Roadha Mihaaru
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"

ޗާގޯސް ދިވެހިންނަށް ގެއްލުނުއިރު ދެރައީ ޔާމީން ޖަލުގައި ހުރީމަ: އަދުރޭ

28 އެޕްރީލް 2023

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ދެ ގައުމުން ބެހުމުގެ މައްސަލާގައި މިއަދު ނިންމި ނިންމުމާއެކު، ޗާގޯސް "ދިވެހިންނަށް ގެއްލުމުން" އެންމެ ދެރަވަނީ މި ވަގުތު ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ދެ ގައުމުން ބެހުމުގެ މައްސަލާގައި މިއަދު ނިންމި ނިންމުމާއެކު، ޗާގޯސް "ދިވެހިންނަށް ގެއްލުމުން" އެންމެ ދެރަވަނީ މި ވަގުތު ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

"ޗަގޯސް"ގެ ނަމުގައި އިދިކޮޅުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާއެކު، "ޗާގޯސް ގެއްލުމަކީ" މި ސަރުކާރުން ދިވެހިންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި އެއީ ދިވެހިންގެ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ހިތާމަކުރަނީ ގައުމު މި ހާލަތަށް އައިރު، މި އަނދަވަޅަށް ދިވެހި ގައުމު ވެއްޓުނުއިރު، މި ކަންބޮޑުވުން ފާޅުކުރަން އަޅުގަނޑުމެން ނުކުމެ ތިބިއިރު، އަޅުގަނޑުމެންގެ ރައީސް [ޔާމީން] މި އަނިޔާވެރި ނުލަފާ ނުބައި، ޖައްބާރު ސަރުކާރުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ، ފުރަ ގޭގައި ހުންނެވުން،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅުން ބޭއްވި "ޗަގޯސް" ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިދިކޮޅުން ބޭއްވި "ޗަގޯސް" ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަދުރޭ ވިދާޅުވި ގޮތުގައި، ޔާމީން ޖަލުން މިނިވަންވެވަޑައިގެން މި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ވެރިކަމުގައި ޗާގޯސް ދިވެހިންނަށް އަނބުރާ ހޯއްދަވައިދެއްވާނެ އެވެ.

ޔާމީން މި ވަގުތު ހުންނެވީ ވ. އާރަށުގެ މައްސަލާގައި ހިޔާނާތުގެ ކުށް ސާބިތުވެ، އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންޒީކުރަން ޖަލުގަ އެވެ. އެ ހުކުމް އައުމުގެ ކުރިން ޕީޕީއެމުން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ރިޔާސީ ޓިކެޓް ޔާމީންއާ ހަވާލުކުރައްވައިފަ އެވެ. އެ ހުކުމްގެ އިސްތިއުނާފުގެ މަރުހަލާ މިހާރު ކޯޓުގައި ކުރިއަށް ދެ އެވެ.

އިދިކޮޅުން އާޓިފިޝަލް ބީޗުގައި ބޭއްވި "ޗަގޯސް" ޖަލްސާ: މި ޖަލްސާ ބޭއްވީ ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް އަޑުފުލުމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިދިކޮޅުން އާޓިފިޝަލް ބީޗުގައި ބޭއްވި "ޗަގޯސް" ޖަލްސާ: މި ޖަލްސާ ބޭއްވީ ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް އަޑުފުލުމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަދުރޭ ތުހުމަތުކުރެއްވި ގޮތުގައި، ޗާގޯސް "އަތުލީ" ދިވެހި ސަރުކާރުން މޮރިޝަސްއާ އެކު ސިއްރު ޑީލެއް ހަދައިގެންނެވެ. އެކަން ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ވެސް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުން ބުނަނީ، އަޅުގަނޑުމެންނެއް ނޫން، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ އިއްޒަތްތެރި މެމްބަރުން ވިދާޅުވަނީ 500 މިލިއަން ޑޮލަރަށޭ، މި ޑީލް ހަދައިގެން މި އުޅެނީ: އަދުރޭ

"އެމްޑީޕީގެ މެމްބަރުން ބުނަނީ، އަޅުގަނޑުމެންނެއް ނޫން، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ އިއްޒަތްތެރި މެމްބަރުން ވިދާޅުވަނީ 500 މިލިއަން ޑޮލަރަށޭ، މި ޑީލް ހަދައިގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އަދުރޭ އެގޮތަށް ވިދާޅުވިއިރު، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބައިވުންތަކުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތައީދުކުރައްވާ މެމްބަރުން ދަނީ ޗާގޯސް މައްސަލާގައި ސަރުކާރާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. ނަޝީދު ވެސް ވަނީ ރާއްޖެއިން މި ނިންމެވުން ބަލައިނުގަތުމަށް މިއަދު ގޮވާލައްވައިފަ އެވެ.

އަދުރޭ އެހެން ވިދާޅުވިޔަސް، މިއަދު ނިންމި މައްސަލަ އަކީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ނޫނެވެ. މިއަދު ނިންމީ ދެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައި ބަހާނެ ގޮތުގެ މައްސަލަ އެވެ. އެ މައްސަލަ ނިމުނީ ވެސް ރާއްޖޭގެ ކޮޅަށެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބާރު ހިނގާ ތަނެއް ކަމަށް އދ. އިން 2019 ގައި އޮތީ ނިންމައިފަ އެވެ.

ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެ ނިންމި ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިން ވަކިކުރުން ކަމަށާއި ރާއްޖެ އަކީ ބައިނަލްއަގުވާމީ އުސޫލުގެ ތެރެއިން އިން ވަކިކުރެވިފައިވާ ގައުމަކަށް މިއަދު ވެއްޖެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުން ބުނީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.