Roadha Mihaaru
ޔަހޫދީން ރުއްސަން އިނގިރޭސި ބޮޑުވަޒީރު ވެސް އިޒްރޭލަށް

ޔަހޫދީން ރުއްސަން އިނގިރޭސި ބޮޑުވަޒީރު ވެސް އިޒްރޭލަށް

19 އޮކްޓޯބަރ 2023

ލަންޑަން (އޮކްޓޯބަރު 19) - ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކަށް ހިތްވަރުދީ، ޔަހޫދީން ލޮއްސުމުގެ ގޮތުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވެސް މިއަދު އިޒްރޭލަށް ވަޑައިގެންފި އެވެ.

ލަންޑަން (އޮކްޓޯބަރު 19) - ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކަށް ހިތްވަރުދީ، ޔަހޫދީން ލޮއްސުމުގެ ގޮތުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވެސް މިއަދު އިޒްރޭލަށް ވަޑައިގެންފި އެވެ.

ބޮޑުވަޒީރު ރިޝީ މިއަދު އިޒްރޭލަށް މިވަޑައިގަތީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް އިޒްރޭލުގެ އުދުވާނީ ހަމަލާތަކަށް ހިތްވަރު ދެއްވުމަށް އިއްޔެ އިޒްރޭލަށް އެއް ދުވަހުގެ ޒިޔާރަތެއް ކުރައްވާފައި ވަނިކޮށެވެ. އޭގެ އިތުރުން، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވެސް އިޒްރޭލަށް ވަޑައިގެން ޔަހޫދީ ދައުލަތަށް ހިތްވަރު ދެއްވައިފި އެވެ.

ރިޝީ މިއަދު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫއާ މަޝްވަރާ ކުރެއްވުމަށް ފަހު އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގްގެ އިތުރުން ސަރުކާރުގެ އިތުރު ވަޒީރުންނާ ވެސް ބައްދަލު ކުރައްވާނެ އެވެ. ބެލެވޭ ގޮތުގައި އެ ބޭފުޅުންނާ އެކުގައި ބާއްވާ ބައްދަލުވުންތަކުގައި ވެސް، ރައީސް ބައިޑެންއެކޭ އެއްފަދައިން، ރިޝީ ވެސް ޔަގީންކަން ދެއްވާނީ އިޒްރޭލުން ކުރަނީ ހައްގު މަސައްކަތެއް ކަމަށް އިނގިރޭސި ވިލާތުން ގަބޫލުކުރާ ކަމެވެ.

އިޒްރޭލުގެ ވެރިންނާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި، ރިޝީގެ މި ދަތުރުގައި އެ ސަރަހައްދުގެ އެހެން ބައެއް ގައުމުތަކަށް ވެސް ވަޑައިގަންނަވާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެ އެވެ. އޭގެ ތެރޭގައި މިސްރާއި ޖޯޑްން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބޮޑުވަޒީރު ރިޝީ މެދުއިރުމައްޗަށް މި ކުރައްވާ ދަތުރު ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ގާޒާގައި ހުންނަ އަލް އަހުލީ ހޮސްޕިޓަލަށް ދިން އުދުވާނީ ހަމަލާގެ ސަބަބުން، މިފަދަ ނުރައްކާތެރި ކުރިމަތިލުންތަކުން ރައްކާތެރިވެ ތިބެވޭނެ ގޮތެއް ހޯދުމަށް، މި ސަރަހައްދާއި މުޅި ދުނިޔެ އެކުގައި މަސައްކަތްކުރަންޖެހިފައިވާ ކަން އެނގޭ ކަމަށެވެ. އަދި މި މަސައްކަތުގެ އެންމެ ކުރީގައި އިނގިރޭސި ވިލާތް ދެމިއޮންނާނެ ކަމަށް ވެސް ރިޝީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަސްކަރީ ކުރިމަތިލުމެއްގައި އާންމުންގެ އެންމެ މީހަކު މަރުވުމަކީ ވެސް ހިތާމައެއް ކަމަށެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން އުދުވާނީ ހަމަލާގެ ސަބަބުން، ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައްޖެ ކަމަށް ވެސް ރިޝީ ވިދާޅުވި އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދޭން ފެށުމަށް ފަހު، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައި، ތެލުގެ ބާވަތްތަކާއި ވިޔަފާރި މުދަލާއި ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އިޒްރޭލުގެ ތެރެއިން ގާޒާ އަށް ފޮނުވުން ހުއްޓާލައިފަ އެވެ. އިޒްރޭލުގެ އެ ފިޔަވަޅާ ގުޅިގެން، ގާޒާގެ 2.3 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ އިދާރާތަކުން ބުނެ އެވެ.

އަގްސާ ތޫފާންގެ ނަމުގައި، މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3600 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 12000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއަކީ، ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ވަރުގަދަ މިސައިލް ހަމަލާ އެވެ. އެ ހަމަލާގައި 500 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ޝަހީދުވި އިރު، ޒަޚަމްވި މީހުންގެ ޖުމްލަ އަދަދެއް އަދިވެސް ސާފެއް ނުވެ އެވެ.

ހަމާސް އިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު މިހާރު ވަނީ 1450 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނޭއިރު، ޒަޚަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 4400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.