Roadha Mihaaru
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި

ދިވެހި ލީގުން ވަކިވިކަން ގްރީން އިން ރަސްމީކޮށް އަންގައިފި

20 ނޮވެމްބަރ 2023

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ބާކީބައިގައި ނުކުޅެން ނިންމިކަން، ގްރީން ސްޓްރީޓްސް އިން އެފްއޭއެމް އަށް އަންގައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ބާކީބައިގައި ނުކުޅެން ނިންމިކަން، ގްރީން ސްޓްރީޓްސް އިން އެފްއޭއެމް އަށް އަންގައިފި އެވެ.

މިދިޔަ ބުދަ ދުވަހު، ގްރީންގެ އޮފިޝަލަކު ބުނީ ނިމިދިޔަ ސަރުކާރުން ކްލަބްތަކަށް ފައިސާ ދިނުމުގައި ތަފާތު ކުރުން ގެންގުޅެފައި ވުމުން ލީގުގައި ވާދަ ނުކުރަން ނިންމާފައިވާ ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަށް ދޭން ނިންމި އެއް މިލިއަން ރުފިޔާ ކްލަބްތަކުގެ މެދުގައި ބެހި އިރު، އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް، އެކި ކްލަބްތަކަށް ފައިސާ ދެއްވީ އެކި މިންވަރަށެވެ.

މާޒިޔާ އާއި އީގަލްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ބުރު ސްޕޯޓްސް އަށް، ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދިނެވެ. އެކަމަކު ގްރީން އާއި ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީ އަށް ދިނީ، ކޮންމެ ކްލަބަކަށް 250،000 ރުފިޔާ އެވެ.

ވެލެންސިއާ ވެސް ވަނީ ލީގުން ވަކިވިކަން ރަސްމީކޮށް މާ ކުރިން އަންގައިފަ އެވެ. އެއާ އެކު އެ ކްލަބް ކުޅެން ހަމަޖެހިފައިވާ މެޗުތައް އެހެން ކްލަބްތަކަށް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ގާތްގަނޑކަށް 80 ދުވަހަށް ފަހު ފެށި ޕްރިމިއާ ލީގުގައި ނުކުޅެން ގްރީން އިން ކުރިން ވެސް ތިބީ ނިންމައިގެންނެވެ. އެކަމަކު އެކަން "ރަސްމީ ކުރީ" ރޭ އެފްއޭއެމަށް އެ ކްލަބުން ފޮނުވި ސިޓީ އަކުންނެވެ.

ގްރީންގެ ކެޕްޓަން އަންސަރު އިބްރާހިމް، އެ ޓީމު ކުރިން ކުޅުނު މެޗެއްގައި ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތް ކުރަނީ --- ފައިލް ފޮޓޯ: އެފްއޭއެމް

ގްރީންގެ ކެޕްޓަން އަންސަރު އިބްރާހިމް، އެ ޓީމު ކުރިން ކުޅުނު މެޗެއްގައި ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތް ކުރަނީ --- ފައިލް ފޮޓޯ: އެފްއޭއެމް

"ރޭގައި އެބައޮތް ސިޓީ ފޮނުވާފަ. ސިޓީގައި އޮތީ ފައިނޭންޝިއަލް ހާލަތު އޮތް ގޮތުން ލީގުން ވަކިވާން ނިންމި ވާހަކަ،" އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގްރީންގެ ސިޓީ ކަމާ ބެހޭ ކޮމިޓީ އަށް ފޮނުވާނެ ކަމަށެވެ. ޝެޑިއުލްގައި އޮތް ގޮތުން މިއަދު ގްރީން އިން ބުރު ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޖަވާޒު ވިދާޅުވީ މިއަދު މެޗު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތުމުން، މިއަދު ކޮމިޓީން ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

"މެޗުތައް ފޯފީޓްވިކަމަށް ނިންމާނެ ކަމަށް ބޮޑަށް ބެލެވެނީ. އެކަމަކު ކޮމިޓީން ނިންމީމަ ދެއްތޯ ރަސްމީކޮށް އިއުލާން ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ވެލެންސިއާ އާއި ގްރީން ލީގުން ވަކިވުމުން، ދެން ލީގުގައި ވާދަކުރަނީ ހަ ޓީމެވެ. މި އަހަރު ލީގުން އެއްވެސް ޓީމެއް ރެލިގޭޓް ނުކުރާނެކަމަށް ބެލެވެ އެވެ.