Roadha Mihaaru
"އާރްއާރްއާރް"އަށް އަނެއްކާވެސް ޝަރަފްވެރި އެވޯޑުތަކެއް

ހޮލީވުޑް ކްރިޓިކްސް އެސޯސިއޭޝަނުން ދޭ ޝަރަފްވެރި 5 އެވޯޑެއް "އާރްއާރްއާރް" އަށް

27 ފެބުރުއަރީ 2023

ހޮލީވުޑްގެ ކްރިޓިކްސް އެސޯސިއޭޝަނުން ދޭ ޝަރަފްވެރި ގިނަ އެވޯޑުތަކެއް އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އިން ހޯދައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހޮލީވުޑްގެ ކްރިޓިކްސް އެސޯސިއޭޝަނުން ދޭ ޝަރަފްވެރި ގިނަ އެވޯޑުތަކެއް އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އިން ހޯދައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަ ވަނަ "ހޮލީވުޑް ކްރިޓިކްސް އެސޯސިއޭޝަން ފިލްމް އެވޯޑް" ހަފްލާގައި، މިދިޔަ އަހަރުގެ އެންމެ މަގްބޫލު އެއް ފިލްމުގެ ގޮތުގައި ފާހަގަކޮށްލެވޭ، "އާރްއާރްއާރް" ފިލްމަށް ވަނީ ފަސް އެވޯޑެއް ލިބިފަ އެވެ.

އެންޓީ ރަމާ ރާއޯ ޖޫނިއާ އަދި ރާމް ޗަރަން ލީޑުން ފެނުނު އެ ފިލްމަށް ވަނީ "ބެސްޓް އެކްޝަން ފިލްމް" އާއި، "ބެސްޓް ސްޓަންޓްސް" އާއި، "ބެސްޓް އިންޓަނޭޝަނަލް ފިލްމް ކެޓަގަރީސް" އަދި "ސްޕޮޓްލައިޓް" އެވޯޑުގެ އިތުރުން، އެ ފިލްމުގެ ލަވަ، "ނާޓޫ ނާޓޫ" އަށް އެންމެ މޮޅު ލަވައިގެ އެވޯޑު ލިބިފަ އެވެ.

"ނާޓޫ ނާޓޫ" ލަވަޔަށް ވަނީ މި އަހަރު ބޭއްވި ގޯލްޑެން ގްލޯބްސް އެވޯޑް އަދި ކްރިޓިކްސް ޗޮއިސް އެވޯޑުގައި ވެސް އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑު ހޯދައިފަ އެވެ. އަދި އަންނަ މާޗު މަހު އޮންނަ، އޮސްކާ އެވޯޑުގައި ވެސް އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ކެޓަގަރީއަށް އެ ލަވަ ވަނީ ނޮމިނޭޓު ވެފަ އެވެ.

ކްރިޓިކްސް އެސޯސިއޭޝަން އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޝަން ފިލްމުގެ އެވޯޑާ ހަވާލު ވަމުން އެސްއެސް ރާޖަމޯލީ ވަނީ އެ އެވޯޑާއި، "ބެސްޓް ސްޓަންޓް" އެވޯޑު ލިބުމުގައި، ފިލްމުގެ ސްޓަންޓް ކޮރިއަގްރަފަރުންގެ މުހިންމުކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

"އަހަރަމެން މުނިފޫހިފިލުވައިދިނުމަށްޓަކައި އެ މީހުން (ސްޓަންޓް ކޮރިއޯގްރަފަރުން) ގެ ފުރާނަ ނުރައްކަލަކަށް ހުށަހަޅާ. ހުރިހާ ބޮޑެތި އެވޯޑުތައް ދޭ ފަރާތްތަކުގެ ކިބައިން އެދެނީ، ސްޓަންޓް ކޮރިއޯގްރަފަރުންނަށް ހާއްސަ، ޝަރަފްވެރި އެވޯޑެއް ތައާރަފްކޮށްދިނުން،" ރާޖަމޯލި ބުންޏެވެ.

އެ ހަފްލާގައި "އާރްއާރްއާރް" އަށް ގިނަ ނޮމިނޭޝަންތަކެއް ލިބިފައިވާއިރު، ރާޖަމޯލީ ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ނޮމިނޭޓުވެފަ އެވެ.

"އާރްއާރްއާރް" ފިލްމާއި، އޭގެ ލަވަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައި ވާއިރު ބައިނަލްއަގްވާމީ ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފަ އެވެ.