Roadha Mihaaru
އިބްތިހާލުގެ މައްސަލައިގެ ޝަރީއަތް ފަށަނީ

އިބްތިހާލްގެ މައްސަލާގައި ދައުވާލިބޭ ފަސް މީހުންގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

26 ޖެނުއަރީ 2017

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު އަނިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ބ. އޭދަފުށީ މާބަގީޗާގޭ ލިސާން އަބޫބަކުރާއި ވ. ފުލިދޫ، ނަލަހިޔާ އާމިނަތު ޝިޔާޒާ އާއި ގދ، ފިޔޯރީ ބީޗްވިލާ، އަހުމަދު ޝުޒާދާއި ގއ. ދެއްވަދޫ ނަސްރީނުގޭ، މުހައްމަދު ރަޝީދާއި ފ. ފީއަލީ ގުލްއަލަމާގޭ މުހައްމަދު ޝަކީބުގެ މައްޗަށެވެ.

އޭގެ ތެރެއިން ލިސާނަކީ އެ ހާދިސާ ހިނގިއިރު ވ. އަތޮޅު ޕޮލިސް ކޮމާންޑްގެ އެކްޓިން ކޮމާންޑަރެވެ. ޝުޒާދާއި ޝިޔާޒާ އަކީ އޭރު ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރި ދެ މުވައްޒަފެކެވެ. އަދި ރަޝީދާއި ޝަކީބަކީ މިހާރު ވެސް ޖެންޑާގެ މުވައްޒަފުންނެވެ.

އެ ހާދިސާ ހިނގިއިރު އަމަލު ކުރަމުންދިޔަ ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހުންނަށް ކުރާ ދައުވާގެ އަޑުއެހުންތައް އާދިއްތަ ދުވަހުން ފަށަން ހަމަޖައްސާފައިވާ ކަން ވަނީ އެނގިފަ އެވެ.

އެ މީހުންނަށް ކުރަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. ކުރީގެ ގާނޫނުލް އުގޫބާތު ބުނާގޮތުން އަމުރަށް ނުކިޔަމަންތެރިވެ، ކުރާ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެކަންކުރި މީހަކަށް އޮންނާނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެވެ.

އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް ދައުވާ އުފުލައި، ކުރިން ވަނީ ޝަރީއަތް ފަށައިފަ އެވެ. އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ތަކުރާރުކޮށް، ޝަރީއަތުގައި އެއްބަސްވެފަ އެވެ.