Roadha Mihaaru
ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ އަސަރު

ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ އަސަރު ދަރިންނަށް ކުރޭ

10 އޮކްޓޯބަރ 2022

ކުޑަކުދިން ދުނިޔެއަށް އުފަންވަނީ އެ ކުދިން ބަލަހައްޓަންވީ ގޮތުގެ މެނުއަލެއް ނެތި އެވެ. ކޮންމެ މީހަކުވެސް، މަޔަކަށް ނުވަތަ ބަފައަކަށްވުމުން، ކުއްޖާގެ ކަންތައްތައް ކުރަންވީ ގޮތް އަމިއްލަ އަށް ދަސްކުރަނީ އެވެ. ބައެއް ފަހަރު، އެ ކުދިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ހަރުދަނާ އުސޫލުތައް މައިންބަފައިންގެ ފަރާތުން ފެނެ އެވެ. އަނެއްބައި ފަހަރު، ދަރިންނާ މެދު އިހުމާލުވެ، ތަރުބިއްޔަތު ދިނުމުގައި ފަރުވާކުޑަވާ ތަން ވެސް ފެނެ އެވެ.

ކުޑަކުދިން ދުނިޔެއަށް އުފަންވަނީ އެ ކުދިން ބަލަހައްޓަންވީ ގޮތުގެ މެނުއަލެއް ނެތި އެވެ. ކޮންމެ މީހަކުވެސް، މަޔަކަށް ނުވަތަ ބަފައަކަށްވުމުން، ކުއްޖާގެ ކަންތައްތައް ކުރަންވީ ގޮތް އަމިއްލަ އަށް ދަސްކުރަނީ އެވެ. ބައެއް ފަހަރު، އެ ކުދިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ހަރުދަނާ އުސޫލުތައް މައިންބަފައިންގެ ފަރާތުން ފެނެ އެވެ. އަނެއްބައި ފަހަރު، ދަރިންނާ މެދު އިހުމާލުވެ، ތަރުބިއްޔަތު ދިނުމުގައި ފަރުވާކުޑަވާ ތަން ވެސް ފެނެ އެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އާއްމުކޮށް ކޮންމެ މީހަކު ވެސް އެ މީހެއްގެ ތަޖުރިބާތަކަށް ބަލަ އެވެ. އަދި އެ މީހެއްގެ މައިންބަފައިންނާ އޮންނަ ގުޅުމާއި އެ މީހެއްގެ މައިންބަފައިން އެ މީހަކާ މެދު ކަންތައް ކުރާ ގޮތަކީ އެ މީހެއްގެ އަމިއްލަ ޕޭރަންޓިން ސްޓައިލަށް ނުވަތަ ދަރިން ތަރުބިއްޔަތުކުރާ ގޮތަށް ނުފޫޒު ފޯރުވާ ކަމެކެވެ.

ދަރިން ތަރުބިއްޔަތުކުރާ ވާހަކަ ދައްކާ އިރު، "ގުޑް ޕޭރަންޓިން" އަކީ ވަރަށް ގިނައިން އިވޭ ބަހެކެވެ. އެކި މީހުންގެ ނަޒަރުގައި ރަނގަޅު ބެލެނިވެރިއަކަށް ވެވޭނީ ވަކި ކަންތައްތަކެއް ކޮށްގެންނެވެ. ދަރިން ތަރުބިއްޔަތު ކުރާ ގޮތްތަކަށް ބަލާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ސްޓައިލުތަކަށް ދަރިން ތަރުބިއްޔަތު ކުރާއިރު، ވަކި ސްޓައިލެއް ގޯހޭ ބުނެވޭކަށް ނެތެވެ. ނަމަވެސް، ބައެއް ސްޓައިލުތަކުން ނޭދެވޭ އަސަރު ކޮށްފާނެ އެވެ. ހާއްސަކޮށް ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ ވައްޓަފާޅި އާއްމުކޮށް ބިނާވެފައި އޮންނަނީ ދަރިން ހެދިބޮޑުކުރަން ބޭނުންވާ ގޮތުގެ މައްޗަށެވެ. މިސާލަކަށް، ދަރިންނަށް "ބައުންޑްރީޒް" ނުވަތަ ކަންކަމުގައި އޮންނަން ޖެހޭ އިންތައް ދަސްކޮށްދިނުމަށް ބައެއް މައިންބަފައިން އެ މީހުންގެ ދަރިންނާ އެކު ގާތް ގުޅުމެއް ބޭއްވި ނަމަވެސް ހަރުކަށި ވާންޖެހޭ ކަންތައްތަކުގައި ހަރުކަށިވެ އެވެ. އެއާހިލާފަށް ބައެއް ބެލެނިވެރިންނަކީ އެ މީހުންގެ ދަރިން އަމިއްލައަށް އިތުބާރުކުރެވޭ ޒިންމާދާރު މީހުންނަށް ވާނެ ކަމަށް ދެކި، ހަރުކަށިކަމެއް ނެތި ކުދިންނަށް ހުރިހާ މިނިވަންކަމެއް ދީގެން ތަރުބިއްޔަތު ކުރާ ބައެކެވެ. އަދި ބައެއް މައިންބަފައިންނަކީ، ވަރަށް ހަރުކަށި ގަވާއިދުތަކަކާ އެކު، ދަރިން ތަރުބިއްޔަތުކުރާ ބައެކެވެ.

ދަރިން ތަރުބިއްޔަތުކުރާ ބައެއް ގޮތްތައް

ޑަޔާނާ ބޯމްރިންޑް، އެލެނާ މޮކޯބީ އަދި ޖޯން މާޓިންގެ ލިޔުންތަކަށް ބަލާއިރު، ދަރިން ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރާ ހަތަރު ވައްޓަފާޅިއެއް ފާހަގަކޮށްލެވެ އެވެ.

- ނެގްލެކްޓްފުލް ޕޭރަންޓިން ސްޓައިލް

ނެގްލެކްޓްފުލް ޕޭރަންޓިން ސްޓައިލް ނުވަތަ ފަރުވާކުޑަކޮށް ދަރިން ބޮޑުކުރާ ބެލެނިވެރިންނަކީ ކުދިންގެ އެއްވެސް ކަމަށް ސަމާލުކަން ނުދީ، ކުދިންގެ ކަންކަމުގައި އިހުމާލުވުމެވެ. އެ ވައްޓަފާޅިއަށް އުޅޭ ބެލެނިވެރިން ދަރިންނަށް އެދެވޭ ތަރުބިއްޔަތެއް ނުދިނުމުގެ ސަބަބުން ދަރިންގެ އިނގެންޖެހޭ ގިނަ ކަންތައްތަކެއް ނޭނގެ އެވެ.

- ޕާމެސިވް ޕޭރެންޓިން ޕޭރަންޓިން

ޕާމެސިވް ޕޭރަންޓިން ސްޓައިލަކީ ކުއްޖާއަށް ވަރަށް ދޫ ދީގެން ތަރުބިއްޔަތު ކުރުމަށް ކިޔާ ނަމެކެވެ. އެ ސްޓައިލްގައި ދަރިންބަލާ ބެލެނިވެރިން ކުދިންނަށް ކުށެއް ނުވަތަ ރަނގަޅު ކަމެއް ކުރެވުނަސް އެކަމާ އަޅާނުލާ، އެ ކުރެވުނު ގޯސް ކަމަކުން ފިލާވަޅެއް ދަސްވާނެ ކަމަށް އުއްމީދުކޮށް، އެކަންކަމަށް ދޫ ދޭނެ އެވެ. އަދި އެ ފަދަ ބެލެނިވެރިން ކުދިންނަށް އުޅެންވީ ގޮތާއި ނޫޅެންވީ ގޮތެއް ނުބުނެދޭނެ އެވެ.

- އޮތޯރިޓޭރިއަން ޕޭރެންޓިން ސްޓައިލް

އޮތޯރިޓޭރިއަން ސްޓައިލުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެ ކުދިންގެ ކަންކަން އަޑުނާހާ، އަމިއްލަ ޑިމާންޑުތަކެއް ނެރެ، ވަކި އެކްސްޕެކްޓޭޝަނަކަށް ކުދިން އުޅުމަށް ބާރުއަޅާ، ހަރުކަށި އުސޫލުތަކެއް ގެންގުޅުމަށް ކިޔާ ނަމެކެވެ.

- އޮތޯރިޓޭޓިވް ޕޭރެންޓިން ސްޓައިލް

އޮތޯރިޓޭޓިވް ސްޓައިލަކީ ދަރިންނާއި އެކު ރަނގަޅު ގުޅުމެއް ބިނާ ކޮށް، ކުދިންނަށް ބޭނުންވާ އަހައްމިޔަތާއި ސަމާލުކަން ދީ، އެ ކުދިންނަށް ރަނގަޅާ ނުބައި އަންގައިދީގެން ތަރުބިއްޔަތު ކުރުމަށް ކިޔާ ނަމެކެވެ. އަދި އެ ސްޓައިލުގައި ދަރިން ބަލާ ބެލެނިވެރިންނަކީ އެ ކުދިންގެ އިހުސާސުތައް ދެނެގަންނަން މަސައްކަތްކުރާ، އެ ކުދިންގެ އިހުސާސުތަކާއި، ހިޔާލުތަކަށް ވެސް އިހުތިރާމު ކުރާ ބައެކެވެ.

ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖަކަށް ވާއިރު، އެ ކުއްޖެއް ބެލުމުގައި އަމަލު ކުރަންވީ އެންމެ ރަނގަޅު ގޮތް އިނގޭނީ މައިންބަފައިންނަށެވެ. މައިންބަފައިންގެ އަމަލުތަކާއި، ދަރިން ތަރުބިއްޔަތު ކުރާ ގޮތަކީ ކުއްޖާގެ ހެދިބޮޑުވުމާއި، ކުއްޖާގެ މުޅި ދިރިއުޅުމާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނެ ކަމަކަށް ވާއިރު، ކުދިން ތަރުބިއްޔަތު ކުރުމުގައި އެ ކަމަށް ސަމާލުވުން މުހިންމެވެ.

ނަފްސާނީ ދުޅަހެޔޮ ޖީލެއް ބިނާ ކުރެވޭނީ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން މައިންބަފައިން ދަރިންނަށް ދޭން ޖެހޭ އަޅާލުމާއި، ލޯތްބާއި ތަރުބިއްޔަތު ދީގެންނެވެ.

ނޯޓް: މިއީ ނަފުސާނީ ފަރުވާ ދިނުމަށް ސިމްޑީ ކުންފުނިން އުފައްދާފާއި އައިސީޕީ އިން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. އައިސީޕީ އަކީ ސިމްޑީގެ ސަބްސިޑަރީ ކުންފުންޏެކެވެ.