Roadha Mihaaru
ވަގްނާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅަނީ

ވަގްނާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅަނީ

06 ސެޕްޓެމްބަރ 2023

ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ "ވަގްނާ ގުރޫޕް" އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.

ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ "ވަގްނާ ގުރޫޕް" އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.

އިނގިރޭސި ވިލާތުގެ ދައުލަތުގެ މީޑިއާ ބީބީސީން ބުނި ގޮތުގައި ވަގްނާ ގުރޫޕަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އެކުލަވާލާފައިވާ ރިޕޯޓް މިއަދުގެ ވަގުތެއްގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ އެވެ. ގާނޫނު ހަދާ މަޖިލީހުން އެ ރިޕޯޓް ފާސްކޮށްފި ނަމަ، ވަގްނާ ގުރޫޕަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅި، ވަގްނާގެ މުދަލާއި މިލްކިއްޔާތުގައި ހިމެނޭ ކޮންމެ އެއްޗަކީ ޓެރަރިސްޓް ޖަމާއަތެއްގެ މުދާ ކަމަށް ކަނޑައެޅިގެން ދާނެ އެވެ.

ވަގްނާ ގުރޫޕަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ޖަމާއަތުގެ ކޮންމެ މުދަލެއް ދައުލަތަށް ނެގުމުގެ ބާރު، އިނގިރޭސި ސަރުކާރަށް ލިބޭނެ އެވެ. އަދި އިނގިރޭސި އެއްވެސް ރައްޔިތަކު އެ ޖަމާއަތުގައި ބައިވެރިވުމާ އެ ޖަމާއަތަށް ތާއީދުކުރުމަކީ ކުށެއް ކަމުގައި ވެގެންދާނެ އެވެ.

އެމެރިކާގެ ދާޚިލީ ވުޒާރާއާ ހަވާލާދީ ދުވަހު ނޫސް ގާޑިއަން އިން ބުނި ގޮތުގައި ޓެރަރިޒަމް ގާނޫނު 2000ގެ ދަށުން، ވަގްނާ ގުރޫޕާ މެދު ގޮތެއް ކަނޑައެޅުމަށް ސަރުކާރުން ނިންމީ، އެ ޖަމާއަތުގެ ހަރަކާތްތައް ހިންގާ ގޮތާއި އެ ހަރަކާތްތަކުގެ ބާވަތަށް ރިއާޔަތްކުރާ އިރު، ބޭރު ގައުމުތަކުގައި ދިރިއުޅޭ އިނގިރޭސި ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތަކަށް ބެލުމަށް ފަހު އެވެ.

އިނގިރޭސި ވިލާތުގެ ދާޚިލީ ވަޒީރު ސުއެލާ ބްރޭވާމޭން ސިފަކުރައްވާ ގޮތުގައި ވަގްނާ ގުރޫޕަކީ ފަނާކުރަނިވި ވަރަށް އަނިޔާވެރި ޖަމާއަތެކެވެ. އަދި އެއީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ބޭނުންކުރައްވާ އަސްކަރީ ވަސީލަތެއް ކަމަށާއި، އެ ޖަމާއަތުގެ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ވެސް އޭނާ ސިފަ ކުރައްވަ އެވެ.

ވަގްނާ ގުރޫޕުގެ ފަރާތުން އެފްރިކާގެ ބައެއް ގައުމުތަކުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާ ގުޅިގެން، އިނގިރޭސި ވިލާތުން މީގެ ކުރިން ވެސް އޮތީ އެ ޖަމާއަތާއި އެ ޖަމާއަތުގެ އިސް ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް އެއަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އެ ޖަމާއަތާ ދެކޮޅަށް އެޅުމަށް އިނގިރޭސި ވިލާތުގެ އިދިކޮޅު ޕާޓީތަކުން ގޮވާލަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ފެބްރުއަރީ 24، 2022 ގައި ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށައިގެން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ވާގިވެރިވުމުގައި ވަގްނާ ގުރޫޕުން ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ. އަދި އެފްރިކާ އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން އަންނަނީ، ރަޝިޔާގެ ނުފޫޒު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.