Roadha Mihaaru
"އާފިޔާއަށް ލިބުނު އަނިޔާތަކަށް އިންސާފެއް ނުލިބޭ"

އާފިޔާއަށް ލިބުނު އަނިޔާތަކަށް ވެސް އިންސާފެއް ނުލިބޭ: ހުކުމް

29 ޑިސެމްބަރ 2020

ވ. ރަކީދޫގައި ތިން އަހަރުގެ މުހަައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި އޭނާގެ މަންމަ އާފިޔާ މުހައްމަދަށް އެކި މީހުންގެ ފަރާތުންނަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

ވ. ރަކީދޫގައި ތިން އަހަރުގެ މުހަައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި އޭނާގެ މަންމަ އާފިޔާ މުހައްމަދަށް އެކި މީހުންގެ ފަރާތުންނަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި ގަސްދުގައި ކުއްޖަކު މެެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ސާބިތުވެ، އާފިޔާ 20 އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

ފަސް އަހަރަށް ދިގު ދެމިގެންދިޔަ ޝަރީއަތަކަށް ފަހު އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި، އާފިޔާ އަށް އިބްތިހާލް ލިބުމުގެ ކުރިން އެކި ގޮތްގޮތުން ލިބިފައި ހުރި އަނިޔާތަކުގެ ވާހަކަ ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން އާފިޔާގެ ދޮންބައްޕަ އާއި އާއިލާގެ އެހެން ބައެއް މީހުން ފަރާތުން އާފިޔާ އަށް ތަކުރާރުކޮށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް އާފިޔާ ބުނެފައިވާ ކަމަށާއި އަދި އެކަން އާފިޔާގެ މަންމަ އަށް އެނގިހުރެ އެކަން ސިއްރު ކުރި ކަމަށް އާފިޔާގެ ބަޔާންތަކާ ހަވާލާދީ، ހުކުމުގައި ބުނެފައިވެ އެވެ. އަދި އެއިން ކަމަކަށް އާފިޔާއަށް އިންސާފު ލިބިފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

"އާފިޔާ އަށް މަންމަ އާއި އާއިލާގެ އެކި މީސްމީހުންގެ އަނިޔާ އާއި ހިތްދަތިިކަން ލިބިފައިވާ ކަން ފާހަގަވޭ. އެކަމަކު ދައުލަތުގެ އިދާރާތަކަށް އެ މައްސަލަތައް ހުށަހަޅައިގެން އިންސާފު ނުލިބިގެން އުޅެނިކޮށް އާފިޔާ ވެސް ކުށުގެ ވެށްޓަށް ބަދަލުވެ، އާފިޔާގެ މައްޗަށް ދައުވާ ކުރެވުނީ. އަދިއަދަށް ދާންދެން ވެސް އާފިޔާގެ ހިތަށާއި ނަފްސަށް ލިބުނު އަނިޔާގެ އެއްވެސް މައްސަލައެއް ބެލިފައެއް ނެތް." ތިން ގަޑިއިރަށް ވުރެ ދިގު ދެމިގެންދިިޔަ މަޖިލީހުގައި އިއްވި ހުކުމުގައިވެ އެވެ.

ގާޒީ މުހައްމަދު ސަމީރު އިއްވެވި އެ ހުކުމުގައި ބުނެފައިވަނީ އާފިޔާގެ އަނިޔާތަކުގެ ސަބަބުން އިބްތިިހާލް މަރުވެގެން ދިޔައީ އާފިޔާއަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބި ވަނިކޮށް ކަމަށާއި އެހެންވެ، އެފަދަ "ދެވަނަ އާފިޔާއެއް" އުފަންވިޔަ ނުދިނުމަށް އެފަދަ ކުދިންނަށް ރައްކާތެރިކަން ދޭން ޚާއްސަ ފިޔަވަޅުތަކެއް ދައުލަތުން އަޅަން ޖެހޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އެކަމަކު އެއީކީ އިބްތިހާލަށް އިންސާފު ލިބެން ނުޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ހުކުމުގައިވެ އެވެ.

"އާފިޔާ އަށް ކުޑައިރުއްސުރެން ފެށިގެން ލިބުނު އަނިޔާތައް ބެލި، އިންސާފު ލިބިފައި ނެތުމަކީ އާފިޔާގެ ފުށުން މުހައްމަދު އިބްތިހާލަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބެންވީ ސަބަބެއް ކަމަށް ގަބޫލު ކޮށްގެން ނުވާނެ." ހުކުމުގައިވެ އެވެ.

ފުލުހުންގެ ތަހުގީގަށާއި އާފިޔާގެ ނަފްސާނީ ހާލަތު ބެލި ޑޮކްޓަރުން ތައްޔާރުކުރި ރިޕޯޓާ ހަވާލާދީ، ހުކުމުގައިވާ ގޮތުން އާފިޔާގެ ދޮންބައްޕަގެ އިތުރުން އެހެން ބައެއް މީހުންގެ ފަރާތުން ޖިިންސީ ގޯނާއާ ކުރިމަތިވުމުގެ އިތުރުން ހަށިވިއްކަން އޭނާއަށް މަޖުބޫރު ކުރުވި އެވެ. އަދި ރޭޕްގެ ސަބަބުން އިބްތިހާލަށް އާފިޔާ ބަލިވެ އިންދާ ދަރިފުޅު އެބޯޓް ކުރަން އޭނާގެ އާއިލާއިން މަސައްކަތް ކުރުވި ކަމަށާއި އެކަން ކުރަން ބޭނުން ނުވާތީ އާއިލާއާ ދުރަށް ދިޔައީ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. އެކަމަކު ރަކީދޫގެ ބައެއް މީހުން އިބްތިހާލާ ބެހޭގޮތުން އާފިިޔާ ގާތު ދައްކަމުން ދިޔަ ވާހަކަތަކުން އިތުރަށް ރުޅިވެރިކަން އިތުރުވެ، އިބްތިހާލަށް އަނިޔާ ކުރަން ފެށުނީ ކަމަށް ވެސް އާފިޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިބްތިހާލް ނިދާފައި އޮއްވާ އޭނާގެ ކަރުގައި ހިިފައި، ނޭވާ ހާސް ކުރުމުގެ އިތުރުން ދަށް ފައިން އެ ކުއްޖާގެ މޭމަތީގައި ތެޅި ކަމަށް ބުނެ ތަހުގީގު މަރުހަލާގެ އިތުރުން ކޯޓުގައި ވެސް އެކަމަށް އެއްބަސްވި އެވެ. އެކަމަކު ފަހުން އޭނާ އެކަމަށް އިންކާރުކޮށް، ބުނަމުންދަނީ ޖަލުގައި ތިބި ބަޔަކު އެކަމަށް އެއްބަސްވާން އޭނާއަށް ބިރު ދެއްކީ ކަމަށާއި އިބްތިހާލަށް އަނިޔާ ކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ކޯޓުން ނިންމީ އާފިޔާގެ އިއުތިރާފް އަނބުރާ ގެންދެވޭނެ ސަބަބެއް އޭނާއަށް ނުދެއްކޭ ކަމަށެވެ.

އާފިޔާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.