Roadha Mihaaru

ސިޓީ އެއްބަސްވުން ހަމަވުމުން 15 އަހަރުގެ ދިގު ބްރޭކެއް ވެސް ނަގަން ޖެހިދާނެ: ގާޑިއޯލާ

މެންޗެސްޓާ ސިޓީއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން، 15 އަހަރުގެ ދިގު ބްރޭކެއް ވެސް ނަގަނަ ޖެހިދާނެކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

15 އަހަރުގެ ދިގު ބްރޭކެއް ނަގަންޖެހިދާނެ: ގާޑިއޯލާ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

29 ޖުލައި 2025

މެންޗެސްޓާ ސިޓީއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން، 15 އަހަރުގެ ދިގު ބްރޭކެއް ވެސް ނަގަނަ ޖެހިދާނެކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ކުރިން، މިދިޔަ ޖޫން މަހު ހަމަވާން އޮތް ކޮންޓްރެކްޓް ގާޑިއޯލާ އާ ކުރީ ނޮވެމްބަރު މަހު އެވެ. މިހާރު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ ޖޫން 2027 ގަ އެވެ. ގާޑިއޯލާ ކުރިން ބުނެފައި ވަނީ އޭނާގެ މިހާރުގެ ކޮންޓްރެކްޓަކީ ސިޓީއާ އެކު ހަދާނެ އެންމެ ފަހު އެއްބަސްވުން ކަމަށެވެ.

މި ހަފުތާގައި ގޯކިޔު-ސްޕެއިން އަށް ދިން އިންޓަވިއުގައި އޭނާ ބުނީ ސިޓީއާ އެކު މިހާރު އާދެވިފައި އޮތް ހިސާބަށް ވުރެ އިތުރަށް ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަހަންނަށް އެނގޭ ސިޓީއާ އެކު މިހާރު އާދެވިފައިވާ މަރުހަލާއިން މި އެއްބަސްވުން ނިމުނީމަ އަހަރެން މިކަން ހުއްޓާލަން ޖެހޭކަން. ކުރިން ނުނިންމާ ވަރަށް ވުރެ ވެސް ބޮޑަށް އަހަރެން މިހާރު މިހުރީ އެކަން ނިންމައިގެން،" ގާޑިއޯލާ ބުންޏެވެ.

ސިޓީގެ ތާރީހުގައި އެ ޓީމުގެ އެންމެ ކާމިޔާބު ކޯޗު ވަނީ އެ ކްލަބާ އެކު 18 ތަށި ހޯދައިފަ އެވެ. އޭގެތެރޭގައި ޕްރިމިއާ ލީގުގެ ހަ ތައްޓާއި ޗެމްޕިއަންސް ލީގުގެ ތައްޓެއް ވެސް ހިމެނެ އެވެ.

ގާޑިއޯލާ ބުނީ ކޯޗުކަން ކުރުން މެދުކަނޑާލާނީ ކިހާ މުއްދަތަކަށް ކަމެއް އޭނާ އަށް ޔަގީން ނުވާ ކަމަށެވެ. އެކަމަކު އޭނާގެ އަމިއްލަ ކަންކަމާއި ހަށިގަނޑަށް އަރާމުކުރަން ވަގުތު ދިނުމަށް ކޯޗުކަން ކުރުން މުއްދަތަކަށް ހުއްޓާލާނެ ކަމަށް ބުންޏެވެ.

"... އެއް އަހަރު، ދެ އަހަރު، ތިން އަހަރު، ފަސް އަހަރު، 10 އަހަރު، 15 އަހަރު. ހަމަ ހަގީގަތުގައި ވެސް އަހަންނަކަށް ނޭނގެ ކިހާ މުއްދަތަކަށް ކަމެއް އަހަރެން ކޯޗުކަން ކުރުން ހުއްޓާލާނީކީއެއް. އެކަމަކު ސިޓީއާ އެކު މިހާރު އޮތް އެއްބަސްވުން ހަމަވުމުން އަހަރެން ހުއްޓާލާނަން،" ގާޑިއޯލާ ބުންޏެވެ.

ކާމިޔާބު އަހަރުތަކެއް ސިޓީއާ އެކު ހޭދަކުރި ކޯޗަށް މިދިޔަ ސީޒަނަކީ ގޮންޖެހުން ބޮޑު ސީޒަނެކެވެ. ބޮޑު ތައްޓެއްގައި އަތްލެވޭ ގޮތެއް ނުވި އެވެ.

ބާސެލޯނާ އާއި ބެޔާން މިޔުނިކްގައި ކާމިޔާބު ހޯދި ކޯޗު ބުނީ އަހަރުތަކެއް ވަންދެން ކާމިޔާބު ހޯދާފަހުން ދަށް ސީޒަނެއް އަތުވެދާނެ ކަމަށެވެ.

"ޕްރިމިއާ ލީގު ހަ ފަހަރު ހޯދާފަހުން އަތުވެދާނެ ދަށް ސީޒަނެއް ވެސް. އެއީ އިންސާނީ ތޮބީއަތް،" ގާޑިއޯލާ ބުންޏެވެ.

"... އެ މަރުހަލާއަކީ ކުރިމަތިވާންޖެހޭ ހާލަތެއް. އެކަން ހިނގައިފި. އެކަން ހިނގިއިރު ވަރަށް ދިގުދެމިގެންދިޔަ. އަދި އަހަރެމެން ހީކުރި ވަރަށް ވުރެ ވެސް ފުންކޮށް އޭގެ އަސަރުކުރި."

އަންނަ މަހު ފަށާ ސީޒަނުގައި ސިޓީ އަށް އަލުން ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން އޭނާ އަށް އެނާ އަށް އެބައޮތެވެ.