Roadha Mihaaru
ސަލްމާންގެ "ޓައިގާ 3" ރަޝިއާގައި ވެސް ޝޫޓްކުރާނެ

ސަލްމާންގެ "ޓައިގާ 3" ރަޝިއާގައި ވެސް ޝޫޓްކުރާނެ

15 އެޕްރީލް 2021

ސަލްމާން ޚާން ޝޫޓިން ފަށާފައި އޮތް ފިލްމު "ޓައިގާ 3" ގެ މަންޒަރުތަކެއް ރަޝިއާގައި ވެސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާން ޝޫޓިން ފަށާފައި އޮތް ފިލްމު "ޓައިގާ 3" ގެ މަންޒަރުތަކެއް ރަޝިއާގައި ވެސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ އިރު މިހާތަނަށް މަންޒަރުތައް ނެގީ މުމްބާއީގަ އެވެ. މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ފިލްމާ ބެހޭ ގޮތުން ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ޓައިގާ 3" ގެ ކާސްޓާއި ކްރޫ ރަޝިއާ އަށް ދާނީ މި އަހަރުގެ ޖޫން/ޖުލައި ހިސާބުގަ އެވެ.

މި ވަގުތު ފިލްމުގެ ބަތަލާ ކެޓްރީނާ ކައިފް އަންނަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުންނެވެ.

ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ޓައިގާ 3" ގެ މަންޒަރުތައް ޔޫއޭއީ އާއި ތުރުކީގައި ވެސް ނަގާނެ އެެ. "ޓައިގާ" ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމަކީ ވެސް ވަރަށް ގިނަ އިންޓަނޭޝަނަލް ލޮކޭޝަންތަކުގައި މަންޒަރުތައް ނަގާފައިވާ ފިލްމުތަކަކަށްވާތީ ތިން ވަނަ ބައި، ކުރީގެ ފިލްމުތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ކުރަން ކުރާ މަސައްކަތުގެ ތެރޭގައި ބޭރުގެ ހިތްގައިމު ގިނަ ލޮކޭޝަންތަކެއް ފިލްމު ދައްކަން ބޭނުންވެ އެވެ. މި ފިލްމުގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސް (39 މިލިއަން ޑޮލަރު) އެވެ.

ނަމަވެސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ ފިލްމުގެ ކުރިމަތީގައި މި ވަގުތު އޮތް އެންމެ ބޮޑު އެ މައްސަލަކީ ކޮވިޑްގެ އުނދަގޫ ހާލަތެވެ. އެހެން ވިޔަސް، ހާލަތު ތަންދޭ ގޮތަށް ބަލާގައި ގިނަ ލޮކޭޝަންތަކެއްގައި ފިލްމު ޝޫޓްކުރާނެ އެވެ.

މި ފަހަރު "ޓައިގާ 3" ގެ މައި ވިލަން އަކީ އިމްރާން ހާޝްމީ އެވެ. އަދި ފިލްމުގެ ރޯލަކުން 2012 ގައި ކަބީރް ޚާން ޑައިރެކްޓްކުރި "އޭކް ތަ ޓައިގާ" ގެ ރޯލެއް ކުޅުނު ރަންވީރު ޝޯރޭ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ޓައިގާ ޒިންދާ ހޭ" 2017 ގައި ގެނެސްދިނީ އަލީ އައްބާސް ޒަފަރެވެ.

"ޓައިގާ 3" ގެ ޑައިރެކްޓަރަކީ ޝާހްރުކް ޚާންގެ "ފޭން" އާއި ރަންވީރު ސިންގްގެ "ބޭންޑް ބާޖާ ބާރާތު" ގެނެސްދިން ޑައިރެކްޓަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޓައިގާ 3" އަންނަ އަހަރުގެ އެޕްރީލް ހިސާބުގައި ސިނަމާތަކަށް ގެންނާނެ އެވެ.