Roadha Mihaaru
ގޮވާމުން ޒަކާތް ބަލައިގަންނަން ފަށަނީ

އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށަނީ

09 އެޕްރީލް 2023

އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އަދި ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން މި މަހު 20 ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ފިތުރު ޒަކާތަށް ދައްކާނީ އެ ބަޔަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި ބަލައި ގަންނާނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލްގެ ހޯލު) އިން ކަމަށް މިނިސްޓްރީން ބުންޏެވެ. އެތަނަށް ވަދެވޭނީ އަމީރު އަހްމަދު މަގުގައި ހުންނަ އެ ސްކޫލްގެ ގޭޓުން ކަމަށް ވެސް ބުންޏެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން 3:15 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށެވެ.

މިނިސްޓްރީން މި ރޯދަ މަހު އަންނަނީ މާލޭގެ އިސްލާމީ މަރުކަޒުންނާއި ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ނަގުދު ފައިސާއިން ވެސް ޒަކާތް ބަލައިގަންނަމުންނެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.