Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

15 ސެޕްޓެމްބަރ 2021

ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު ފަރުދީން ޚާން އެނބުރި އަންނަ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު ފަރުދީން ޚާން އެނބުރި އަންނަ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

"ވިސްފޮޓް" ގެ ނަން ދީފައިވާ މި ފިލްމަކީ މި އަހަރު މާޗްގައި "މުމްބާއީ ސާގާ" ގެނެސްދިން، ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޕްރޮޑިއުސްކޮށް، ސަމިތު ކައްކަޅް ޑައިރެކްޓްކުރާ ތުރިލާއެކެވެ. ހުސައިން ދަލާލު ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމަކީ 2012 ގެ ވެނުޒުއެލާ ފިލްމު "ރޮކް، ޕޭޕާ، ސިޒާސް" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.

ފަރުދީން އެނބުރި އަންނަ ފިލްމުގައި އޭނާއާ އެކީ ރިތޭޝް ދޭޝްމުކް ފެންނާނެ އެވެ. މީގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވިދި ފަރުދީން އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ "ދުލްހާ މިލްގަޔާ" އެވެ.

ވިދުުޔަތު އެންގޭޖްވިކަން ކަށަވަރުކޮށް ދީފި

ބޮލީވުޑްގެ މިހާރުގެ ވަރުގަދަ އެކްޝަން ތަރި ވިދުޔަތު ޖަމްވަލް އެންގޭޖްވި ވާހަކަ މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައި ވަނިކޮށް އޭނާ އެކަން ކަށަވަރުކޮށް ދީފި އެވެ.

ލޯބިވެރިޔާ ނަންދިތާ މަހްތާނީ އާއި ވިދުޔަތު އެންގޭޖްވީ މި މަހުގެ 1 ގަ އެވެ. އެ ވާހަކަ އޭނާ އިސްޓަގްރާމްގައި ހިއްސާކުރީ ދެ މީހުން އެކީގައި ނަފާފައިވާ ފޮޓޯތަކާ ކުޅޭ ފިލްމު ސީރީޒް "ކޮމާންޑޯ" އާ ވެސް ގުޅުވައިފަ އެވެ. ވިދުޔަތު ބުނީ އެންގޭޖްވީ ކޮމާންޑޯ ސްޓައިލްގައި ކަމަށެވެ.

ނަންތިދާ އަކީ ފެޝަން ޑިޒައިނަރެކެވެ.

ޕްރަތީކްގެ ފުރަތަމަ ހިންދީ ފިލްމު އަންނަ މަހު

މިދިޔަ އަހަރު ސޮނީ ލިވް އެޕްގެ ކާމިޔާބު ވެބް ސީރީޒް "ސްކޭމް 1992" ގައި ދެއްކި އެކްޓިންއާ އެކު ސަމާލުކަން ހޯދި އެކްޓަރު ޕްރަތީކް ގާންދީގެ ފުރަތަމަ ހިންދީ ފިލްމު "ބަވާއީ" އަންނަ މަހުގެ 1 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ކުރިން "ރާވަން-ލީލާ" ގެ ނަން ދިން ފިލްމުގެ ނަން "ބަވާއީ" އަށް ބަދަލުކޮށް، އޭގެ ޕްރޮމޯޝަންތައް ވެސް ފަށާފައިވާ އިރު، ފިލްމުގެ ޑައިރެކްޓަރަކީ ހާޑިކް ގައްޖަރް އެވެ. މީގެ ކާސްޓްގައި ފްލޮރާ ސައިނީ އާއި އައިންދުރިތާ ރޭ ވެސް ހިމެނެ އެވެ.

ޕްރަތީކް މިހާރު އަންނަނީ "އަދިތީ ބޫތޯ ބާވާ" އާއި "ދޭޅު ބިގާ ޒަމީން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ވޯ ލަޅްކީ ހޭ ކަހާ" ވެސް ހިމެނެ އެވެ.

"އަންތިމް" އަންނަ މަހުގެ 15 ގައި؟

ސަލްމާން ޚާން މިހާރު ޕްރޮމޯޝަނަލް މަސައްކަތް ވެސް ފަށާފައިވާ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" އަންނަ މަހުގެ 15 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުގެ ޓީމުން ރަސްމީކޮށް އަދި އެކަން ކަށަވަރުކޮށް ނުދިން ނަމަވެސް، މީޑިއާތަކުން ބުނި އެ ތާރީހުގައި ސިންގަލް ސްކްރީން ސިނަމާތަކާ އެކު، ޒީ5 އިން ވެސް ފިލްމު ޕްރީމިއާކުރާނެ ކަމަށެވެ. ދާދި ފަހުން ވަނީ "އަންތިމް" ގެ ޕޯސްޓަރާއި ލަވައެއް ވެސް ދައްކާލައިފަ އެވެ.

އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސަލްމާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފެންނާނެ އެއްޗެކެވެ.

"ޓައިގާ 3" ގެ ތުރުކީ ޝެޑިއުލް ނިންމާލައިފި

ސަލްމާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ގެ ތުރުކީ ޝެޑިއުލް ވެސް ނިންމާލައިފި އެވެ.

އެ ފިލްމުގެ ކާސްޓާއި ކްރޫ އެ ގައުމަށް މިދިޔަ މަހު ދިޔައީ ޖުލައި މަހުގެ ތެރޭގައި ރަޝިއާގައި ވެސް ފިލްމުގެ މަންޒަރުތަކެއް ނެގުމަށް ފަހު އެވެ. އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޓައިގާ 3" ގެ ޝޫޓިން މުމްބާއީގައި ފެށީ މި އަހަރުގެ ފެބްރުއަރީގަ އެވެ.

މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ފިލްމުގެ އިތުރު މަންޒަރުތަކެއް އަދިވެސް އިންޓަނޭޝަނަލް ބައެއް ލޮކޭޝަންތަކުގައި ޝޫޓްކުރާނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ޓައިގާ 3" ގެ މަންޒަރުތައް ބޭރުގެ ހަތް ގައުމެއްގައި ނަގާނެ އެވެ.

މި ފިލްމަކީ ސަލްމާނާއި ކެޓްރީނާ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. ކުރީގެ ދެ ފިލްމަކީ 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި 2012 ގެ "އޭކް ތަ ޓައިގާ" އެވެ.