Roadha Mihaaru

ޕޫމާގެ ބިލިއަން ޑޮލަރުގެ ޑީލްގައި ސޮއިކޮށް ސިޓީން އިންގްލެންޑްގެ ރެކޯޑް މުގުރާލައިފި

ޖޯޒީ އާއި ކިޓް ފޯރުކޮށްދޭ ޕޫމާއާ އެކު 1.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި މެންޗެސްޓާ ސިޓީން ސޮއި ކޮށްފި އެވެ.

ޕޫމާގެ ބިލިއަން ޑޮލަރުގެ ޑީލުން ސިޓީއަށް ރެކޯޑެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

16 ޖުލައި 2025

ޖޯޒީ އާއި ކިޓް ފޯރުކޮށްދޭ ޕޫމާއާ އެކު 1.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި މެންޗެސްޓާ ސިޓީން ސޮއި ކޮށްފި އެވެ.

ޖަރުމަނުގެ ކުޅިވަރު ސާމާނު އުފައްދާ ކުންފުންޏާ އެކު ސިޓީން ހެދި އެއްބަސްވުން އާ ކުރީ2035 ގެ ނިޔަލަށެވެ. މި އެއްބަސްވުމުގެދަށުން 10 އަހަރުތެރޭ 1.3 ބިލިއަން ޑޮލަރު ޕޫމާއިން ސިޓީ އަށް ދޭނެ އެވެ. އެއީ އަހަރަކަށް 100 މިލިއަން ޑޮލަރެވެ.

މި އެއްބަސްވުމާ އެކު ސިޓީން ވަނީ އިނގިރޭސި ފުޓްބޯޅައިގައި ކިޓް ސަޕްލަޔުންނާ އެކު އެއް ބިލިއަން ޑޮލަރަށް ވާސިލުވި ފުރަތަމަ ކްލަބަށް ވެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން އެޑިޑާސްއާ އެކު 2023 ގައި އެއްބަސްވުން ހެދީ 900 މިލިއަން ޑޮލަރަށެވެ.

ސިޓީން 2019 ގައި ޕޫމާއާ އެކު ހެދި އެއްބަސްވުމުން އެ ކްލަބަށް ލިބުނީ އަހަރަކަށް 65 މިލިއަން ޑޮލަރެވެ.

ސިޓީ ފުޓްބޯޅަ ގުރޫޕްގެ ސިއީއޯ ފެރާން ސޮރިއާނޯ ބުނީ ޕޫމާއާ އެކު އެއްބަސްވުން އާ ކުރީ އެހެން ބަޔަކާ ޗެލެންޖެއް ކުރުމުގެ މަގްސަދުގައި ނޫން ކަމަށެވެ.

"ސިޓީ ގުރޫޕްގެ އަމިއްލަ ޗެލެންޖެއް. އަހަރެމެން މި ބަލަނީ އަހަރެމެން އަމިއްލަ އަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވުރެ މައްޗަށް ދެވޭތޯ،" ސޮރިއާނޯ ބުންޏެވެ.

ސިޓީ ގުރޫޕުން ހިންގާ ބައެއް އެހެން ކްލަބްތަކަށް ވެސް ޕޫމާއިން ޖޯޒީ އާއި ކިޓް ފޯރުކޮށްދެ އެވެ. އެއީ ޖިރޯނާ، ޕަލޭމޯ، މެލްބަން ސިޓީ އަދި މުމްބާއީ ސިޓީ އެވެ.