Roadha Mihaaru
ރަންބީރާއި އާލިއާގެ ކައިވެނީގެ ލޯބި ފޮޓޯތައް

ރަންބީރާއި އާލިއާގެ ކައިވެނީގެ ލޯބި ފޮޓޯތައް

15 އެޕްރީލް 2022

ބޮލީވުޑްގެ ތަރި، ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލީ ރޭގަ އެވެ. އެ ދެ ތަރިންގެ ކައިވެނި އޮތީ މުމްބާއީގެ ޕަލީ ހިލްސްގައި ހުންނަ ރަންބީރްގެ "ވާސްތޫ" އެޕާޓްމަންޓްގަ އެވެ.

ބޮލީވުޑްގެ ތަރި، ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލީ ރޭގަ އެވެ. އެ ދެ ތަރިންގެ ކައިވެނި އޮތީ މުމްބާއީގެ ޕަލީ ހިލްސްގައި ހުންނަ ރަންބީރްގެ "ވާސްތޫ" އެޕާޓްމަންޓްގަ އެވެ.

އާއިލާގެ މެމްބަރުންނާއި ގާތް ރައްޓެހިން އެކަނި ބައިވެރިވި އެ ހަފުލާގެ ފޮޓޯތަކުގެ އިންތިޒާރުގައި ސަޕޯޓަރުން ތިއްބާ، އާލިއާ އާއި އޭނާގެ މައިދައިތަ އަދި އެކްޓްރެސް ނީތޫ ކަޕޫރް ވަނީ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ރޭގައި ދޫކޮށްލައިފަ އެވެ.

އާލިއާ އާއި ރަންބީރު ވެސް ހުރީ ކްރީމް ކުލައިގެ ހެދުމެއް ލައިގެންނެވެ. އެއީ އާންމުކޮށް ބޮލީވުޑްގެ ކައިވެނީގެ ހަފުލާތަކުގައި ފެންނަ ކަހަލަ ކުލައެއް ނޫނެވެ. އެކަމަކު ކްރީމް ކުލައިގެ ލެހެންގާއެއްގައި އާލިއާ ހުރިއިރު، ރަންބީރު ހުރީ ހަމަ އެ ކުލައިގެ ޝޭރްވާނީއެއްގަ އެވެެ.

ފޮޓޯތައް ހިއްސާކޮށް، އާލިއާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނީ އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ހާޒިރުގައި އެމީހުން ކައިވެނިކުރީ "ފޭވްރިޓް ސްޕޮޓް" ގައި ކަމަށެވެ. އެއީ ރަންބީރުގެ ގޭގެ ބެލްކަންޏެވެ. އެތަނަކީ ވޭތުވެދިޔަ ފަސް އަހަރު އެމީހުން ރައްޓެހިވެގެން އުޅުނުއިރު ވަގުތު ހޭދަކުރި ތަން ކަމަށް އާލިއާ ބުންޏެވެ.

ރަންބީރުގެ މަންމަ ވެސް ވަނީ "މައި ވޯލްޑް" ކަމަށް ބުނެ، ރަންބީރާއި އާލިއާގެ ކައިވެނީގެ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. ރަންބީރަކީ ސޯޝަލް މީޑިއާ ރަސްމީކޮށް ބޭނުންކުރާ ތަރިއެއް ނޫނެވެ. އެކަމަކު ކައިވެންޏަށް ފަހު އޭނާ ވެސް ސޯޝަލް މީޑިއާ ބޭނުންކުރަން ފަށާނެ ކަމުގެ އަޑުގަދަވި އެވެ.

ކައިވެނީގެ ފޮޓޯތައް އާންމުކުރި ފަހުން ރަންބީރާއި އާލިއާ ވަނީ ޕަޕަރާޒީން އެގޭ ދޮށުގައި އެއްވެފައި އޮތުމުން ބޭރަށް ނިކުމެ ފޮޓޯއަށް ހުއްޓިފަ އެވެ.

އެމީހުންގެ ސަޕޯޓަރުން ވަނީ ތަހުނިޔާގެ މެސެޖުތަކުން ސޯޝަލް މީޑިއާ ފުރާލައިފަ އެވެ.