Roadha Mihaaru
އަންނަ މަހު ލަވް ކައިވެނި ކުރަނީ

އަންނަ މަހު ލަވް ކައިވެނި ކުރަނީ

29 ޖެނުއަރީ 2022

ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަން އަންނަ މަހު ކައިވެނިކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަން އަންނަ މަހު ކައިވެނިކުރަން ތައްޔާރުވެއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ކުޅަދާނަ ޑައިރެކްޓަރު ކައިވެނިކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15-17 އާ ދޭތެރޭގައި ކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މި ސަބަބާ ހުރެ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރާ އެކު ލަވް ހަދަން ފަށާފައި އޮތް ފިލްމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.

މީޑިއާތަކުން ބުނީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އެ ފިލްމުގެ ޝޫޓިން އަލުން ފަށާނީ ލަވްގެ ކައިވެންޏަށް ފަހު މާޗްގައި ކަމަށެވެ. ނަން އަދި އިއުލާން ނުކުރާ ފިލްމުގެ ތިން ޝޫޓިން ޝެޑިއުލްއެއް ކުރިން ބާއްވާފައިވެ އެވެ. މި ފިލްމުގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް ވެސް ހިމެނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ލަވް ކައިވެނިކުރަނީ އޭނާގެ ޒަމާންވީ ލޯބިވެރިޔާއާ ކަމަށެވެ. އެކަމަކު އެއީ ކާކު ކަމެއް މީޑިއާތަކުން ހާމައައެއް ނުކުރެ އެވެ.

ލަވް.

ލަވް.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޑައިރެކްޓަރު/ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ލަވްގެ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަކީ އެ އަހަރުގެ އެންމެ ސަޕްރައިޒިން ހިޓެވެ. އަދި ފިލްމަކީ ޒުވާން އެކްޓަރު ކާތިކް އާރިޔަންގެ ވިދުން ގަދަކޮށްދިން ފިލްމު ވެސް މެ އެވެ.

ލަވް ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގާ ލަވް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ޕިޔާރު ކާ ޕަންޗްނާމާ" ގެ ދެ ފިލްމާއި "އާކާޝް ވާނީ" ހިމެނެ އެވެ. އޭނަ ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި "މަލަންގް"، "ދޭ ދޭ ޕިޔާރު ދޭ" އަދި "ޝަލާންގް" ހިމެނެ އެވެ.