Roadha Mihaaru
އިނގިރޭސި ވިލާތުން އިތުރު އަސްކަރީ އެހީ ޔޫކްރޭނަށް

އިނގިރޭސި ވިލާތުން ޔުކްރޭނަށް 304 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ

19 ޑިސެމްބަރ 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އިން ދިފާއުވުމަށް ކުރަމުންދާ މަސައްކަތަށް އެހީވެދިނުމުގެ ގޮތުން، 304 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރޭނަށް ފޮނުވުމަށް އިނގިރޭސި ވިލާތުން ނިންމައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އިން ދިފާއުވުމަށް ކުރަމުންދާ މަސައްކަތަށް އެހީވެދިނުމުގެ ގޮތުން، 304 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރޭނަށް ފޮނުވުމަށް އިނގިރޭސި ވިލާތުން ނިންމައިފި އެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުން ރަސްމީ ގޮތުން އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ، ލެތުވިއާގައި މިއަދު އޮންނަ، ޖޮއިންޓް އެކްސްޕެޑިޝަނަރީ ފޯސް (ޖޭއީއެފް)ގެ މަހާސިންތާގައި، އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އެވެ. ޖޭއީއެފް އަކީ އަސްކަރީ ހަރަކާތްތައް ހިންގުމަށް، އިނގިރޭސި ވިލާތުން އިސްނަގައިގެން، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، އައިސްލޭންޑް، ލެތުވިއާ، ލިތުއޭނިއާ، ނެދަލޭންޑްސް، ނޯވޭ އަދި ސްވިޑްން ގުޅިގެން އުފައްދާފައި އޮންނަ ޖަމާއަތެކެވެ.

ޖޭއީއެފްގެ އެންމެ އިސް ވެރިންގެ މި މަހާސިންތާއަކީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ޚާއްސަ މަހާސިންތާއެކެވެ. މި މަހާސިންތާގައި އެންމެ ބޮޑަށް ވާހަކަ ދެކެވޭނެ ކަމަށް ބެލެވެނީ، ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނަށް މިހާރު ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަން، މިއަންނަ 2023 ވަނަ އަހަރު ވެސް ފޯރުކޮށްދެމުން ދިއުމާ ބެހޭ ގޮތުންނެވެ.

ވިލާތުގެ ގައުމުތަކުގެ ތެރެއިން މިހާރުވެސް އެންމެ ގިނައިން ޔޫކްރޭނަށް އަސްކަރީ ގޮތުން މަދަދު ފޯރުކޮށްދެމުން އަންނަނީ އިނގިރޭސި ވިލާތުންނެވެ. އޭގެ ތެރޭގައި އެއް ފަހަރާ ގިނަ ރޮކެޓްތައް ފޮނުވައިލެވޭ ރޮކެޓް ނިޒާމުތަކާއި މަތިންދާބޯޓަށް ހަމަލާދޭ ބޮޑުބަޑި ހިމެނެ އެވެ.

މިއަދު އިއުލާންކުރައްވާ އެހީގެ ތެރެއިން ޔޫކްރޭނަށް ފޮނުވުމަށް ހަމަޖެހިފައިވާ އަސްކަރީ ސާމާނުގެ ތެރޭގައި ބޮޑުބަޑިއަށް ލައްވާ އުންޑައިގެ އެތައް ލައްކަ އުންޑައެއް ހިމެނެ އެވެ. ފެބްރުއަރީ މަހު ހަނގުރާމަ ފެށި ފަހުން މިހާތަނަށް މި ބާވަތުގެ އެއް ލައްކަ އަށް ވުރެ ގިނަ އުންޑަ، އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވައިފި އެވެ.