Roadha Mihaaru
ފުއްގިރި މައްސަލައިގެ ނިންމުންތަކުގެ އިސްތިއުނާފް ފަށަނީ

ފުއްގިރި މައްސަލައިގެ ނިންމުންތަކުގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ފަށަނީ

03 މެއި 2023

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކުގެ އިސްތިއުނާފް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކުގެ އިސްތިއުނާފް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ފަށަން ހަމަޖައްސައިފި އެވެ.

ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަންގެ އިތުރުން ކްރިކް ރިޒާގެ މައްޗަށް ދައުވާކުރެ އެވެ.

އެ މައްސަލާގެ އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވި އެވެ. އެއީ ދައުލަތުގެ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ނިންމި ނިންމުމާއި ބައެއް ލިޔުންތައް ދިނުމާ ގުޅޭގޮތުން ނިންމި ނިންމުމެވެ.

އެހެން ނަމަވެސް ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުން ބާތިލް ކުރަން ނުޖެހޭ ކަމަށެވެ.

އެ ހުކުމް އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަށަން އެ ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން އެ މައްސަލާގެ އަޑުއެހުންތައް ފަށާއިރު، ފުއްގިރި މައްސަލާގެ ހެކިބަސް ނެގުން ވެސް ކްރިމިނަލް ކޯޓުން އެދުވަހު ފަށަން މިހާރު އޮތީ ހަމަޖައްސައިފަ އެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުހެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އިސްތިއުނާފް ކުރައްވައިފަ އެވެ.

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.