Roadha Mihaaru
ސިދާތު އާއި އަދިތީ ކައިވެނިކޮށްފި

ސިދާތު އާއި އަދިތީ ކައިވެނިކޮށްފި

16 ސެޕްޓެމްބަރ 2024

ދެކުނު އިންޑިއާގެ އެކްޓަރު ސިދާތު ސޫރިޔާނާރަޔަން އާއި ބޮލީވުޑްގެ އެކްޓްރެސް އަދިތި ރާއޯ ހައިދަރީއާ މިއަދު ކައިވެނިކޮށްފި އެވެ.

ދެކުނު އިންޑިއާގެ އެކްޓަރު ސިދާތު ސޫރިޔާނާރަޔަން އާއި ބޮލީވުޑްގެ އެކްޓްރެސް އަދިތި ރާއޯ ހައިދަރީއާ މިއަދު ކައިވެނިކޮށްފި އެވެ.

ސިދާތު އާއި އަދިތީ ކައިވެނިކުރީ މިއަދު ދެ ފަރާތުގެ އާއިލާ އާއި ރަށްޓެހިންނާ އެކު ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ. ސައުތު އިންޑިއަން ސްޓައިލްގެ އެ ކައިވެނި ހަފުލާ ބޭއްވީ އިންޑިއާގެ ތެލަންގާނާގައި ހުންނަ 400 އަހަރުވީ ފައްޅިއެއްގަ އެވެ.

އަދިތީ ވަނީ އެ ކައިވެނީގެ ފޮޓޯތައް ދެންމެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ސިދާތު އާއި އަދިތީ ރަށްޓެހިވީ 2021 ވަނަ އަހަރު އެވެ. އެއީ، އެ ދެ ތަރިން އެކުގައި މަސައްކަތްކުރި ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ "މަހާ ސަމުދުރަމް"ގެ ޝޫޓިންގެ ދުވަސްވަރު އެވެ.

އެ ދެމީހުންގެ އެންގޭޖުމަންޓް ބޭއްވީ މިދިޔަ މާޗު މަހު އެވެ.

ސިދާތު އާއި އަދިތީ ވެސް ވަނީ ކުރިން ކައިވެންޏެއް ކޮށްފަ އެވެ.

ސިދާތު ކުރިން ކައިވެނިކޮށްގެން އުޅުނީ މެގްނާ ނަރަޔަންއާ އެވެ. އެ ކައިވެނި 2007 ވަނަ އަހަރު ރޫޅުނީ ކައިވެންޏަށް ހަތަރު އަހަރުވީ ފަހުންނެވެ.

އަދިތީ ކުރިން ކައިވެނިކޮށްގެން އުޅުނީ ހިންދީ ޑްރާމާތަކުގައި މަޝްހޫރު އެކްޓަރު ސަތުޔާދީޕް މިޝްރާއާ އެވެ. އެ ކައިވެންޏަށް ހަތަރު އަހަރު ފަހުން ކައިވެނި ރޫޅުނީ 2013 ވަނަ އަހަރު އެވެ.