Roadha Mihaaru

ސްކޫލުގައި ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދޭ މެހެމާނުންނާ ގުޅޭ އާ އުސޫލެއް ހަދައިފި

ސްކޫލުތަކުގައި ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވާ މެހްމާނުން ވާން ޖެހޭނީ އަހުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ ބޭފުޅުންނަށް ކަމަށް ކަނޑައަޅައި އެޑިއުކޭޝަން މިނިސްޓްރީން އާ އުސޫލެއް ހަދައިފި އެވެ.

ސްކޫލު ހަފުލާ ޝަރަފުވެރިކޮށްދޭ މެހެމާނުންގެ އާ އުސޫލެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

08 އެޕްރީލް 2025

ސްކޫލުތަކުގައި ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވާ މެހްމާނުން ވާން ޖެހޭނީ އަހުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ ބޭފުޅުންނަށް ކަމަށް ކަނޑައަޅައި އެޑިއުކޭޝަން މިނިސްޓްރީން އާ އުސޫލެއް ހަދައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ ފެބްރުއަރީ 27ގައި ސްކޫލުތަކަށް ފޮނުވައި، ދިރާސީ އާ އަހަރާއެކު އިއްޔެ އަމަލުކުރަން ފެށި އުސޫލުގައި ވަނީ ޝަރަފުވެރި މެހެމާނުން ހަމަޖެއްސުމުގައި ބަލާނެ އާ މިންގަނޑުތައް ކަނޑައަޅައިފަ އެވެ.

މީގެ ކުރިން އަމަލުކުރަމުން ދިޔައީ ސެޕްޓެމްބަރު 8، 2019 ގައި ނެރުނު އުސޫލަށެވެ. އޭގައި، ޝަރަފުވެރި މެހެމާނުން ހަމަޖެއްސުމުގައި ބަލާނެ މިންގަނޑުތަކެއް ނެތެވެ. ނަމަވެސް، އާ އުސޫލުގައި ބުނީ ޝަރަފުވެރި ކުރުމަށް ހަމަޖައްސާ ފަރާތަކީ މުޖުތަމައު ގަބޫލުކުރާ އަދި އަހުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާއަކަށްވާ ފަދަ ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ އަދި އެފަދަ ކުށެއްގެ ތަހުގީގެއް ކުރާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ބުންޏެވެ. ކުށެއް ސާބިތުވިއަސް ހުކުމް ތަންފީޒުކޮށް ނިންމިތާ 10 އަހަރު ވާންޖެހޭނެ ކަމަށް، މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި އުސޫލުގައިވެ އެވެ.

ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމުގެ ކުށެއް ސާބިތުވެ އަދި އެފަދަ ރިކޯޑެއް އޮތް މީހަކަށް، ސްކޫލުގެ އެއްވެސް ރަސްމިއްޔާތެއް ޝަރަފެއް ނުކޮށްދެވޭނެ ކަމަށް އޭގައިވެ އެވެ.

އާ އުސޫލުގައި ވަނީ ޝަރަފުވެރި މެހެމާނުން ކަނޑައެޅުމުގައި ބަލާނެ ގިންތިތައް ވެސް ހަމަޖައްސައިފަ އެވެ.

ޝަރަފުވެރި މެހެމާނުން ހަމަޖައްސާނީ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އަދި ސްކޫލުގެ އަހަރީ ދުވަސްތަކުގެ ތެރެއިން މުޖުތަމައުގެ ބައިވެރިވުމާއެކު މިނިސްޓްރީން ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތަކަށެވެ. އޭގެ ތެރޭގައި ސްކޫލަށް 10 އަހަރާއި 25 އަހަރާއި 50 އަހަރާއި 75 އަހަރު އަދި 100 އަހަރު ފާހަގަކުރާ ރަސްމިއްޔާތާއި ދަރިވަރުންނަށް މަގާމު ހަވާލުކުރަން ބާއްވާ އަދި ސްކޫލުގެ ގްރެޖުއޭޝަން ރަސްމިއްޔާތު ހިމެނެ އެވެ.

އެ އަހަރީ ދުވަސްތައް ފިޔަވައި ދެން ބާއްވާނީ ސްކޫލު ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތައް ކަމަށް އުސޫލުގައި ވެ އެވެ. އެހެންވެ، އެ އަހަރުތައް ފާހަގަކުރާ ހަފުލާ ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ މިނިސްޓްރީއާ މަޝްވަރާކޮށްގެން ހަމަޖައްސާ ބޭފުޅެކެވެ.

ރަސްމީ ދުވަސްތައް ފާހަގަކުރާ ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދޭނީ މިނިސްޓްރީން ކަނޑައަޅާ މީހެކެވެ.

ހާއްސަ އެސެމްބްލީއާ ދަރިވަރުންގެ ހާއްސަ ހުނަރުތައް ދައްކާލަން ބާއްވާ ހަރަކާތްތައް އަދި ޔުނީފޯމް ހަރަކާތްތަކާއި ސްކޫލު ފެންވަރުގައި ބާއްވާ ތަފާތު މުބާރަތްތައް ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލުގެ ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލް ކަނޑައަޅާ އެހެން ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ ދާއިރާގެ ފަންނީ ބޭފުޅެކެވެ.

ދަރިވަރުން މަގާމުތަކަށް އައްޔަންކުރާ ރަސްމިއްޔާތު އަދި ސްކޫލުގެ ގްރެޖުއޭޝަން ބާއްވާނީ ސްކޫލުގެ ޕްރިންސިޕަލެވެ.

ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ދައުލަތުގެ ތިން ބާރުގެ ވެރިންނާއި މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުން އަދި ބޭރު ގައުމުތަކުން ރާއްޖެ ކަނޑައަޅާފައިވާ ސަފިރުންނަކީ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައި ވަކި ޕްރޮޓޮކޯލެއްގެ ތެރެއިން ކަންކަން ފަހިވެފައިވާ ބައެއް ކަމަށް ވާތީ، އެ ބޭފުޅުންނަށް ދައުވަތު ދޭނީ މިނިސްޓްރީން ކަމަށް ބުންޏެވެ.

ކުރީގެ އުސޫލުގައި ވަނީ ޝަރަފުވެރިން ހަމަޖެއްސުމުގައި ގިންތިތަކެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން، ކެބިނެޓު މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑާއި ޔުނިވާސިޓީތައް އަދި ދައުލަތުގެ އިސްވެރިން ޝަރަފުވެރި ކޮށްދެއްވާނީ ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުން 60 ޕަސެންޓް ފާސް ނަތީޖާއެއް ނެރެފައިވާ ސްކޫލުތައް ކަމުގައި އޭރު އޮތީ ހަމަޖައްސައިފަ އެވެ.

އޭގެ އިތުރުން މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލުތައް ނުވަތަ ސާނަވީ އިމްތިހާނު ނިންމާ އިމްތިހާނުތަކުން ތިން މާއްދާއިން 100 ޕަސެންޓު ފާސްވެފައިވާ ނަމަ ވެސް، އެ ބޭފުޅުންނަށް ދައުވަތު ދެވޭނެ ކަމަށް ބުންޏެވެ. އެކަމަކު، އެގޮތަށް ދައުވަތު ދެވޭނީ މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ.