26 ފެބުރުއަރީ 2020
ވ. ރަކީދޫގައި މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި އެ ކުއްޖާ މަރާލާފައި ނުވާނެ ކަމަށް އެ މައްސަލާގެ ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ވ. ރަކީދޫގައި މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި އެ ކުއްޖާ މަރާލާފައި ނުވާނެ ކަމަށް އެ މައްސަލާގެ ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ.
އެ މައްސަލައިގެ ޚުލާސާ ބަޔާން ދައުލަތުން ހުށަހެޅުމުން އާފިޔާގެ ފަރާތުން އެންމެ ފަހު ފުރުސަތުގައި ބުނަނީ ކީކޭތޯ ގާޒީ މުހައްމަދު ސަމީރު ސުވާލު ކުރެއްވުމުން އޭނާ ބުނީ "ބުނާނެ އެއްޗެއް ނެތް" ކަމަށެވެ.
އެންމެ ފަހު ފުރުސަތެއްގެ ގޮތުން ގާޒީ އެއްސެވީ ޚުލާސާކޮށް އެއްވެސް އެއްޗެއް ބުނަން ނެތީތޯ އެވެ. އެ ހިސާބުން އާފިޔާ ބުނީ ގަސްދުގައި އިބްތިހާލް މަރާފައި ނުވާނެ ކަމަށެވެ.
"ގަސްދުގައި ކުއްޖަކު ނުމަރަން، ގަސްދުގައި ކުއްޖަކަށް އަނިޔާއެއް ވެސް ނުކުރަން،" އަމިއްލަ ދަރިފުޅުގެ ނަން ވެސް ނުގެނެސް، އާފިޔާ ބުންޏެވެ.
އޭގެ ފަހުން އޭނާ ބުނީ އިބްތިހާލަށް ލިބިފައި ހުރި އަނިޔާތަކާ ބެހޭ ގޮތުން ޑޮކްޓަރުން ތައްޔާރުކުރި ރިޕޯޓްތަކުގައި ހުރީ ހުސް ދޮގު ވާހަކަތައް ކަމަށެވެ.
"އެއީ ހުސް ދޮގު،" މުޅި ޝަރީއަތުގައި ވެސް ވަރަށް ކުރު ޖަވާބުތަކެއް ދިން އަދި ގާނޫނީ ވަކީލެއްގެ ބޭނުން ހިފަން ދެކޮޅުހެދި އާފިޔާ ބުންޏެވެ.
ހުލާސާ ބަޔާން އިއްވާ ދުވަސް ކަމުން ދެން ވެސް ގާޒީ މަސައްކަތްކުރެއްވީ އާފިޔާ ބުނާނެ އެހެން ވާހަކައެއް އޮތްތޯ ބެއްލެވުމަށެވެ. އެކަމަކު އާފިޔާ ބުނީ "އިތުރަށް ބުނާނެ އެއްޗެއް ނެތް" ކަމަށެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ތަހުގީގު މަރުހަލާގެ އިތުރުން ބަންދުގެ މުއްދަތު މަޖިލީހާއި ޝަރީއަތުގެ މަޖިލީހުގައި ވެސް އެއްބަސްވެ، އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކުން އާފިޔާގެ ބަހަށް ބާރު ލިބިދޭ ކަމަށާއި އެގޮތުން އިބްތިހާލް މަރުވި ދުވަހު ކަން ހިނގައިދިޔަ ގޮތާއި އޭގެ ކުރިން ވެސް އިބްތިހާލާ މެދު އާފިޔާ އިހުމާލުވަމުން ދިޔަ ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގަައި އާފިޔާ ފަހުން އެކަމަށް އިންކާރު ކުރިޔަސް، އިންސާނެއްގެ ހައްގު އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން އޮތީ ކަނޑައަޅައިފަ އެވެ. އަދި އާފިޔާގެ ކިބައިން ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ކަންކަން ފާހަގަ ވިޔަސް، އަމިއްލަ އިހްތިޔާރުން ބޭރުގައި ކަމެއް ކުރެވިދާނެ ފަދަ ނަފްސާނީ މައްސަލަތަކެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް އޭނާގެ ނަފްސާނީ ޓެސްޓްތައް ހެދި ޑޮކްޓަރުގެ ބަހުން އެނގޭތީ އާފިޔާ އެ އަމަލު ހިންގީ އަމިއްލަ އިހްތިޔާރުގައި ކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން އިބްތިހާލްގެ ކަރުގައި ހިފާފައި ހުރިކަމުގެ ނިޝާންތަކާއި ހަށިގަނޑުގެ ބޭރު ފުށުން ގިނަ އަދަދެއްގެ ލަކުނުތަކާއި ޒަހަމްތައް ފެންނަން ހުރުމުގެ އިތުރަށް އޭނާގެ މޭކަށިގަނޑާ ދިމާލުން ބައެއް ތަންތަނުގައި ރެނދުލާފައި ހުރުމާއި ބަޑަށް ގިނަ އަދަދެއްގެ ލޭ ޖަމާވެފައި ހުރި ކަން ޑޮކްޓަރުންގެ ބަހުން އެނގޭ ކަން ދައުލަތުން ފާހަގަކުރި އެވެ. އަދި އެތެރެ ހަށްޓަށް ލިބިފައި ހުރީ ބޮޑު އަނިޔާއެއްގެ ސަބަބުން ދިމާވާނެ ކަންކަން ކަމަށް ޑޮކްޓަރުންގެ ހެކިބަހުގައި ބުނެފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެއީ މަރުގެ މައްސަލައެއް ކަމަށް ވާތީ ގާނޫނުލް އުގޫބާތުގައި ބުނާ ފަދައިން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާނެ ހެކި ހުރި ކަމަށް ދެކެންތޯ އާއި ހެކިވެރިންގެ އަދުލުވެރިކަމާ މެދު ދައުލަތުން ދެކެނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ މައްސަލާގައި ކުށް ސާބިތުވާނެ ހެކި ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެ މިންވަރަށް ހެކި ހުރި ކަމަށް ކޯޓަށް ނުފެންނަ ހާލަތުގައި ވެސް، ގާނޫނު އަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން އެ ދައުވާ ސާބިތު ކުރެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާ ނަމަ، ތައުޒީރީ އަދަބު ކަނޑައެޅޭނެ ކަން ދައުލަތުން ފާހަގަކުރި އެވެ.
މީގެ އިތުރުން ހެކިވެރިންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ އެއްވެސް ކަމެއް ހެކިންގެ ކިބައިގައި ނެތް ކަމަށް ވެސް ދައުލަތުގެ ފަހު ބަސް އިއްވަމުން ބުންޏެވެ.
ޚުލާސާ ބަޔާން ހުށަހެޅިއިރު، ތަހުގީގަށް އާފިޔާ ދިން ބަޔާން ތަފްސީލުކޮށް ދައުލަތުން ޝަރީއަތުގައި އިއްވި އެވެ. އެ ބަޔާނުގައި އިބްތިހާލް މަރުވި ދުވަހު އާފިިޔާ އަމަލުކުރި ގޮތް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ. އެ ބަޔާނުގައި އޭނާ ބުނެފައިވާ ގޮތުން އެދުވަހު އާފިޔާ ހެނދުނު ހޭލިއިރު އިބްތިހާލް އޮތީ ކޮޓަރީގެ ގޮދަޑިއެއްގައި އަރިއަކަށް އޮވެގެން ނިދާފަ އެވެ.
އާފިޔާ ހޭލައިގެން އޭނާގެ އަންހެން ދަރިފުޅު ފެންވަރުވައި، ރީތިކޮށް ސިޓިން ރޫމުގައި ބެހެއްޓުމަށް ފަހު ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަ ކުރި ކަމަކީ އިބްތިހާލް ކައިރިއަށް ގޮސް، އިބްތިހާލްގެ ކޮނޑުގައި ހިފައި އުއްޑުން ބޭއްވުމެވެ. އޭގެ ފަހުން ކުޑަކޮށް ގުދުވެލާފައި އޭނާގެ ކަރުގައި ބާރަށް ހިފި ކަމަށާއި އެވަގުތު އިބްތިހާލް "މަންމާ" އޭ ކިޔާ ގޮވާލި ކަމަށް އެ ބަޔާނުގައި އާފިޔާ ބުނެފައިވެ އެވެ.
މުހައްމަދު އިބްތިހާލް -- ފޮޓޯ/އައްސަދު ފޮޓޯގްރަފީ
އެވަރުން ވެސް، އިބްތިހާލްގެ ކަރުން ދޫނުކޮށް، ބާރަށް ހިފަހައްޓައިގެން ހުރި ކަމަށާއި އިރުކޮޅަކުން އިބްތިހާލްގެ ކަރުން ލޭ އަންނަން ފެށި އެވެ. އަދި އެ ކުއްޖާ ތެޅެން ފަށައި، ހަށިގަނޑު ދެމިލީ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަޔާނުން އެނގޭ ގޮތުގައި އެ ހިސާބުން ނިމުނީއެއް ނޫނެވެ. އިބްތިހާލްގެ ކަރުން ދޫކޮށްލުމަށް ފަހު ދަށް ފައިން ކުއްޖާގެ މޭ މަތީގައި ތިން ފަހަރަށް ޖެހި ކަމަށް އާފިޔާ ބުނެފައިވެ އެވެ.
އެގޮތަށް އަނިޔާ ކުރުމަށް ފަހު އާފިޔާ ކޮޓަރިން ނުކުމެ، އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން ދިޔައީ އަވަށްޓެރިއެއްގެ ގެެއަށެވެ. އަދި އެ ގޭގައި ޓީވީ ބަލަން އިނުމަށް ފަހު މެންދުރު ވާން އުޅެނިކޮށް އާފިޔާ ގެއަށް ގޮސް ކޮޓަރިއަށް ވަދެ ބެލިއިރު އިިބްތިހާލްގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ބަޔާނުގައިވެ އެވެ. އެވަގުތު ވެސް އިބްތިހާލް އޮތީ ނިދަން ބޭއްވިއިރު އޮތް ގޮތަށް ނެޕީއާ އެކު އެވެ.
އެ ބަޔާނުގައި އާފިޔާ ބުނެފައިވާ ގޮތުން އިބްތިހާލްގެ ހަރަކާތެއް ނެތުމުން އެންމެ ފުރަތަމަ ކުރި ކަމަކީ އިބްތިހާލްގެ އަނގަޔަށް ފެން އެޅުމެވެ. އެގޮތަށް ފެން އެޅުމުން ވެސް އެއްވެސް ވަރަކަށް ފެން ކަރުތެރެއަށް ނުގޮސް، އަނގައިން ބޭރަށް ފޭބީ އެވެ. ދެން ފެން އުނގުޅީ އިބްތިހާލްގެ މޫނުގަ އެވެ. އޭގެ ފަހުން ވެސް އެއްވެސް ހަރަކާތެއް ނުފެނުނު ކަމަށް ބަޔާނުގައިވެ އެވެ.
އިބްތިހާލް ހޮސްޕިޓަލަށް ގެންދިއުމާއި އޭނާގެ ހަށިގަނޑު މާލެއަށް ގެންދިއުމާ ހަމައަށް ކަންކަން ވީގޮތް ވެސް އެ ބަޔާނުގައި އާފިިޔާ ވަނީ ކިޔައިދީފަ އެވެ. އަދިި އެދުވަހު އާފިޔާ ކަންކަން ކުރި ގޮތް ފުލުހުންނަށް ކިޔައިދިން މަންޒަރުގެ ވީޑިއޯ އާއި އޯޑިއޯ ވެސް ރެކޯޑްކުރި ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ޚުލާސާ ބަޔާން އިއްވަމުން ދިޔައިރު ވެސް އާފިޔާގެ މޫނުމަތިން މާ ބޮޑު ހާސްކަމެއް ނުފެނެ އެވެ. ދެރަވުމުގެ އަލާމާތެއް ވެސް ނެތެވެ.
ގާޒީ ސަމީރު ވިދާޅުވީ އަންނަ މަހު 12 ގައި ހުކުމް އިއްވާނެ ކަމަށެވެ.
އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ހޯމަ ދުވަހު
އާފިޔާއަށް އިތުރު ފުރުސަތެއް، މިމަހު ހުކުމް އިއްވަނީ
އާފިޔާ ވަކީލަކު ބޭނުންވުމުން ހުކުމް އިއްވުން ފަސްކޮށްފި
އިބްތިހާލް މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަނީ
އިބްތިހާލްގެ މަރުގެ މައްސަލާގެ ހުކުމް މި މަހު އިއްވަނީ
އިބްތިހާލްގެ މަރުގެ ޝަރީއަތް މާދަމާ ބާއްވަނީ
އިބްތިހާލް މަރާލީ ނޭވާ ހާސްކޮށްލައިގެން: ޑޮކްޓަރު
އިބްތިހާލުގެ މައްސަލައިގެ ޝަރީއަތް ފަށަނީ
އާފިޔާ އަދިވެސް ބުނަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް
ކުޑަކުއްޖެއްގެ ގައިގައި ފިހިގަނޑުން ތެޅިކަން ސާބިތުނުވި