Roadha Mihaaru
ފަހު ދެ މަސް ބޮލީވުޑްގެ ކައިވެނީގެ ފޯރިގަނޑަކަށް

އަހަރުގެ ފަހު ދެ މަސް ބޮލީވުޑްގެ ކައިވެނީގެ ފޯރިގަނޑަކަށް ވެދާނެ

01 ނޮވެމްބަރ 2021

މި އަހަރުގެ ފަހު ދެ މަހަކީ ބޮލީވުޑްގެ ކައިވެނީގެ ފޯރިގަނޑު ގަދަ ދެ މަހަށް ވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ފަހު ދެ މަހަކީ ބޮލީވުޑްގެ ކައިވެނީގެ ފޯރިގަނޑު ގަދަ ދެ މަހަށް ވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އާލިއާ ބަޓާއި ރަންބޫރް ކަޕޫރްގެ އިތުރުން ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަންނަ މަހުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް ބެލެވޭ އިރު، މި ލިސްޓަށް މިހާރު އަނެއްކާ ވެސް ޖޯޑެއް އިތުރުވެފައިވެ އެވެ. އެއީ މި ވަގުތު ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ރާޖްކުމާރު ރާއޯ އެވެ.

އީޓައިމްސް އިން ގެނެސްދީފައިވާ ރިޕޯޓެއްގައިވާ ގޮތުން މި މަހު ފާހަގަކުރާ ދިވާލީ އަށް ފަހު ރާޖް އާއި ލޯބިވެރިޔާ ޕަޓްރަލޭކާ ކައިވެނި ކުރާނެ އެވެ. އެ ނޫހުން ބުނި ގޮތުގައި ރައްޓެހިވެގެން އުޅޭތާ މިހާރު 10 ވަރަކަށް އަހަރު ވެފައިވާ ދެ ބައިވެރިންގެ ކައިވެނީގެ ހަފުލާ ބާއްވާނެ ކަމަށް ބެލެވެނީ މި މަހުގެ 10-12 އާ ދޭތެރޭ ދުވަހެއްގަ އެވެ. އަދި އެކަމުގެ ތައްޔާރީތައް ދެ ފަރާތުގެ އާއިލާ އިން ވެސް ވަމުން އަންނަ ކަމަށް އީޓައިމްސް އިން ބުންޏެވެ.

ރާޖްއެކޭ އެއްގޮތަށް ޕަޓްރަލޭކާ އަކީ ވެސް ފިލްމީ ތަރިއެކެވެ. އެކަމަކު އޭނާ އަކީ މާ މަޝްހޫރު ބަތަލާއެއް ނޫނެވެ. ރާޖާއި ޕަޓްރަލޭކާ އެކީގައި ފިލްމެއް ވެސް ކުޅެފައިވާ އެވެ. އެއީ 2014 ގެ "ސިޓީލައިޓްސް" އެވެ. ޕަޓްރަލޭކާ، 32، ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ލަވް ގޭމްސް" ގެ އިތުރުން "ނާނޫ ކީ ޖާނޫ" ހިމެނެ އެވެ.

ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ "ހަމް ދޯ ހަމާރޭ ދޯ" ގެ ބަތަލު ރާޖް، 37، މި މަހު ކައިވެންޏަށް ތައްޔާރުވާ ކަމަށް މީޑިއާތަކުން ބުންޏަސް، އޭނަ މިކަމާ ބެހޭ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ބޮލީވުޑްގެ ފިލްމީ ތަރިންނަކީ އަބަދު ވެސް އެ މީހުންގެ ލޯބީގެ ގުޅުންތަކާއި ކައިވެނި ވެސް ވަރަށް ބޮޑަށް ސިއްރުކުރާ ބައެކެވެ.

މި އަހަރު ދެން ފެންނާނެ ކަމަށް ބެލެވޭ އަނެއް ކައިވެންޏަކީ ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ލަސް ކޮށްފައި އޮތް އަލީ ފަޒަލް އާއި ރިޗާ ޗައްޑާގެ ކައިވެންޏެވެ. ބެލެވޭ ގޮތުން އެ ދެ ތަރިން ކައިވެނި ކުރާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މި އަހަރުގެ މިހާތަނަށް ބޮލީވުޑުން ފެނިގެން ދިޔަ އެންމެ ފާހަގަ ކޮށްލެވޭ އެއް ކައިވެންޏަކީ ޖެނުއަރީގައި ކުރި ވަރުން ދަވަނާއި ނަތާޝާ ދަލާލުގެ ކައިވެންޏެވެ. ދެން މި އަހަރު ކުރެވުނު ފާހަގަ ކޮށްލެވޭ އަނެއް ކައިވެންޏަކީ ބަތަލާ ސޯނަމް ކަޕޫރްގެ ކޮއްކޮ/ޕްރޮޑިއުސަަރު ރިއާ ކަޕޫރާއި ކަރަން ބޫލާނީގެ ކައިވެންޏެވެ.

ދާދި ފަހުން އެކްޓަރު ވިދުޔަތު ޖަމްވަލް އާއި ފެޝަން ޑިޒައިނަރު ނަންދިތާ މަހްތާނީއާ އެންގޭޖް ވެފައިވާތީ ފަހަރުގައި މިއީ ވެސް އަހަރު ނިމުމުގެ ކުރިން ފެނިދާނެ ކަމަށް ބެލެވޭ ކައިވެންޏެކެވެ. ކައިވެންޏަށް ތައްޔާރު ފިލްމީ ތަރިންގެ ތެރޭގައި މޯނީ ރޯއި ވެސް ހިމެނެ އެވެ.