Roadha Mihaaru
ފުއްގިރި މައްސަލަ: ޔާމީންގެ އިސްތިއުނާފް ނިމުމަކާގާތަށް

ފުއްގިރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ނިމި، ހުކުމާ ހަމައަށް

08 މެއި 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ފަސް ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ އަޑުއެހުމަށްފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އަންނަ ހޯމަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ލަފާ ކުރެވޭ ވަރަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

ފުއްގިރީގެ މުއާމަލާތުގެ ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކާ މެދު ނިންމި ނިންމުން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ. އެ ހުށަހެޅުމަށް ދެކޮޅު ހަދައި، ދައުލަތުން ބުނެފައިވަނީ ޖިނާއީ އިޖްރައާތު ގާނޫނު އޮތްގޮތުން ދޭންޖެހެނީ ޕީޖީ އޮފީހާއި ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގައި ލިޔުންތައް އެކަނި ކަމަށެވެ. އަދި ދައުލަތުގެ މާނައިގެ ތެރޭގައި ދައުލަތުގެ އެހެން މުއައްސަސާތައް ނުވަންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޔާމީން ވިދާޅުވީ ވަކި ބަޔަކަށް ފުއްގިރި ކުއްޔަށް ދިނުމުގައި އެމަނިކުފާނުގެ ދައުރެއް އޮތްތޯ ފުލުހުން ބަލާފައި އޮންނާނެ ކަމަށެވެ. އަދި އެ ލިޔުންތައް ދޭން ދައުލަތުން މިހާރު ދެކޮޅު ހަދަނީ ފުއްގިރި މައްސަލައާ އެމަނިކުފާނާ ގުޅުމެއް ނެތުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ލިޔުންތައް ހުންނާނީ ބައްލަވާފައި. އެ ލިޔުންތައް ބައްލަވާއިރު އެކަހަލަ އެއްވެސް ލިޔުމެއް ނެތީމަ މިއަދު އަޅުގަނޑުމެންނަށް ނުލިބިގެން މި އުޅެނީ އަޅުގަނޑުމެން ރިކުއެސްޓް ކޮށްގެން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެހެން އިދާރާތަކުގައި ހުރި ލިޔުންތައް ދޭން ނުޖެހޭނެ ކަމަށް ދައުލަތުން މިހާރު ބުންޏަސް، އާރަށުގެ މައްސަލާގައި ދައުލަތުން ބޭނުންވުމުން ރައީސް އޮފީހުގައި ހުރި ލިޔުންތައް ވެސް ކޯޓަށް ގެނައި ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުން

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުން

ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ ދިފާއު ބިނާކުރަން ބޭނުންވާ ލިޔުންތައް ހޯދަން ގާނޫނުގެ ދަށުން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެ ކަމަށެވެ. އަދި ކުރީގެ މައްސަލަތަކުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތެއް ހޯދަން އެދުމުން މައުލޫމާތުތައް ނުލިބުނު ކަމަށާއި އެކަމަކު ލިޔުންތައް ނުލިބި މައްސަލާގެ ދިފާއު ބިނާ ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމާ ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި އެވެ.

އެއީ ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ބަލައިނުގަތުމަށް އެދި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ މިހާރު އެ ފުރުސަތު ނުދިނުމަށެވެ. އަދި ހެކި ވަޒަން ކުރުމުގެ މަރުހަލާގައި އެކަންކަމާ މެދު ގޮތެއް ނިންމުމަށެވެ. އެ ނިންމުން ވެސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ.

ދައުލަތުން ބުނީ ހެއްކާބެހޭ ގާނޫނަކީ މި މައްސަލައަށް ވުރެ ފަހުން އައި ގާނޫނެއް ކަމަށްވާތީ އެ ގާނޫނުގެ ދަށުން އާ ހުށަހެޅުންތަކަށް ފުރުސަތު ދޭން ނުޖެހޭނެ ކަމަށެވެ. އަދި އެ ފުރުސަތު ދޭންޖެހޭނަމަ ދެން ހުރި ހުރިހާ މައްސަލަތަކުގައި ވެސް އާ ހުށަހެޅުންތަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމުގައި މެދުވެރިއަކަށްވުމުގެ ދައުވާލިބޭ ކްރިކް ރިޒާގެ ފަރާތުން ވެސް ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. ކްރިކް ރިޒާގެ ފަރާތުން ހުށަހެޅީ އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށެވެ.

ދައުލަތުން ބުނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށް ގާނޫނުލް އުގޫބާތުގައި ނޯންނާތީ އެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށެވެ.

ބައެއް ހެކިތައް ހާމަ ކުރުމުގެ އަމުރަކަށް އެދި ވެސް ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި އެވެ. އެއީ ހެކިން ތަހުގީގަށް ދިން ބަޔާނުގެ ވީޑިއޯ އަދި އޯޑިއޯ ރެކޯޑިން ހޯދުމަށެވެ. ދައުލަތުން ބުނީ ހެކިން ތަހުގީގަށް ދޭ ބަޔާންތަކުގެ ރެކޯޑިންތަކެއް ނުހުންނަ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ ފުއްގިރި މައްސަލާގެ ޝަރީއަތް ދަށު ކޯޓުން އެއް ހަފުތާއަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން އަދި ނުފަށަ އެވެ.