަލުކުރުން، ގުޅެނީ ރިސޯޓު މުވައްޒަފުންނަކާ ނޫން!

އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރު ފެށުން އޮގަސްޓަށް ބަދަލުކުރި އެއް ސަބަބެއް ކަމަށް އޭރު ދެއްކީ، ޑިސެމްބަރު މަހަކީ، ޓޫރިޒަމްގައި އެންމެ ބުރަ ދުވަސްވަރަށް ވެފައި، އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް އެ ދުވަސްވަރު ޗުއްޓީ ނުލިބުން ކަމަށް އާންމުންގެ ގިނަ ބަޔަކު ގަބޫލު ކުރި އެވެ.

ނަމަވެސް މިހާރުގެ މިނިސްޓަރު ވިދާޅުވީ އެ ބަދަލަކީ ރިސޯޓު މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ގެނައި ބަދަލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މި ސަރުކާރުން ދިރާސީ އަހަރު ބަދަލުކުރަން ނިންމި ނިންމުމުގައި ރައްޔިތުން އެކަމަށް ބޭނުންވެފައި ވުމުގެ އިތުރުން އެއާ ގުޅިފައި ހުރި ވަރަށް ބޮޑެތި އެހެން ކަންތައްތަކެއް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ވިދާޅުވީ ސަރުކާރުން ސްކޫލުތަކަށްދޭ ބަޖެޓު ހުސްވާ މައްސަލަ އެވެ.

"ރާއްޖޭގެ ފައިނޭންޝަލް އިޔާ އަކީ ޖެނުއަރީން ޑިސެމްބަރަށް. ދައުލަތުގެ ބަޖެޓު މި މެނޭޖް ކުރަމުންދާ ގޮތް އެންގިލައްވާނެ. އޮގަސްޓު މަހުގައި ސްކޫލުތައް ފެށޭއިރު އަނެއްކާ ދުވަސްކޮޅެއް ފަހުން މި އަންނަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓް ސާކިއުލާ،" މިނިސްޓަރު ވިދާޅުވި އެވެ.

"ސްކޫލުތައް ފެށޭއިރަށް މި އަންގަނީ ހަރަދު ނުކުރައްޗޭ، ބަޖެޓް މެނޭޖް ކުރުމަށްޓަކައި. މިއީ ދައުލަތުގެ އެންމެ ބޮޑު ޕަބްލިކް އެޑްމިނިސްޓްރޭޝަން ނިޒާމު. ދައުލަތުގެ އެންމެ މުހިންމު މަސައްކަތް، ކިޔަވައިދިނުން ފެއްޓިގެން ދެ ހަފްތާ ނުވަނީސް ހަރަދު ކުޑަކުރާށޭ ބުނީމާ، މުޅި ތައުލީމީ ނިޒާމަށް، ދަރިވަރުންނަށް އޭގެ ކޮންޓެކްސްޓް އެބަ އާދޭ."

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތައުލީމީ އަހަރާއި ފައިނޭންޝަލް އަހަރު އެއްގޮތްކުރުމުން ތައުލީމީ ނިޒާމު މެނޭޖް ކުރެވި، އޭގެ ހެވާއި ލާބަ މުޅި ތައުލީމީ ދާއިރާއަށް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ ފަސް އަހަރަކުން ބަދަލުވާ ވެރިކަމުގައި ދިރާސީ އަހަރު ބަދަލު ނުކުރެވޭ ގޮތަށް ހެދުމަށް ތައުލީމާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.