Roadha Mihaaru
ކެޓްރީނާގެ ކުރިން ހަރްލީންއާ ވިކީ ރައްޓެހިވި

ކެޓްރީނާގެ ކުރިން ހަރްލީންއާ ވިކީ ރައްޓެހިވި

07 ނޮވެމްބަރ 2021

އަންނަ މަހުގެ ތެރޭގައި ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް ކައިވެނި ކުރާނެ ކަމަށް ބެލެވޭ އިރު، ވިކީގެ އެހެން ލޯބިވެރިއެއްގެ ވާހަކަ މިހާރު މާ ގަދައަށް ދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ ތެރޭގައި ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް ކައިވެނި ކުރާނެ ކަމަށް ބެލެވޭ އިރު، ވިކީގެ އެހެން ލޯބިވެރިއެއްގެ ވާހަކަ މިހާރު މާ ގަދައަށް ދެކެވެން ފަށައިފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރު ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވީ މާ މަޝްހޫރު ނޫން ބަތަލާއެއް ކަމަށްވާ ހަރްލީން ސޭތީއާ އެވެ. އޭނާ އަކީ ވެބް ސީރީޒްތައް ކަމަށްވާ "ދަ ޓެސްޓް ކޭސް" އާއި "ބްރޯކެން ބަޓް ބިއުޓިފުލް" ގެ ފުރަތަމަ ސީޒަނާއި އަދި ފިލްމު "ލަވް ބައިޓްސް" ގެ އިތުރުން ޕަންޖާބީ ފިލްމު "މުންޑޭޔާ ތުމް ބަޗްކޭ ރަހޭ" ފަދަ އުފެއްދުންތަކުގައި މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި ވިކީ އާއި ހަރްލީން ލޯބީގެ ގުޅިގެން އުޅޭތާ ދުވަސްތަކެއް ފަހުން ވަކިވީ 2019 ގައި ރިލީޒްކުރި ވިކީގެ ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ މަސައްކަތްކުރި އިރު އެ އަހަރުގެ ކުރީކޮޅު އެވެ.

އެ ގުޅުމުގެ ވާހަކަ އޭރު މީޑިއާތަކުގައި ދެކެވުނަސް، ދެ ތަރިން ވެސް ރައްޓެހިވެގެން އުޅުނުކަން ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު ވިކީއާ ވަކިވި ފަހުން އޭނާ އިންސްޓަގްރާމުން އަންފޮލޯކޮށް، ބައިވެރިޔާއާ ވަކިވުމަކުން ހިތް ހަލާކުނުވާ ކަމަށާއި ބޭނުން ވަނީ އަމިއްލަ އައިޑެންޓިޓީއެއް ހޯދަން ކަމަށް ހަރްލީން ބުނެފައިވެ އެވެ.

ކެޓްރީނާ އާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ 2019 އިން ފެށިގެން ދެކެވުނަސް، އެކަމަށް ދެ ތަރިން މިހާތަނަށް އެއްބަސްވެފައެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް މިހާރު ބުނާ ގޮތުން އެ މީހުން އަންނަ މަހުގެ ތެރޭގައި ރާޖަސްތާންގައި ބާއްވާ ކުލަގަދަ ހަފުލާއެއްގައި ކައިވެނި ކުރާނެ އެވެ.

ކެޓްރީނާ ކުރިން ރައްޓެހިވި އެކްޓަރުންގެ ތެރޭގައި ސަލްމާން ޚާނާއި ރަންބީރް ކަޕޫރް ވެސް ހިމެނެ އެވެ.