Roadha Mihaaru
ސްކޫލްތަކަށް ޓީޗަރުން ވަނީ ހަމަވެފައި: މިނިސްޓްރީ

ސްކޫލްތަކަށް ޓީޗަރުން ވަނީ ހަމަވެފައި: މިނިސްޓްރީ

12 ޖެނުއަރީ 2020

ސްކޫލުތައް ހުޅުވުނު އިރު ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތައް ހުޅުވުނު އިރު ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދިރާސީ އާ އަހަރާ ގުޅުވައިގެން ސްކޫލުތައް ވެފައިވާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ ސްކޫލުތަކުން އެދިފައިވާ ވަރަށް ބިދޭސީ ޓީޗަރުން ހޯދާފައިވާ ކަމަށެވެ. އެ ޓީޗަރުން ރާއްޖެ އައިސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުން ޓީޗަރުން ހޯދުމުގައި، މީގެ ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު ވަރަށް ކާމިޔާބުކަމާއެކު އެކަން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަރުމާ ވިދާޅުވީ މިއަހަރަށް ސްކޫލުތަކަށް އިތުރަށް ބޭނުންވާ ކަމަށް އަންގާފައިވަނީ ބިދޭސީ 251 ޓީޗަރުންނެވެ. އޭގެ އިތުރުން ހަ ޓީޗަރުން ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވަނީ ޓީޗަރުން ހަމަވެފަ އެވެ. ޓީޗަރުން ހަމަނުވާ ހަ މަގާމަކީ ގުރުއާން މާއްދާ އަށް ބޭނުންވާ ޓީޗަރުންނެވެ.

"ބިދޭސީން ބޭނުންވާ ހަމަ ހުރިހާ މަގާމަކަށް އަޅުގަނޑުމެންނަށް މުދައްރިސުން ހަމަކުރެވިއްޖެ. ގުރުއާން މި މާއްދާއަށް ބިދޭސީން ހަމަޖެހުނު އަދަދަކުން ސްކޫލުތަކަށް ފޮނުވިން. މީގެ އިތުރުން ސްކޫލުތަކުން، އެ ރަށްރަށުން ޕްރިންސިޕަލާއި މުުޖުތަމައު ގުޅިގެން މުދައްރިސުންގެ ކަންކަން ހަމަޖައްސާފައި ވަނީ،" ޝަރުމާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ބިދޭސީން އިތުރަށް ބޭނުންވާ އެއްވެސް މަގާމެއް މިވަގުތަކު، ސްކޫލުތަކުން ފޮނުވާފައިވާ ރިކުއެސްޓަށް ބަލާއިރު ހަމަނުޖެހި ނުހުންނާނެ،"

މިއަހަރު ރާއްޖޭގެ ސްކޫލުތަކަށް 9،427 ޓީޗަރުން ބޭނުންވެ އެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދު އުޅެނީ 1995 ގަ އެވެ. ދިވެހި ޓީޗަރުންގެ އަދަދަކީ 7،432 އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދިޔަ އަހަރު ސްކޫލުތައް ނިމުނުއިރު މި އަހަރަށް ބޭނުންވާ ހުރިހާ ފޮތްތަކާއި ވައުޗަރު ހަމަވެފައިވާ ކަމަށެވެ. އޭގެ އިތުރުން ސްކޫލުތައް ބަންދުވުމާއެކު ސްކޫލުތައް މަރާމާތުވުމުގެ މަސައްކަތް ނިންމާލާފައިވާ ކަން ފާހަގަކުރެއްވި އެވެ.

ސަރުކާރާއި އަމިއްލަ ސްކޫލުތަކާއެކު މިއަހަރު 83،955 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ. ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު އުޅެނީ 73،067 ގަ އެވެ.