Roadha Mihaaru
ޔޫވީ ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ހިތްވަރެއް

ޔޫވީ ބަލިކޮށްގެން ހޯދި ފުރަތަމަ މޮޅާ އެކު ގްރީން ސްޓްރީޓްސް އަށް ހިތްވަރެއް

19 މެއި 2023

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެން ކްލަބް ގްރީން ސްޓްރީޓްސް އިން މި ސީޒަންގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެން ކްލަބް ގްރީން ސްޓްރީޓްސް އިން މި ސީޒަންގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ޔޫވީ އާއި ގްރީން ސްޓްރީޓްސް ވެސް ވަނީ ކުޅުނު ދެ މެޗުން ބަލިވެފަ އެވެ. ޔޫވީގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 7-2 ިއން ބަލިވިއިރު ސަސް އަތުން ބަލިވީ 3-0 އިންނެވެ. ގްރީން ސްޓްރީތްސްގެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-1 އިން ބަލި ވެފައި ވާއިރު ދެވަނަ މެޗުގައި މާޒިޔާ އަތުން ބަލިވީ 5-0 އިންނެވެ. މިއަދުގެ މޮޅާ އެކު ލީގު ބްރޭކަކަށް މެދުކަނޑާލުމުގެ ކުރިން ގްރީން އިން މިވަނީ ރަނގަޅު މޮޅަކާ އެކު ޓީމު ކުރިއަށް ދާން ހިތްވަރެއް ހޯދައިފަ އެވެ.

ޔޫވީ އާއި ގްރީން އަކީ ވެސް މި ސީޒަނަށް އެންމެ ލަހުން ތައްޔާރުވާން ފެށި ދެ ޓީމެވެ. ލީގުގެ ކުރިން އޮތް ޕްރެޒިޑެންޓްސް ކަޕްގައި ވެސް ވާދަ ނުކުރާ ދެ ޓީމަކީ މިއީ އެވެ. ފްރެޒިޑެންޓްސް ކަޕްގެ މެދުތެރޭން ފަރިތަކުރުންތައް ފެށި ގްރީން އާއި ޔޫވީގެ މެދުގައި ރަހުމަތްތެރިކަމުގެ މެޗެއް ވެސް ކުޅެފައި ވެއެވެ. ނަމަވެސް އެ މެޗުން ކުރި ހޯދީ ޔޫވީ އެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ގިނަ ފުރުސަތު އުފެއްދީ ޔޫވީ އެވެ. ޔޫވީގެ ޝަނާން ރަޝާދު ފޮނުވާލި ބޯޅައެއް ކީޕަރާ ހަމައަށް ދިޔުމުގެ ކުރިން އަހުމަދު ނާހިލް އިބްރާހިމް ބްލޮކް ކުރިއިރު ޝިފާން ހަސަން (ޝިފާންޓެ) ބޮލުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒެއް ނުވި އެވެ. އަރީން އަބްދުﷲ އިބްރާހިމް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ފުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު އަލީ މީސާގް އީސާ ޖެހި ގޯލެއް ނުގުނީ އޮފްސައިޑް ވެގެންނެވެ. އަދި އަރީން ތަނަވަސް ކުރި ފުރުސަތަކުން މީސާގު ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެން.

މެޗުގެ އިތުރު ވަގުތުގައި އަނޫސް، ގްރީންގެ ތިންވަނަ ގޯލު ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ އިތުރު ވަގުތުގައި އަނޫސް، ގްރީންގެ ތިންވަނަ ގޯލު ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގެ ފަހުކޮޅު ގްރީން އިން ކުޅުން ރަނގަޅު ކޮށްގެން އުފެއްދި ހަމަލާތަކުގައި މުހައްމަދު ރާއިފް ފަޒީލް ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވިއިރު ނާހިލް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައި ގޯލު މަތިން ބޭރަށެވެ. ހާފުގެ ފަހު މިނިޓުގައި އޮގީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ހުރަސްކޮށްލި ބޯޅަ ރާއިފް ފަޒީލް ފޮނުވާލުމުން ކީޕަރު އަލީ ނާޖިހު (ނާޖީ) ދިފާއު ކުރި އެވެ. އަދި ރީބައުންސްވި ބޯޅަ މުހައްމަދު ފަރުހާން (ފަރުއްކޮ) ފޮނުވާލުމުން ވެސް ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

މި ހާފުގެ އިތުރު ވަގުތުގައި ކޯނަރަކުން ލިބުނު ފުރުސަތުގައި ގްރީން އަށް ލީޑު ހޯދައިދިނީ އިބްރާހިމް ހާމިދެވެ. ނާހިލް ކޯނަރުން ނެގި ބޯޅަ ގޯލު ހުރަސް ވެގެން ފާ ޕޯސްޓުދަނޑީގައި ޖެހިފައި އައި ހާމިދު ވަނީ އެއްފަހަރުން ޖަހައި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ދެވަނަ ހާފުގައި ގްރީން އިން ލީޑު ފުޅާކުރީ ވެސް ހާމިދު ޖަހައިދިން ގޯލަކުންނެވެ. އޭނާ ވަނީ މެޗުގެ 62 ވަނަ މިނިޓުގައި ހުސެއިން ނަބީހު ތިރިތިރިން ގޯލު ކުރިމައްޗަށް ދިން ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ކުރިން ވެސް ހާމިދަށް ގޯލު ޖަހާނެ ފުރުސަތު ލިބުނެވެ. ނަމަވެސް ހުސްކޮށް ލިބުނު ފުރިސަތުގައި ފޮނުވާލި ބޯލަ ކީޕަރު ނާޖިހު ދިފާއު ކުރިއިރު ލިބުނު ރީބައުންސް ބޯޅަ ގޯލާ އަމާޒެއް ނުކޮށްލެވުނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ގްރީންގެ ބަދަލު ކުޅުންތެރިޔާ ހުސެއިން ހާފިޒަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. އިބްރާހިމް އަންސަރު (އަންކޮ) ހުސްކޮށްލާފައި ދިން ބޯޅަ އޭނާ އަށް މާ ރަނގަޅަށް ފޮނުވާނުލެވުމުން ކީޕަރު ނާޖިހު ވަނީ އެ ބޯޅަ އަތަށް ނަގައިފަ އެވެ.

ގްރީންގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި އަބްދުﷲ އަނޫސް އެވެ. އަނޫސް ވަނީ ނާހިލް ނަގައިދިން ހުރަސް ގޯލު ކުރިމަތީ ހުރެ ބޮލުން އަރައި ގޯލަށް ފޮނުވާލައިފަ އެވެ. އަނޫސް އަކީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އަރައި ސަސް ކައިރިން ގްރީން އަށް ސުން ކަޑުވައިދިން ކުޅުންތެރިޔާ އެވެ.

ޔޫވީ އިން މި މެޗުގައި ސުން ކަނޑުވައިލީ ގްރީންގެ ތިންވަނަ ލަނޑަށް ފަހު، އަލުން ކުޅުން ފަށައިގެން ހޯދި ފުރުސަތެއްގައި މުހައްމަދު ހުސެއިން އެވެ.