Roadha Mihaaru
އައިސީޕީގެ އާ ވިންގެއް ހުޅުވައި ހިދުމަތް ފުޅާކޮށްފި

އައިސީޕީގެ އަހަރީ ދުވަހު އާ ވިންގެއް ހުޅުވައި ހިދުމަތް ފުޅާކޮށްފި

29 އެޕްރީލް 2023

ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު އިންސްޓިޓިއުޓް ފޯ ކައުންލެސިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) ގެ އާ ވިންގެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު އިންސްޓިޓިއުޓް ފޯ ކައުންލެސިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) ގެ އާ ވިންގެއް ހުޅުވައިފި އެވެ.

އެ ތަން ހުޅުވީ އައިސީޕީއަށް އަށް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ތަން ހުޅުއްވައިދެއްވީ ކުރީގެ ޖެންޑާ މިނިސްޓަރު ރާޝިދާ ޔޫސުފެވެ.

ރާޝިދާ ޔޫސުފް އައިސީޕީގެ އާ ވިންގް ހުޅުއްވައި ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާޝިދާ ޔޫސުފް އައިސީޕީގެ އާ ވިންގް ހުޅުއްވައި ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އައިސީޕީ މިހާރު ހިންގާ އިމާރާތުގައި އަލަށް ހުޅުވި ވިންގަކީ އޮކިއުޕޭޝަނަލް ތެރަޕީ ދޭ ރޫމަކާއި ދެ ކައުންސިލިން ރޫމާ އެއް ކޮންސަލްޓޭޝަނާއި ވެއިޓިން އޭރިއާއެއް ހިމެނޭ ތަނެކެވެ.

މިއީ އެ ސެންޓަރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވި އާ ވިންގެކެވެ.

އައިސީޕީގެ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އޮތް ރަސްމިއްޔާތުގައި އެ ސެންޓަރުގެ މެނޭޖިން ޑިރެކްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ފާއިތުވި 8 އަހަރުގެ ތެރޭގައި ގިނަ ހިދުމަތްތަކެއް އެ ސެންޓަރުން ދީފައިވާ ކަމަށެވެ.

އައިސީޕީގެ މެނޭޖިން ޑިރެކްޓަރު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އައިސީޕީގެ މެނޭޖިން ޑިރެކްޓަރު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން ވަރަށް އާދައިގެ ގޮތަކަށް ފެށި މަސައްކަތެއް ފުޅާވެ މި ކުރިއަރަނީ. އަޅުގަނޑުމެން އަށް އަހަރު ފާހަގަކުރާ އިރު، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ކޮންމެވެސް ސިފައެއްގައި އަޅުގަނޑުމެންގެ ހިދުމަތްތައް ވާނީ ފޯރުކޮށްދެވިފަ އަދި މި ހިދުމަތްތައް އިތުރަށް ފުޅާކޮށް އެންމެންނަށް ހިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ." ޝިދާތާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އައިސީޕީގެ ޗެއާޕާސަން ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ސެންޓަރެއް ހުޅުވީ އެ މަސައްކަތަކީ އަމިއްލަ ބައެއްގެ ޝާމިލުވުން އޮންނަން ޖެހޭ މަސައްކަތަކަށް ވުމުން ކަމަށެވެ. އަދި ނަފްސާނީ މައްސަލަތަކުގެ ހައްލު ހޯދައި ދިނުމަކީ ސަރުކާރަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ފަދަ ސެންޓަރުތަކަކީ އާއްމުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް މުހިންމު ތަންތަން ކަމަށް ވިދާޅުވި އެވެ.

އައިސީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވެސް ވަނީ ރާއްޖޭގައި ނަފްސާނީ މައްސަލަތައް އިތުރުވަމުން ދާއިރު އެ ފަދަ ސެންޓަރެއްގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމަށް އެ ސެންޓަރުންކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީގެ ސަބްސިޑަރީއެއް ކަމަށްވާ އައިސީޕީ އަކީ އެކި އުމުރުގެ މީހުންނާއި ކުދިންގެ ނަފްސާނީ އެސެސްމަންޓު ހެދުމާއި، އެކި ވައްތަރުގެ ތެރަޕީ އާއި ނަފްސާނީ ދުޅަހެޔޮކަމާއި ބަލިތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމުތައް ހިންގާ އެ ފަދަ ކަންކަމާއި ގުޅޭ ޓްރެއިނިން ސެޝަންތައް ވެސް ބާއްވަމުން އަންނަ އިންސްޓިޓިއުޓެކެވެ.