Roadha Mihaaru
ކައިވެންޏަށްފަހު ކެޓްރީނާގެ ފުރަތަމަ ފިލްމު ފަށައިފި

ކައިވެންޏަށް ފަހު ކެޓްރީނާގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި

26 ޑިސެމްބަރ 2021

މި މަހުގެ ކުރީކޮޅު ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ކައިވެންޏަށް ފަހު ފުރަތަމަ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ކުރީކޮޅު ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ކައިވެންޏަށް ފަހު ފުރަތަމަ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު ޝޫޓިން ފެށި މި ފިލްމަކީ ކޮވިޑް-19އާ ހެދި މިދިޔަ އަހަރުން ފެށިގެން ޝޫޓިން ނުފެށި ނުފެށި ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "އަންދާދުން" އާއި "ބަދުލާޕޫރް" ފަދަ ތުރިލާތައް ގެނެސްދިން ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "މެރީ ކްރިސްމަސް" ގެ ޝޫޓިން ފެށީ ސައުތު މުމްބާއީގަ އެވެ. އަދި ފިލްމުގެ ޝޫޓިން ޝެޑިއުލެއް ޕޫނޭގައި ވެސް ކުރިއަށް ގެންދާނެ އެވެ.

ތުރިލާ ޖޯންރާގެ މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ބަތަލުގެ ރޯލު ކުޅޭ އެއްޗެކެވެ. ދިގުމިނުގައި އެންމެ 90 މިނިޓް ހިމެނޭ "މެރީ ކްރިސްމަސް" ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ހަދާ ފިލްމެކެވެ.

މި މަހުގެ 9 ގައި އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރި ކެޓްރީނާ މި ފިލްމުގެ މަސައްކަތް ފެށި އިރު، އަންނަ މަހުގެ ތެރޭގައި އޭނާ "ޓައިގާ 3" ގެ ފަހު ޝޫޓިން ޝެޑިއުލް ވެސް ފަށާނެ އެވެ. ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާން ބަތަލުގެ ރޯލު ކުޅޭ ފިލްމުގެ ޝޫޓިން ނިއު ދިއްލީގައި ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަހުކޮޅު އެވެ.

ސްރީރާމްއާ އެކު ކެޓްރީނާ އާއި ވިޖޭ މަސައްކަތްކުރާ ފުރަތަމަ ފިލްމު "މެރީ ކްރިސްމަސް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު 23 ގަ އެވެ.

ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފޯންބޫތު" އާއި "ޖީ ލޭ ޒަރާ" ހިމެނެ އެވެ.