Roadha Mihaaru
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 65 މިލިއަން ހަރަދުކުރި

ތިން އަހަރު ތެރޭ ޒަކާތު ފަންޑުން ބޭސްފަރުވާ އަށް 65 މިލިއަން ހަރަދުކުރި

29 މާޗް 2023

މިދިޔަ ތިން އަހަރު ތެރޭގައި ބޭސް ފަރުވާގެ އެހީ ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން 65 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ތިން އަހަރު ތެރޭގައި ބޭސް ފަރުވާގެ އެހީ ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން 65 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ޑރ. ޒާހިރު މިހެން ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ޒަކާތު ފަންޑުން ކިހާ ވަރަކަށް އެހީތެރިކަން ފޯރުކޮށްދޭތޯ ބެލުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވެފައި ވަނީ ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަދާފައިވާ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެ ގޮތަށް އެހީ ފޯރުކޮށްދެނީ ބެހެނިވެރިން ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

ޒަކާތު ފަންޑުން 3 އަހަރު ބޭސްފަރުވާ އަށް ދިން އެހީ

2019 - 22،578،835.77ރ.

2021 - 6،335،337ރ.

2022 - 35،937،671ރ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ދާ ފަރާތްތަކަށް އެންސްޕާ އަދި އާސަންދަ މެދުވެރިކޮށް ވެސް ވަރަށް ބޮޑެތި އެހީތައް ދެ އެވެ. ޒަކާތު ފަންޑުން އެހީ ދެނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ފޯމެއް ފުރައި ހުށަހެޅުމުންނެވެ.