Roadha Mihaaru
ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި: ޔޫކްރޭން

ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ތުހުމަތު

12 އެޕްރީލް 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ތަފާތު ބާވަތްތަކުގެ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާ އިން ތުހުމަތުކޮށްފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ތަފާތު ބާވަތްތަކުގެ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާ އިން ތުހުމަތުކޮށްފި އެވެ.

ޔޫކްރޭން ސިފައިން ތުހުމަތުކުރާ ގޮތުގައި އެ ގައުމުގެ އިރު ދެކުނުގައި އޮންނަ މަރިއުޕޯލް ހިފުމަށް މަސައްކަތްކުރި ރަޝިޔާ ސިފައިންނަށް ރައްދު ހަމަލާ ދިން ޔޫކްރޭން ސިފައިންނާ ދެކޮޅަށް ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގެ އަލާމާތްތަކެއް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. ޔޫކްރޭންގެ އެއްގަމު ލަޝްކަރުގެ އަޒޯވް ފައުޖުގެ ބައެއް ސިފައިންނަށް މިހާރު ވަނީ އާދަޔާ ހިލާފަށް އެނބުރުން އެރުމުގެ މައްސަލަތަކެއް ކުރިމަތިވާން ފަށައިފަ އެވެ.

އޭގެ އިތުރުން ނޭވާ ލުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސްވެ އެވެ. އެ މައްސަލަތައް މެދުވެރިވާން ފެށީ، އެ ސިފައިން ތިބި މަގާމުތަކަށް ރަޝިޔާގެ ޑްރޯން މަތިންދާބޯޓުތަކަކުން "ގޮތް ނޭނގޭ" ވިހަ އެއްޗެހިތަކެއް ވެރި ފަހުން ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެ އެވެ.

ޔޫކްރޭންގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުގެ ހާރިޖީ ވަޒީރު ލީޒް ޓްރަސް ވިދާޅުވީ މަރިއުޕޯލްގައި ރަޝިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަން ސާބިތުވެއްޖެ ނަމަ، އެކަމަށް ރަޝިޔާ ސަރުކާރު ޒިންމާދާރު ކުރުވާނެ ކަމަށެވެ. އަދި އެ ތުހުމަތުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވެސް ވަނީ، ޔޫކްރޭންގެ ތުހުމަތުތަކާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އަދި އެ ތުހުމަތުތަކުގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޕެންޓަގަނުން ބުނެ އެވެ.

ޕެންޓަގަނުން ބުނި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި ތަފާތު ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބިރު ކުރިން ވެސް އޮތީ އުފެދިފަ އެވެ. މުޒާހަރާތައް ރޫޅައިލުމަށް ބޭނުންކުރާ ކަރުނަ ގޭހާއި އެނޫން ބައެއް ކެމިކަލްތައް އެއްކޮށްގެން ހަދާފައިވާ އެއްޗެއް ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޕެންޓަގަނުން ބުނެ އެވެ.

ނަމަވެސް މަރުއިޕޯލްގެ މޭޔަރު ޕެޓްރޯ އަންދްރިޔުޝެޗެންކޯ ވިދާޅުވި ގޮތުގައި އެ ސަހަރުގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތައް އަދި ކަށަވަރެއް ނުވެ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ ހަތިޔާރެއް ބޭނުންކުރި ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.