Roadha Mihaaru
ޔޫކްރޭނަށް މަތިންދާބޯޓު ދޭން ކޯލިޝަނެއް ހަދަނީ

ޔޫކްރޭނަށް މަތިންދާބޯޓު ދޭން ކޯލިޝަނެއް ހަދަނީ

17 މެއި 2023

ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް މިނިވަންކުރުމަށާއި، ރަޝިޔާ އިން ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ބޭނުންވާ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔޫކްރޭނަށް ފޯރުކޮށްދިނުމުގެ ގޮތުން، އެހެން ގައުމުތަކާ އެކު ކޯލިޝަނެއް އުފެއްދުމަށް އިނގިރޭސި ވިލާތާއި ނެދަލޭންޑުން ނިންމައިފި އެވެ.

ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް މިނިވަންކުރުމަށާއި، ރަޝިޔާ އިން ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ބޭނުންވާ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔޫކްރޭނަށް ފޯރުކޮށްދިނުމުގެ ގޮތުން، އެހެން ގައުމުތަކާ އެކު ކޯލިޝަނެއް އުފެއްދުމަށް އިނގިރޭސި ވިލާތާއި ނެދަލޭންޑުން ނިންމައިފި އެވެ.

ދެ ގައުމުން އެކަމަށް އެއްބަސްވީ، އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއި ނެދަލޭންޑްގެ ބޮޑުވަޒީރު މާކް ރޫޓް، އައިސްލޭންޑްގައި އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. އައިސްލޭންޑްގައި އޮތް ކައުންސިލް އޮފް ޔޫރަޕް ސަމިޓްގެ ބައްދަލުވުމަށް ފަހު ދެ ލީޑަރުން ވަނީ، އިއްޔެ ވަކިން ބައްދަލު ކުރައްވައި، ޔޫކްރޭނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދެ ގައުމު އިސްނަގައިގެން އުފައްދަން ގަސްދުކުރާ ކޯލިޝަންގެ މައިގަނޑު ބޭނުމަކީ ޔޫކްރޭންގެ ވައިގެ ސިފައިންގެ ލަޝްކަރުގެ ގާބިލުކަން އިތުރުކޮށްދިނުމެވެ. އެ ގޮތުން، އެމެރިކާގައި އުފައްދާފައިވާ އެފް-16 މަރުކާގެ މަތިންދާބޯޓުތައް ގަތުމަށް އެހީތެރިވުމާއި، އެ ބޯޓުތައް ދުއްވުމަށް ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކުރުމުގެ ހުރިހާ ކަމެއް އެ ކޯލިޝަނުން ކޮށްދޭނެ އެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ ޔޫކްރޭންގެ ހަގީގީ މަގާމަކީ ނޭޓޯ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރު ރަޝިޔާގެ ފަރާތުން ކުރިމަތިވެފައިވާ ފަދަ އުދުވާނެއް ކުރިމަގުގައި ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ދާއިމީ ގޮތެއްގައި ޔޫކްރޭނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ދެ ލީޑަރުން އެއްބަސްވި އެވެ.

ރަޝިޔާ ސިފައިން ވައިގެ މަގުން ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށްޓަކައި، އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ދިނުމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ގޮވާލައްވަމުން ގެންދަވާތާ އެތައް މަހެއް ވެއްޖެ އެވެ. ނަމަވެސް އެމެރިކާ އިން އެކަމަށް ފާޅުގައި އިންކާރުކުރަމުން އަންނާތީ، އެއްވެސް ގައުމަކުން މިހާތަނަށް އެ ބާވަތުގެ ބޯޓެއް ޔޫކްރޭނަކަށް ނުވިއްކަ އެވެ.

ނަމަވެސް، ނޭޓޯގެ ގިނަ ގައުމުތައް މިހާރު ވެސް އޮތީ، އެމެރިކާ އިން ފެހި ސިގްނަލް ދޭ އިރަށް، އެފް-16 މަރުކާގެ މަތިންދާބޯޓު ޔޫކްރޭނަށް ވިއްކަން ތައްޔާރަށެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް ވިދާޅުވެފައިވަނީ، އެމެރިކާ އިން އެމަރުކާގެ އެންމެ ބޯޓެއް ވެސް ޔޫކްރޭނަށް ނުދޭނެ ކަމަށެވެ.

އެފް-16ގެ މަތިންދާބޯޓަކީ އެމެރިކާގައި އުފައްދާފައިވާ އަސްކަރީ އުޅަނދަކަށް ވެފައި، އެހެން ގައުމުތަކުން ގަނެގެން އެ ބާވަތުގެ މަތިންދާބޯތުތައް ބޭނުންކުރިޔަސް، އިތުރު ގައުމަކަށް އޭގެ ބޯޓެއް ވިއްކޭނީ އެމެރިކާގެ ހުއްދަ ލިބިގެންނެވެ. އެއީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ގައުމުތަކަށް ވިއްކާ އިރު، އެމެރިކާ އިން ޝަރުތުކޮށްފައި އޮންނަ ކަމެކެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެފް-16 މަރުކާގެ މަތިންދާބޯޓުތައް ޔޫކްރޭނަށް ލިބިއްޖެ ނަމަ، މިހާރު ކުރަމުންދާ ހަނގުރާމައިގައި ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ޔޫކްރޭނަށް ލިބޭނެ އެވެ. ނަމަވެސް ހަމައެކަނި ބޯޓުތައް ވިއްކައިގެން އެކަން ހާސިލުނުވާނެ ކަމަށާއި، އެކަން ހާސިލުވާނީ އެ ބާވަތުގެ ބޯޓުތަކުގައި ބޭނުންކުރަން ޚާއްސަ މިސައިލްތަކާއި އެ މިސައިލްތައް އަމާޒު ހިފުމަށް ބޭނުންވާ ހުރިހާ ސޮފްޓްވެއާއެއް ވެސް ލިބިގެން ކަމަށް ތަޖުރިބާކާރުން ބުރަވެ އެވެ.

ނަމަވެސް އެމެރިކާ ބިރުގަންނަނީ، ހަނގުރާމައިގެ ތެރޭގައި އެފަދަ ބޯޓެއް ވެއްޓިއްޖެ ހާލަތެއްގައި ރަޝިޔާގެ ބާރުގެ ދަށަށް އެ ފަދަ ބޯޓެއް ހިނގައިދާނެތީ އެވެ. އޭރުން އެފަދަ ބޯޓުތަކުގައި އެމެރިކާ އިން ހިމަނާފައިވާ ޓެކްނޮލޮޖީ އާއި އެނޫން އަސްކަރީ ސިއްރުތައް ރަޝިޔާ އަށް ލިބުމަކީ، އެމެރިކާއަށް ލިބޭނެ ފޫނުބެއްދޭނެ ގެއްލުމަކަށް ވާނެ އެވެ.