Roadha Mihaaru
މެންޗެސްޓާ ސިޓީން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

މެންޗެސްޓާ ސިޓީން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

23 ޑިސެމްބަރ 2023

ޖިއްދާ (ޑިސެމްބަރު 23) - ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ފްލުމިނެންސޭއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން މޮޅުވެގެން މެންޗެސްޓާ ސިޓީ އިން މިއަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފި އެވެ.

ޖިއްދާ (ޑިސެމްބަރު 23) - ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ފްލުމިނެންސޭއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން މޮޅުވެގެން މެންޗެސްޓާ ސިޓީ އިން މިއަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފި އެވެ.

ޔޫރަޕްގެ ޗެމްޕިއަން ސިޓީން ވަނީ ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން 40 ވަނަ ސިކުންތުގައި ހޫލިއަން އަލްވަރޭޒް ޖަހައިދިން ގޯލަކުން ލީޑު ނަގައިފަ އެވެ. އަދި ފިލް ފޮޑެން ނަގައިދިން ހުރަހެއް އިދިކޮޅު ކުޅުންތެރިއެއް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުން ސިޓީން ލީޑޫ ފުޅާ ކުރީ 27 ވަނަ މިނިޓުގަ އެވެ.

ފޮޑެން މެޗުގެ ސްކޯ ޝީޓުން ޖާގަ ހޯދީ އަލްވަރޭޒްގެ އެހީތެރިކަމާ އެކު 78 ވަނަ މިނިޓުގައި ޖެހި ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ހަތަރުވަނަ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލު ވެސް ޖަހައިދިން އަލްވަރޭޒް އެވެ.

ސިޓީގެ އަލްވަރޭޒް، ފްލުމިނެންސޭގެ މާސެލޯ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ އަލްވަރޭޒް، ފްލުމިނެންސޭގެ މާސެލޯ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު ސިޓީން ވަނީ ކްލަބް ވޯލްޑް ކަޕް އުފުލައިގެން އިނގިރޭސި ކްލަބްތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޗެލްސީ ހޯދާފައިވާ ޝަރަފް ހޯދައިފަ އެވެ. ހަމަ އެއާ އެކު ސިޓީ ވެފައި ވަނީ އެއް އަހަރު ތެރޭ ފަސް ތަށި ހޯދި އިނގިރޭސި ފުރަތަމަ ކްލަބަށެވެ. ސިޓީން ވަނީ މި ނިމޭ 2023 ވަނަ އަހަރު އިނގިރޭސި ޕްިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

"މިއީ ތާރީހީ އަހަރެއް. މިރޭ އަހަރެމެން މި ބާބު ނިންމާލަނީ. އަހަރެމެންނަށް ފުރުސަތު އޮތް ހުރިހާ މުބާރާތެއް ކާމިޔާބު ކުރެވިއްޖެ. ދެން އޮތީ އަނެއްކާ ވެސް މަސައްކަތް ކުރުން،" މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

މިއީ ގާޑިއޯލާ ވެސް ކޯޗެއްގެ ގޮތުގައި ހޯދި ރެކޯޑް ހަތަރުވަނަ ކްލަބް ވޯލްޑް ކަޕެވެ. މީގެ ކުރިން 2009 އާއި 2011 ގައި ބާސެލޯނާ އަށް ވޯލްޑް ކަޕް ނަގައިދީ، 2013 ވަނަ އަހަރު ވަނީ ބެޔާން މިއުނިކަށް ވެސް ވޯލްޑް ކަޕް ހޯދައިދީފަ އެވެ.

ފައިނަލުގައި ސިޓީން ގޯލެއް ޖެހުމަށް ފަހު ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފައިނަލުގައި ސިޓީން ގޯލެއް ޖެހުމަށް ފަހު ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މުބާާތުގެ ތިންވަނަ ހޯދީ މިސްރުގެ އަލް އަހްލީ އެވެ. އެޓީމުން ވަނީ ތިންވަނަ ހޮވަން ކުޅުނު މެޗުގައި އިއްޔެ 4-2 އިން ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑްސް ބަލިކޮށްފަ އެވެ.

ސިޓީ ފައިނަލަށް އައީ ސެމީ ފައިނަލްގައި 3-0 އިން އުރަވާ ރެޑް ޑައިމަންޑްސް ބަލިކޮށްފަ އެވެ. ސެމީގައި އަލް އަހްލީ ބަލިވީ ފްލުމިނެންސޭ އަތުން 2-0 އިންނެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބްރޯންޒް ބޯލް ހޯދީ ފްލުމިނެންސޭ އަށް ކުޅޭ ކޮލަމްބިއާގެ ވިންގާ، ޖޯން އޭރިސް އެވެ. ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ސިލްވާ ބޯލް ހޯދީ ސިޓީގެ ކެޕްޓަން ކައިލް ވޯކާ އެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް ހޯދީ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އެވެ.

މިއީ މިހާރު އޮތް ފޯމެޓަށް ކްލަބް ވޯލްޑް ކަޕް ކުޅޭ ފަހު ފަހަރެވެ. އާ ފޯމެޓާ އެކު 32 ކްލަބް ހިމެނޭ ހެން އާ ކްލަބް ވޯލްޑް ކަޕް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރު އެމެރިކާގަ އެވެ.