Roadha Mihaaru
"ޓައިގާ 3" ގެ ޝޫޓިން ފަށާނީ ތުރުކީން

"ޓައިގާ 3" ގެ ޝޫޓިން ފަށާނީ ތުރުކީން

11 ފެބުރުއަރީ 2021

ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނީ ތުރުކީން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނީ ތުރުކީން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމުގެ ޑައިރެކްޓަރު މަނީޝް ޝަރުމާ އާއި އޭނާގެ ކްރޫ މިދިޔަ މަހުން ފެށިގެން ތިބީ ޔޫއޭއީގަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ކުރިން ނިންމައިގެން ތިބީ "ޓައިގާ 3" ގެ ޝޫޓިން ދުބާއީ އާއި އަބޫ ދާބީގައި ފަށާށެވެ. ސަބަބަކީ ޝާހްރުކް ޚާން ކުޅޭ "ޕަތާން" ގެ މަންޒަރުތަކެއް ވެސް ޔޫއޭއީގައި ނަގާ އިރު، ފިލްމުގެ ހާއްސަ ފެނިލުމެއް ސަލްމާން ކުޅޭތީ އޭނާ އެ ގައުމަށްދާން އޮތުމެވެ.

"ޓައިގާ 3" އާއި "ޕަތާން" އަކީ ވެސް އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ ދެ ފިލްމެވެ.

މީޑިއާތަކުން ބުނީ ސަލްމާންގެ ފިލްމުގެ ޝޫޓިން ޔޫއޭއީގެ ބަދަލުގައި ތުރުކީގައި ފަށަން ނިންމީ މި ދުވަސްކޮޅު ކޮވިޑް-19 ގެ ކޭސްތައް ޔޫއޭއީގައި އިތުރުވަމުންދާތީ ރިސްކެއް ނުނަގަން ކަމަށެވެ. ސަބަބަކީ ސަލްމާންގެ ބިޒީ ޝެޑިއުލްގެ ތެރެއިން އަންނަ މަހުގެ ތެރޭގައި ފިލްމުގެ ބޮޑުބައެއް ޝޫޓްކުރަން ރާވާފައި އޮތުމެވެ. ފިލްމުފެއާ އިން ބުނީ ތުރުކީގެ އިސްތަންބޫލްގައި "ޓައިގާ 3" ގެ ފުރަތަމަ ޝެޑިއުލް ފުރިހަމަކުރުމަށް ފަހު، ފިލްމުގެ ބާކީ މަންޒަރުތައް ޔޫރަޕްގެ އެކި ހިސާބުތަކުގައި ވެސް ނަގާނެ އެވެ.

ސަލްމާން "މި ފިލްމަށް ވަގުތު ހުސްކުރަނީ ދާދި ފަހުން "އަންތިމް: ދަ ފައިނަލް ޓުރުތު" ނިންމާލާފައި ވަނިކޮށެވެ. އެވެ. ކެޓްރީނާ ވަނީ އޭނާ ކުޅޭ ފުރަތަމަ ހޮރޯ-ކޮމެޑީ "ފޯންބޫތު" ގެ ޝޫޓިން ވެސް އުދައިޕޫރްގައި މި ހަފުތާގެ ތެރޭގައި ނިންމާލައިފަ އެވެ.

"ޓައިގާ 3" ގެ ޑައިރެކްޝަނާ މި ފަހަރު ހަވާލުވި މަނީޝް އަކީ ޝާހްރުކްގެ "ފޭން" އާއި ރަންވީރު ސިންގްގެ "ބޭންޑް ބާޖާ ބާރާތު" ގެނެސްދިން ޑައިރެކްޓަރެވެ.

ޓައިގާ ސީރީޒްގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" 2012 ގައި ގެނެސްދިނީ ކަބީރް ޚާން، ލިޔެ ޑައިރެކްޓްކޮށެވެ. "ޓައިގާ ޒިންދާ ހޭ" 2017 ގައި ހެދީ އަލީ އައްބާސް ޒަފަރެވެ. މި ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ.

ސަލްމާނާއި ކެޓްރީނާގެ ޖޯޑު އެންމެ ފަހުން އެކީގައި ފެނުނީ 2019 ގައި އަލީ ގެނެސްދިން "ބާރަތު" އިންނެވެ.