Roadha Mihaaru
ކެޓްރީނާގެ ކައިވެނީގެ ސެކިއުރިޓީ ސަލްމާންގެ ބޮޑީގާޑަށް

ކެޓްރީނާގެ ކައިވެނީގެ ސެކިއުރިޓީ ސަލްމާންގެ ބޮޑީގާޑް ޝޭރާ އަށް

07 ޑިސެމްބަރ 2021

ރާޖަސްތާނުގައި ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލްގެ ކައިވެނީގެ ހަފުލާގެ ސެކިއުރިޓީއާ ހަވާލުވެފައި ވަނީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާންގެ ބޮޑީގާޑް ޝޭރާގެ ޓީމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާޖަސްތާނުގައި ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލްގެ ކައިވެނީގެ ހަފުލާގެ ސެކިއުރިޓީއާ ހަވާލުވެފައި ވަނީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާންގެ ބޮޑީގާޑް ޝޭރާގެ ޓީމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ޝޭރާގެ އަމިއްލަ ކުންފުނި "ޓައިގާ ސެކިއުރިޓީ" އިން އަންނަނީ މިދިޔަ ހަފުތާ އިން ފެށިގެން ކައިވެނީގެ ހަފުލާ ބާއްވާ ސިކްސް ސެންސެސް ފޯޓް ބަރްވާރާ ރިސޯޓްގައި ހަރަކާތްތެރި ވަމުންނެވެ. ޝޭރާ އަކީ ސަލްމާން އާއިލީ މީހެއް ގޮތަށް ވަރަށް ގާތްކޮށް ގެންގުޅޭ އަދި އޭނާގެ ޒަމާންވީ ބޮޑީގާޑެވެ. އަދި ސަލްމާނާ އެކީ މަސައްކަތް ކޮށްފައިވާ ބަތަލާއިންނާއި ޝޭރާއާ ދެމެދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

ކުރީގެ ލޯބިވެރިޔާގެ ކައިވެނީގެ ހަފުލާގެ ސެކިއުރިޓީ ސަލްމާންގެ ބޮޑީގާޑް ޝޭރާގެ ޓީމުން ބަލަހައްޓާ އިރު، ފާހަގަ ކޮށްލެވޭ ކަމަކީ ސަލްމާނާއި އާއިލާގެ އެއްވެސް ބަޔަކު އެ ހަފުލާގައި ބައިވެރިނުވާން ނިންމާފައިވާކަމެވެ. ކެޓްރީނާ އަކީ ސަލްމާންގެ އާއިލާއާ ކުރިން ބޮޑު ގާތްކަމެއް ބޭއްވި ތަރިއެކެވެ. ސަލްމާން ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ކެޓްރީނާ އާއި ރަންބީރް ކަޕޫރާ ރައްޓެހިވި އެވެ. އަދި އެ ގުޅުން ނިމުމަކަށް އައީ 2017 ގަ އެވެ. ކެޓްރީނާގެ ކުރިން ދީޕިކާ ޕަދޯކާނާ ވެސް ރައްޓެހިވި، ރަންބީރް މިހާރުގެ ބައިވެރިއަކީ އާލިއާ ބަޓެވެ.

ކެޓްރީނާ އާއި ޒުވާން އެކްޓަރު ވިކީ ކޯޝަލްއާ ކައިވެނިކުރާ އިރު މިހާރު ވެސް ސަލްމާނާ އެކު ކުޅެން ފަށާފައި އޮތް ފިލްމެއް ކެޓްރީނާގެ އަތުގައި އެބައޮތެވެ. އެއީ އެ ދެ ތަރިންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.

ވަރަށް ކުލަގަދަކޮށް އަދި އެހާމެ ސެކިއުރިޓީ ވަރުގަދަކޮށް ބާއްވަން ހަމަޖެހިފައިވާ ކައިވެނީގެ ހަފުލާގައި ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ރާޖަސްތާނަށް ދާނެ އެވެ. އަދި މިހާރު ވެސް އިންޑަސްޓްރީގެ އެތައް ބަޔަކު އެތަނަށް ގޮސްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބުރާސްފަތި ދުވަހު ކައިވެނީގެ ރަސްމީ ހަފުލާ ބާއްވަން އޮތަސް މިކަމާ ބެހޭ ގޮތުން ކެޓްރީނާ އާއި ވިކީ އަދިވެސް ތިބީ ހަނެވެ. އަނެއްކޮޅުން ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ވެސް މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށް ދީފަ އެވެ. ކެޓްރީނާ، 38، އާއި ވިކީ، 33، ރައްޓެހިވީ 2019 ގަ އެވެ.

މި ދެ ތަރިން ކައިވެނިކުރާ އިރު، މިހާތަނަށް އަދި އެކީގައި ފިލްމެއް ކުޅެފައެއް ނުވެ އެވެ.