Roadha Mihaaru

އައިސީޕީން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހާއްސަ ޕެނަލް ޑިސްކަޝަނެއް

09 އޮކްޓޯބަރ 2022

މެންޓަލް ހެލްތު ދުވަހާ ގުޅިގެން އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޯތެރަޕީ(އައިސީޕީ) އިިން ހާއްސަ ޕެނަލް ޑިސްކަޝަނެއް މިއަދު ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މެންޓަލް ހެލްތު ދުވަހާ ގުޅިގެން އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޯތެރަޕީ(އައިސީޕީ) އިިން ހާއްސަ ޕެނަލް ޑިސްކަޝަނެއް މިއަދު ބާއްވައިފި އެވެ.

އެ ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރީ މަސައްކަތުގެ މާހައުލުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކެވެ. އެ ޕެނަލް ޑިސްކަޝަނުގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. އަބްދުﷲ ޝާހު މާހިރު އާއި ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބާއި އައިސީޕީގެ އެމްޑީ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި އައިސީޕީގެ ސައިކޮލޮޖިސްޓު ޑިމުތު ޕަސްކުއަލް އެވެ.

އައިސީޕީގެ އެމްޑީ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޕެނަލުގައި ވާހަކަ ދައްކަވަނީ. ދެ ސްޓޭޓް މިނިސްޓަރުން ޕެނަލިސްޓުންގެ ގޮތުގައި އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެ ވަޑައިގެންނެވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިސީޕީގެ އެމްޑީ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޕެނަލުގައި ވާހަކަ ދައްކަވަނީ. ދެ ސްޓޭޓް މިނިސްޓަރުން ޕެނަލިސްޓުންގެ ގޮތުގައި އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެ ވަޑައިގެންނެވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ޕެނަލްގައި މަސައްކަތުގެ މާހައުލު ދިގުލައި ދިއުމުގެ ސަބަބުން މީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތަކާއި މަސައްކަތުގެ ސްޓްރެސްގެ ސަބަބުން ދިރިއުޅުމަށް ކުރާ ބައެއް އަސަރުތަކުގެ ވާހަކަތައް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ރާއްޖޭގައި އޮންނަ، 24 ގަޑި އިރު މަސައްކަތަށް ވަގުތު ދޭ ސަގާފަތާއި އެކަމުގެ ނޭދެވޭ ނަތީޖާ ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ބައެއް ދަތިތަކަށް ކުރިމަތިލާނެ ގޮތާއި، "ވޯކް އެންޒައިޓީ" މެނޭޖު ކުރެވިދާނެ ބައެއް ގޮތްތައް ވެސް މަޝްވަރާކުރި އެވެ.

ޕެނަލް ޑިސްކަޝަނުގެ ބައެއް ބައިވެރިން. ފޮޓޯ: ފަޔާޒް މޫސާ

ޕެނަލް ޑިސްކަޝަނުގެ ބައެއް ބައިވެރިން. ފޮޓޯ: ފަޔާޒް މޫސާ

އެ ޕެނަލް ޑިސްކަޝަންގައި ރާއްޖޭގައި ނަފްސާނީ ބަލި ހުންނަ މީހުންނަށް ފަރުވާ ދިނުމުގައި ދިމާވާ ބައެއް ދަތިތައް ވެސް ޕެނަލިސްޓުން ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން ޖަޒީރާ ގައުމަކަށްވެ، ރިސޯސް މަދު ތަނަކަށްވުމުން އެހީ ބޭނުންވާ ިނަ ބަޔަކަށް އެހީ ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށާއި، އެ ކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ވެސް ފާހަގަކުރި އެވެ. އަދި ނަފްސާނީ ބައްޔާ މެދު މީހުން ދެކޭ ގޮތް ބަދަލު ކުރުމާއި ސިއްހީ މަސައްކަތްތެރިންގެ މެދުގައި ވެސް އެ ކަމަށް އަހުލުވެރިކުރުމުގެ މުހިންމު ކަމާއި މެދު ވެސް މަޝްވަރާކުރި އެެވެ.

އެ ޕެނަލް ޑިސްކަޝަންގައި ބައިވެރިންނަށް ސުވާލާއި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

އައިސީޕީއިން ބުނީ އެ ޕެނަލް ޑިސްކަޝަނަކީ ކާމިޔާބު ޑިސްކަޝަނެއް ކަމަށާއި، މުހިންމު ވާހަކަތަކެއް މަޝްވަރާ ކުރެވިއްޖެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ނަފްސާނީ މައްސަލަތަކަށް ހުށަހެޅޭ ގިނަ ކަންތައްތަކަކާ މަޝްވަރާކޮށް، ބައުންޑްރީޒްގެ މުހިންމުކަން ކިޔައިދެވުނު ކަމަށެވެ.

ވޯލްޑް މެންޓަލް ހެލްތު ޑޭ އަކީ މާދަމާ އެވެ. އެ ދުވަހާ ގުޅުވައިގެން މި މަހު، އައިސީޕީއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައިވެ އެވެ.