Roadha Mihaaru
އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ހޯމަ ދުވަހު

އިބްތިހާލް މަރައިލި މައްސަލައިގެ ހުކުމް ހޯމަ ދުވަހު އިއްވަނީ

24 ޑިސެމްބަރ 2020

ވ. ރަކީދޫގައި އަނިޔާކޮށް، މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް އަންނަ ހޯމަ ދުވަހު ހުކުމް އިއްވަން ހަމަޖައްސައިފިި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި އަނިޔާކޮށް، މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް އަންނަ ހޯމަ ދުވަހު ހުކުމް އިއްވަން ހަމަޖައްސައިފިި އެވެ.

ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް ކުރި ބޮޑެތި އަނިޔާތަކެއްގެ ސަބަބުން އޭނާ މަރުވި މައްސަލައިގައި އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމި، ހުކުމް މިދިޔަ މަހު އިއްވަން ހަމަޖައްސާފައި ވަނިކޮށް ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް އާފިޔާ ބުނުމުން ވަކީލަކާ އެކު ޚުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު އާފިޔާ އަށް އޮތީ ދީފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ، އަންނަ ހަފުތާގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. އަދި ބަދަލެއް ނާންނަ ނަމަ، ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް ހުކުމް އިއްވުން ހޯމަ ދުވަހު އޮންނާނެ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

ގާޒީ ސަމީރު ވިދާޅުވީ އެ މައްސަލަ އެހެން ފަނޑިޔާރަކު ބެއްލެވުމަށް ފަހު، އޭނާއާ ހަވާލުވިއިރު ބައެއް ހެކިންގެ ހެކިބަސް ވެސް ނަގައި ނިމިފައިވާ ކަމަށެވެ. އެ މައްސަލައިގެ ޝަރީއަތް 2015 ގައި ފެށިއިރު ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ނުފެށިޔަސް، އޭރުގެ އުސޫލުތަކާ އެއްގޮތަށް ވަކީލުންގެ އެހީތެރިކަން އާފިޔާއަށް ދީފައިވާ ކަމަށާއި ދައުވާ ވެސް އެކަށީގެންވާ މިންވަރަށް ސާފުކޮށް ދިނުމުގެ އިތުރުން އެކަށީގެންވާ ފުރުސަތުތައް އާފިޔާއަށް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އާފިޔާ --- ފޮޓޯ/މިހާރު

އާފިޔާ --- ފޮޓޯ/މިހާރު

އާފިޔާ އަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދިން ވަކީލު ހުސްނީ މުބާރަކް ޚުލާސާ ބަޔާން ހުށަހަޅަމުން ވިދާޅުވީ، އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސްވިޔަސް، އެކަމަށް ފަހުން އިންކާރު ކޮށްފައިވާ ކަމަށާއި އަދި އޭރު އެއްބަސްވީ ޖަލުގައި ތިބި އޮފިސަރުންތަކެއް ބިރު ދެއްކުމުން ކަމަށް އާފިޔާ ބުނެފައިވާ ކަމަށެވެ. އެކަން ނަފީ ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި އެހެންވެ، އާފިޔާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އެ ކުށް ސާބިތު ނުވާނެ އޭނާ ވިދާޅުވި އެވެ.

ވަކީލް ހުސްނީ ވިދާޅުވީ އިބްތިހާލަށް އާފިޔާ އަނިޔާ ކުރަނިިކޮށް އެ މަންޒަރު ފެނުނު އެއްވެސް މީހަކު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންވުމުން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ގަސްދު މަރެއް އާފިޔާގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އާފިިޔާ އަނިޔާކުރި ކަމަށް ބެލިޔަސް، އަނިޔާކުރީ އިބްތިހާލް މެރުމުގެ ނިޔަތުގައި ކަން ދައުލަތުން ސާބިތުކޮށް ދީފައި ނުވާތީ ގަސްދު މަރަކަށް ނުވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހާދިސާގެ ކުރިން އާފިޔާ އަށް ވެސް އެކި ގޮތްގޮތުން އަނިޔާތަކެއް ލިބިފައިވާ ކަން ފާހަގަކޮށް، ވަކީލް ހުސްނީ ވިދާޅުވީ އާފިޔާ އަށް ރައްކާތެރިކަން ދިނުމުގައި ދައުލަތުން އިހުމާލުވި ކަމަށެވެ. އާފިޔާ އަށް ވެސް އިންސާފު ލިބެން ޖެހޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އޭނާ އެދިވަޑައިގަތީ ފައިސަލާ ކުރަނިވި ހުކުމެއް އިއްވައި ދިނުމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ހާޒިރުވެ އިނަސް، އޭނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އާފިޔާއަކީ 2015 ވަނަ އަހަރުން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކަށް ވެފައި، ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ހައި ކޯޓުން ދާދި ފަހުން ކުރި ހުކުމްތަކުގެ ދަށުން ބަންދު އަމުރު ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ޖެހޭތީ އާފިޔާގެ ބަންދު ވެސް ރިވިއު ކުރަން ދައުލަތުން މިއަދު އެދުނެވެ. ދައުލަތުން ބުނީ އާފިޔާ އަށް ތުހުމަތު ކުރެވެނީ މަރުގެ މައްސަލައެއްގެ ތުހުމަތު ކަމަށް ވާތީ އޭނާ ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. މަރުގެ މައްސަލަތަކުގައި ކަފާލާތު ވެސް ނުލިބޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮންނާތީ ދައުލަތުން އެދުނީ އާފިޔާގެ ބަންދު އަދިވެސް ދަމަހައްޓައި ދިނުމަށެވެ.

ވަކީިލް ހުސްނީ ވިދާޅުވީ ހުކުމެއް ނެތި އާފިިޔާ ބަންދުގައި ހުންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ހައްގަކަށް އަރައިގަތުން ކަމަށެވެ. އެކަމަކު އާފިޔާގެ ބަންދަށް ލުޔެއް ދޭން އޭނާ އެދިވަޑައެއް ނުގަންނަވަ އެވެ. އެދިވަޑައިގަތީ ޝަރީއަތަށް ފެންނަ ގޮތަކަށް ބަންދާ މެދު ގޮތެއް ނިންމުމަށާއި އެކަމަކު އެ މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށެވެ.

ގާޒީ ސަމީރު ނިންމެވީ މައްސަލައިގެ ބާވަތުން އާފިޔާގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށާއި އެހެންވެ، އޭނާގެ ބަންދު އަދިވެސް ދެމެހެއްޓުމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވުމުގެ ދައުވާ ޖެންޑާ މިނިސްޓްރީގެ ބަައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.