Roadha Mihaaru

އިބްތިހާލްގެ މަރުގެ ތަހުގީގު ނިމިއްޖެ، މިހާރު ހޯދަނީ އިތުރު މައުލޫމާތު: އެޗްއާރުސީއެމް

ވ. ރަކީދޫގައި އަނިޔާކޮށް މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މުވައްޒަފުންގެ ތަހުގީގު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިތުރު މައުލޫމާތުތަކެއް ސާފު ކުރުމުގެ މަސައްކަތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

"އިބްތިހާލްގެ މަރުގެ ތަހުގީގު އޮތީ ނިމިފައި"
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

19 ޖެނުއަރީ 2017

ވ. ރަކީދޫގައި އަނިޔާކޮށް މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މުވައްޒަފުންގެ ތަހުގީގު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިތުރު މައުލޫމާތުތަކެއް ސާފު ކުރުމުގެ މަސައްކަތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

އިބްތިހާލްގެ މަރުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކޮށް ނިންމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ހަފުތާގައި ވަނީ އެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. އެ މައްސަލަ ކޯޓަށް ފޮނުވާފައި ވަނިކޮށް އޭގެ ތެރެއިން ދެ މުވައްޒަފަކު އެޗްއާރުސީއެމަށް ހާޒިރުވާން އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ އެ މީހުންނަށް ދައުވާ ކުރަން ފޮނުވީ ތަހުގީގު އެއްކޮށް ނިންމުމަށް ފަހު ކަމަށާއި މިހާރު ކުރިއަށް ދަނީ ސާފު ކުރަންޖެހޭ މައުލޫމާތުތަކެއް ސާފު ކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެންނާއި ޖެންޑާ އާއި ޕީޖީ ގުޅިގެން މި މަސައްކަތް މިކުރަނީ. އަޅުގަނޑުމެން އިސްކޮށް މިކަމުގައި ހަރަކާތްތެރި މިވަނީ. އެހެންވީމަ ދައުވާ ކުރުމުގެ މަރުހަލާގައި ވެސް އަދި ޝަރީއަތުގެ މަރުހަލާގައި ވެސް ކަމެއް ސާފުކުރަން ޖެހޭ ނަމަ އެކަމެއް އަޅުގަނޑުމެން ކުރާނެ. އެކަމަކު ތަހުގީގު ނިމިފައި އޮތީ،" ޝިފާގު ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވި ގޮތުގައި އެ މައްސަލާގައި އާންމުންނަށް ބައެއް އޮޅުންތައް އަރާނެތީ އެކަން ސާފުކޮށްދޭން އެ ކޮމިޝަނުން މިއަދު ބަޔާނެއް ނެރޭނެ އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން އެޗްއާރުސީއެމަށް ހާޒިރުވާން އެންގީ ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ޝަކީބާއި ސޯޝަލް ސާވިސް އޮފިސަރު މުހައްމަދު ރަޝީދެވެ. އެ ދެ މީހުންގެ އިތުރުން ދައުވާ ކުރަނީ ޖެންޑާ މިނިސްޓްރީގެ ކުރީގެ ދެ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝިޔާޒާ އާއި އަހުމަދު ޝުޒާދާއި ވ. އަތޮޅު ޕޮލިސް ކޮމާންޑްގެ އޭރުގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރުގެ މައްޗަށެވެ.

އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ޝަރީއަތް ދަނީ ހިނގަމުންނެވެ. އޭނާ ވަނީ އިބްތިހާލް މެރި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.