Roadha Mihaaru
ބޮލީވުޑްގައި އެވޯޑް ދެނީ އިންސާފުންތަ؟

ބޮލީވުޑްގައި އެވޯޑް ދެނީ އިންސާފުން ނޫން ކަމަށް ބުނާ މީހުން ގިނަވަނީ

15 ޖެނުއަރީ 2017

ހިންދީ ފިލްމުތަކަށް މިހާރު ދޭ ގިނަ އެވޯޑުތަކަކީ ފިލްމީ ތަރިން އެހާ ގަބޫލުކުރާ އެއްޗަކަށް ނުވެ އެވެ. ފިލްމު ފެއާ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކުރުމާ އެކު ވެސް ގިނަ ބަޔަކު ވަނީ އެވޯޑްގެ ފަނޑިޔާރުންނާއި އިންތިޒާމުކުރާ ފަރާތަށް ފާޑު ކިޔައިފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ހިންދީ ފިލްމުތަކަށް މިހާރު ދޭ ގިނަ އެވޯޑުތަކަކީ ފިލްމީ ތަރިން އެހާ ގަބޫލުކުރާ އެއްޗަކަށް ނުވެ އެވެ. ފިލްމު ފެއާ އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކުރުމާ އެކު ވެސް ގިނަ ބަޔަކު ވަނީ އެވޯޑްގެ ފަނޑިޔާރުންނާއި އިންތިޒާމުކުރާ ފަރާތަށް ފާޑު ކިޔައިފަ އެވެ.

ފާޑުކިޔާ މީހުން ބުނަނީ މި އަހަރު އެވޯޑު ހައްގު ބަޔަކު މަޝްހޫރު އެވޯޑްތަކަށް އެންމެ ކުޑަމިނުން ނޮމިނޭޓް ވެސް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ތިން ފިލްމެއް ކާމިޔާބުކުރި އެކްޓަރެއް ހިމެނެ އެވެ. އަނެއް އެކްޓަރަކީ މިފަހަރު ނެޝަނަލް އެވޯޑު ހޯދާނެކަމަށް ބެލެވިފައިވާ ކުޅަދާނަ އެކްޓަރެކެވެ.

މި ނޫނަސް އެވޯޑު ލިބުން ހައްގު ވަރަށް ގިނަ ނަންތަކެއް ނޮމިނޭޓް ނުވުމަކީ އެވޯޑުތަކުގެ ސައްހަކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

އަކްޝޭ ކުމާރު - އެއާލިފްޓް

އަކްޝޭ (ވ) "އެއާލިފްޓް"ގެ ޑައިރެކްޓަރާއެކު

އަކްޝޭ (ވ) "އެއާލިފްޓް"ގެ ޑައިރެކްޓަރާއެކު

އަކްޝޭ ކުޅެފައިވާ ރޯލަކީ އެވޯޑު ހައްގު ރޯލަށް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް އޭނާއަށް މި ފިލްމުން އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން ނޮމިނޭޝަނެއް ހައްގެވެ. ސަބަބަކީ "އެއާލިފްޓް"ގައި އަކްޝޭ ދެއްކި ޕާފޯމަންސަކީ މިދިޔަ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޕާފޯމަންސަށް ވާތީ އެވެ. ޚާއްސަކޮށް އިރާގު ސިފައިން އޭނާގެ ޑްރައިވަރު މަރާލާ މަންޒަރުގައި އަކްޝޭގެ ޕާފޯމަންސް އާދަޔާޚިލާފަށް މޮޅެވެ،

އާމިރު ޚާން – ދަންގަލް

ބައެއް އެވޯޑުތަކަށް ބައެއް ފަހަރަށް އާމިރު ޚާން ނޮމިނޭޓް ކުރިޔަސް އެންމެ ފަހަރަކުވެސް އޭނާއަށް އެވޯޑު ދޭނެ ކަމަކަށް އެއްވެސް މީހަކު އުންމީދު ކުރާނެ ވެސް ކަމެއް ނެތެވެ. އެވޯޑު ހަފުލާތައް އާމިރު ކަހަލަ އެކްޓަރުން ބޯއިކޮޓްކުރަނީ މިފަދަ ނާއިންސާފުން ހިނގާ ކަންތައްތައް ގިނަކަމުންނެވެ. އެންމެ ފަހުން ނުކުތް އާމިރުގެ "ދަންގަލް"ގައި އޭނާ ދައްކާފައިވާ ޕާފޯމަންސަކީ މީން ދުވަހަކު ވެސް އޭނާ ދެއްކި އެންމެ މޮޅު އެކްޓިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް އާމިރު އެވޯޑު ގަބޫލު ނުކުރާނެތީ އެވޯޑުތައް އޮގަނައިޒްކުރާ ފަރާތްތަކުން ވެސް އޭނާއަށް އެވޯޑު ދޭން ވިސްނާނެ ކަމަކަށް ނުބެލެވެ އެވެ.

ފާތިމާ ސަނާ ޝޭޚް – ދަންގަލް

"ދަންގަލް"ގައި އެންމެ މޮޅު ބައެއް އަދާކުރީ ގީތާ ޕޯގަޓްގެ ރޯލު ކުޅުނު ފާތިމާ އެވެ. ބައެއް ފަހަރަށް އާމިރު ޚާންގެ ޕާފޯމަންސަށް ވެސް ހިޔަނި އެޅޭ ވަރަށް ފާތިމާގެ އެކްޓިން މޮޅެވެ. ޚާއްސަކޮށް އެންމެ ފަހުގެ ބައިގަ އެވެ. ނަމަވެސް އެއްވެސް ކެޓަގަރީއަކުން އެއްވެސް އެވޯޑަކަށް ފާތިމާ ނޮމިނޭޓްވާނެކަމަށް ހީކުރުމަކީ ވެސް ގޯހެކެވެ. އެއަށްވުރެ އެވޯޑުތައް އިންތިޒާމްކުރާ ފަރާތްތަކުން އިސްކަން ދޭނީ ފިލްމީ ތަރިންގެ ރުހުން ހޯދުމަށެވެ. ނަމަވެސް ބެސްޓް ޑެބިއު އެވޯޑް ފަހަރެއްގައި އޭނާއަށް ލިބިދާނެ އެވެ.

މަނޯޖް ބަޖްޕާއީ – އަލީގަޅް

މަނޯޖް ބަޖްޕާއީ "އަލީގަޅް"ގައި

މަނޯޖް ބަޖްޕާއީ "އަލީގަޅް"ގައި

ގިނަ ބަޔަކު ބުނަނީ އަހަރުގެ އެންމެ މޮޅު ޕާފޯމަންސެއް ދެއްކީ "އަލީގަޅް" އިން މަނޯޖް ބަޖްޕާއީ ކަމަށެވެ. އަދި އޭނާއަށް ނެޝަނަލް އެވޯޑުވެސް ހައްގުކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް އެވޯޑު ޝޯއެއްގައި އޭނާއަށް އެވޯޑު ލިބިފައެއް ނުވެ އެވެ. އަދި ނޮމިނޭޓް ވެސް ނުވެ އެވެ.

ތާޕްސީ ޕަންނޫ "ޕިންކް"ގެ މަންޒަރެއްގައި

ތާޕްސީ ޕަންނޫ "ޕިންކް"ގެ މަންޒަރެއްގައި

ތާޕްސީ ޕަންނޫ – ޕިންކް

އަމީތާބު ބައްޗަން "ޕިންކް" އިން ނޮމިނޭޓްވެފައިވާ ތަން ފެނުނެވެ. ހަމަ މި ފިލްމުން ކްރީތީ ކުލްހާރީ ބެސްޓް ސަޕޯޓީން އެކްޓަރުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވެ އެވެ. ނަމަވެސް އެއްވެސް އެވޯޑަކަށް ތާޕްސީ ޕަންނޫ ނޮމިނޭޓް ވެސް ނުވި އެވެ. އަލަށް ފިލްމު ކުޅޭ ތަރިން މޮޅު ނަމަ އެމީހުން އެވޯޑުތަކަށް ނޮމިނޭޓް ނުވާންވީ ސަބަބެއް ނެތެވެ. ނަމަވެސް ކަން ވަނީ އެހެނެއް ނޫނެވެ.

އަނިރުދަ ރޯއި ޗައުދަރީ – ޕިންކް

އަހަރުގެ އެންމެ މޮޅު ފިލްމުތަކަގެ ތެރޭގައި "ޕިންކް" ނޮމިނޭޓް ވެފައި ވިޔަސް އެއްވެސް އެވޯޑަކަށް އެ ފިލްމުގެ ޑައިރެކްޓަރު އަނިރުދަ ރޯއި ޗައުދަރީ ނޮމިނޭޓެއް ނުވެ އެވެ. އެއަށް ވުރެ މާ ފީކަޅާ ފިލްމުތައް އުފެއްދި ޑައިރެކްޓަރުން ނޮމިނޭޓްވެފައިވާއިރު އޭނާ ނޮމިނޭޓް ނުވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

މި ނޫނަސް ނޮމިނޭޝަން ހައްގު ވަރަށް ގިނަ ބަޔަކު ވަނީ ބާކީ ކުރެވިފަ އެވެ. އޭގެ ތެރޭގައި "ސަރަބްޖީތު" ގެ އެކްޓަރު ރަންދީޕް ހޫޑާ އާއި "ޕާޗްޑް"ގެ އެއް ބަތަލާ ތަނިޝްތާ ޗެޓަޖީ އަދި "އެއާލިފްޓް"ގެ ޑައިރެކްޓަރު ރާޖާ ކްރިޝްނާ މެނަން ހިމެނެ އެވެ.