Roadha Mihaaru
އާފިޔާ ވަކީލަކު ބޭނުންވުމުން ހުކުމް އިއްވުން ފަސްކޮށްފި

އިބްތިހާލްގެ މަރުގެ މައްސަލާގައި އާފިޔާ ވަކީލަކު ބޭނުންވުމުން އަންނަ މަހަށް ހުކުމް ފަސްކޮށްފި

29 ނޮވެމްބަރ 2020

ވ. ރަކީދޫގައި މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދަށް ކުރާ މަރުގެ ދައުވާގައި އޭނާ ވަކީލެއްގެ އެހީތެެރިކަން ބޭނުންވާ ކަމަށް ބުނުމުން ހުކުމް އިއްވުން އަންނަ މަހަށް ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދަށް ކުރާ މަރުގެ ދައުވާގައި އޭނާ ވަކީލެއްގެ އެހީތެެރިކަން ބޭނުންވާ ކަމަށް ބުނުމުން ހުކުމް އިއްވުން އަންނަ މަހަށް ފަސްކޮށްފި އެވެ.

ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ކުރި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި އާފިޔާ ކޯޓުގައި އިއުތިރާފްވެ، އެކަން ކުރި ގޮތް ތަފްސީލުކޮށް ކުރިން ކިޔައިދީފައިވެ އެވެ. ފަހުން އޭނާ ވަނީ އެކަމަށް އިންކާރު ކުރިޔަސް، އޭނާ ބުނަމުން ދިޔައީ ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާ ކަމަށެވެ.

އެ މައްސަލާގެ ހުކުމް އިއްވަން މިއަދު ބޭއްވި މަޖިލިސް ފެށިއިރު އާފިޔާއަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދިން ދިފާއީ ވަކީލަކު ހުއްޓެވެ. ދައުލަަތުން ހަމަޖައްސައިދިން ދިފާއީ ވަކީލް އައިމިނަތު ރުކްޝާނާ އިބްރާހިމް ވިދާޅުވީ ވަކީލަކު ބޭނުންނުވާ ކަމަށް އާފިޔާ ކުރިން ބުނަމުން އަޔަސް، އަޑުއެހުންތައް ނިންމާލި ފަހުން ވަކީލަކު ބޭނުންވާ ކަމަށް އާފިޔާ ބުނެފައިވާ ކަމަށެވެ. އެހެންވެ، ހުކުމް އިއްވުމުގެ ކުރިން އޭނާ މަައްސަލަ ދިރާސާ ކުރުމަށް ފަހު މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެދިވަޑައިގަތީ 10 ދުވަހުގެ މުއްދަތެއް އެކަމަށް ދިނުމަށެވެ.

ވަކީލެއްގެ އެހީތެރިކަން އާފިޔާ ބޭނުންވޭތޯ އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ސުވާލު ކުރެއްވުމުން އާފިޔާ ބުނީ އެ ފުރުސަތު ބޭނުންވާ ކަމަށެވެ.

ދައުލަތުން ބުނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ކުށުގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވެސް އޮންނަ ކަމަށާއި އެ ފުރުސަތު ބޭނުންވާ ކަމަށް އާފިޔާ މިހާރު ބުނާތީ އެ ފުރުސަތު ދޭން ދެކޮޅު ނުހަދާ ކަމަށެވެ.

ގާޒީ ސަމީރު ވިދާޅުވީ ޚުލާސާ ބަޔާން ހުށަހެޅުމަށް އާފިޔާއަށް ކުރިން ދިން ފުރުސަތުގައި އޭނާ ވާހަކަ ދެއްކީ ވަރަށް ކުރުކޮށް ކަމަށާއި އެކަމަކު ވަކީލަކު އައްޔަން ކޮށްފައިވާތީ އެ ފުރުސަތު އަލުން ދެވިދާނެ ކަމަށެވެ. އެހެންވެ، 10 ދުވަހުގެ ފުރުސަތެއް ދެއްވީ ކަމަށާއި އޭގެފަހުން އިތުރު އަޑުއެހުމެއް ބޭއްވުމަށް ފަހު އަންނަ މަހު އެ މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވުމުގެ ދައުވާ ޖެންޑާ މިނިސްޓްރީގެ ބަައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިން އޮތީ ނިންމައިފަ އެވެ.