Roadha Mihaaru
ދިރާސީ އަހަރުގެ ބަދަލުން 9އިން މަތި އަދި ތަފާތެއްނުވޭ

ދިރާސީ އަހަރަށް ބަދަލު ގެނަޔަސް ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށް އަދި ތަފާތެއް ނާންނާނެ: މިނިސްޓަރު

07 ޖެނުއަރީ 2024

ދިރާސީ އަހަރަށް ބަދަލު ގެނައި ނަމަވެސް މިހާރު ގްރޭޑް 9 އިން ފެށިގެން މަތީގެ ދަރިވަރުން ކިޔަވާ ދުވަސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާސީ އަހަރަށް ބަދަލު ގެނައި ނަމަވެސް މިހާރު ގްރޭޑް 9 އިން ފެށިގެން މަތީގެ ދަރިވަރުން ކިޔަވާ ދުވަސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކޮށް، 2026 ވަނަ އަހަރުން ފެށިގެން ތައުލީމީ އާ އަހަރު ފަށާނީ ޖެނުއަރީ މަހު ކަމަށެވެ. އެކަމަކު، އޯ ލެވެލް އަދި އޭ ލެވެލްއަށް ތައްޔާރުވާ ދަރިވަރުންނަށް އެއްވެސް ކަމެއް ބަދަލެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، މިހާރު ގްރޭޑު 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އިމްތިހާނު އަންނަ މެއި/ޖޫން މަހު އަދި މިހާރު ގްރޭޑު 9 ގައި ކިޔަވާ ދަރިވަރުން ވެސް، މިހާރު ވެސް ރާވާފައިވާ ގޮތަށް އަންނަ އަހަރުގެ މެއި/ޖޫން މަހު އިމްތިހާނު ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭ ލެވެލްގެ އިމްތިހާނުތައް ވެސް، މިހާރު ހަދަމުން އަންނަ ދުވަސްވަރު ހަދާނެ ކަމަށާއި އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ދުވަސްވަރަށް ބަދަލެއް އަންނާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރުން ފެށިގެންނެވެ.

ތައުލީމީ ކަލަންޑަރަށް ގެންނަ ބަދަލުތަކުގެ ތަފްސީލް ފަހުން ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާނިން ޓައިމް ގެއްލިގެން ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަސް ސެމިސްޓަރަށް ބަހާލައިގެން ތައުލީމީ ކަލަންޑަރަށް ގެންނަ ބަދަލުގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަހަރާއި ތައުލީމީ އަހަރު އެއްގޮތްކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކޫލު ހިންގުމުގެ ނިޒާމަށް އޭގެ މަންފާ ކުރާނެކ އެވެ.

ދިރާސީ އަހަރު ބަދަލުކުރަން ނިންމިކަން އިއުލާންކުރައްވައި، ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ 2026 ވަނަ އަހަރުގެ ޖެނުއަރީގައި ދިރާސީ އަހަރު ފަށަން ނިންމީ ކުއްލިއަކަށް އެ ބަދަލު ނުގެންނަން ކަމަށެވެ.

އޭގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް މަދުމަދުން ގެނެވޭ އިސްލާހުތަކަކާ އެކު، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެކަމަށް ހައްލު ހޯދިގެން ދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވެސް ވިދާޅުވީ ޗުއްޓީތަކަށް ބަދަލު ގެންނައިރު، އަހަރުގެ މެދުތެރެއިން މިހާރު ލިބޭ ޗުއްޓީތައް، ރަށުން ބޭރުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ލިބޭ ވަރަށް ވުރެ މަދުވެގެން ނުދާނެ ކަމަށެވެ.