Roadha Mihaaru
ރައީސް ކެމްޕޭން ފައްޓަވަން ކޯލިޝަނާއެކު ބައްދަލުވުމެއް

ރައީސް ކެމްޕޭނަށް ނުކުންނަވަން ކޯލިޝަނާ އެކު ބައްދަލުވުމެއް

15 ޖޫން 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ކެމްޕޭނަށް ނުކުންނަވަން ކޯލިޝަން ޕާޓީތަކާއި ކެމްޕޭން ޓީމުތަކާ އެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ކެމްޕޭނަށް ނުކުންނަވަން ކޯލިޝަން ޕާޓީތަކާއި ކެމްޕޭން ޓީމުތަކާ އެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ކެމްޕޭން ތަރުތީބުކޮށް، ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދަށް ފަހު ފަށަން ޓީމުތަކާ އެކު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ އަދާލަތާއި އެމްޑީއޭ އެވެ.

ރައީސްގެ ކެމްޕޭން ފަށަން ނިންމާފައި ވަނީ މި މަހުގެ ފަހު ހަފުތާގައި އަންނަ އީދު ބަންދަށް ފަހު އެވެ. އެކި ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކޯލިޝަންގެ ޕާޓީތަކުގެ ޓީމުތަކާ ވެސް އެކުގަ އެވެ.

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ކެމްޕޭން ފެށުމުގެ ކުރިން ކޯލިޝަން ތިން ޕާޓީން އެކުގައި ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އެމްޑީޕީއާ އެކު ކޯލިޝަނަށް އަދާލަތާއި އެމްޑީއޭއިން އެއްބަސްވެފައި ވިޔަސް ކޯލިޝަން ހެދުމުގެ އެއްބަސްވުން މިހާތަނަށް ފައިނަލްނުވާ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

ކެމްޕޭން ޓީމުތަކާ އެކު ރައީސް އިބްރާހިމް ސޯލިހް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.

ކެމްޕޭން ޓީމުތަކާ އެކު ރައީސް އިބްރާހިމް ސޯލިހް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.

އެމްޑީޕީން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ކޯލިޝަންގެ ދައުވަތު ދީފަ އެވެ. ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އުވާލި ކަމަށް އީސީން އިއުލާންކުރި އެ ޕާޓީ މިހާރު އޮތީ ގާނޫނީ މަރުހަލާގެ ތެރޭގަ އެވެ. ކޯލިޝަނާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ދައުވަތު ގަބޫލުނުކޮށް އިންތިހާބުގައި ވަކިން ވާދަކުރަން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ދެވަނަ ދައުރަކަށް ކެމްޕޭން ފަށަން ތައްޔާރުވި އިރު ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ތިއްބެވި މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ނިންމައިފަ އެވެ. އެ ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ އިރު އެމްޑީޕީއާ ވާދަކުރަން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.

އެމްޑީޕީން ބަޔަކު ވަކިވުމާއި ޖޭޕީން ވެސް ކޯލިޝަނާ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރިޔަސް މި އިންތިހާބު އެއް ބުރުން ކާމިޔާބުކުރެވޭނެ ކަަމަށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.