Roadha Mihaaru
އިބްތިހާލްގެ މަރުގެ މައްސަލާގެ ހުކުމް މި މަހު އިއްވަނީ

އިބްތިހާލްގެ މަރުގެ މައްސަލާގެ ފަހު އަޑުއެހުން އަންނަ ހަފުތާގައި؛ މި މަހު ހުކުމް ކުރާނެ

10 ފެބުރުއަރީ 2020

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ނިންމައި، އެ މައްސަލައިގެ ހުކުމް މިމަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ނިންމައި، އެ މައްސަލައިގެ ހުކުމް މިމަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ކުރެ އެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ މިއަދު އަޑުއެހުން ބޭއްވީ ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި އާފިޔާގެ ފިރިމީހާ އިބްރާހިިމް ޝަފީގާއި އިތުރު އަވަށްޓެރިއެއްގެ ހެކިބަސް ނެގުމަށެވެ. އެކަމަކު އެ ދެ މީހުންނާ ގުޅޭ ގޮތް ނުވުމުން އެ މީހުން ހާޒިރެއް ނުކުރެވުނެވެ. އެހެންވެ، ދައުލަތުން އެދުނީ ކޯޓަށް ހާޒިރުވުމުގެ އަމުރެއްގެ ދަށުން އެ މީހުން ހާޒިރުކޮށް ދިނުމަށެވެ.

އެ މީހުން ހާޒިރުކުރަން ދައުލަތުން ކުރި މަސައްކަތުން ވެސް ހާޒިރު ނުކުރެވުނުކަން ފާހަގަކުރައްވައި، އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ އެ މީހުންގެ ހެކިބަސް ނަގަން ކޮންމެހެން މުހިންމުތޯ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އޭގެ ތެރެއިން ޝަފީގަކީ އާފިޔާގެ ފަރާތުން ވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހެއް ކަމަށްވާތީ އެ މީހުންގެ ހެކިބަސް ނެގުން މުހިންމު ކަމަށެވެ. އަދި ޝަފީގް މިހާރު އުޅެނީ އއ. އަތޮޅުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާއާ ގުޅޭނެ މައުލޫމާތު ދައުލަތުން ކޯޓަށް ފޯރުކޮށްދޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޝަފީގް ހާޒިރު ކުރަން ބޭނުންވޭތޯ އާފިޔާއާ ގާޒީ ސުވާލު ކުރެއްވުމުން އޭނާ ވެސް ބުނީ ޝަފީގް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.

ގާޒީ ސަމީރު ވިދާޅުވީ އެ ދެ މީހުން ހާޒިރު ކުރެވޭތޯ ބެލުމަށް އިތުރު އަޑުއެހުމެއް މިމަހުގެ 18 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެދުވަހު ހެކިބަސް ނުނެގުނަސް، އެދުވަހު ޚުލާސާ ބަޔާން ހުށަހަޅައި، އެ މައްސަލާގެ އަޑުއެހުންތައް އެދުވަހު އެއްކޮށް ނިންމާލާނެ ކަމަށެވެ. އެހެންވެ، އެކަމަށް ތައްޔާރުވުމަށް ގާޒީ އެންގެވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އެދުވަހު ޚުލާސާ ބަޔާން ހުށަހެޅުމަށް ފަހު، އެ މައްސަލާގެ ހުކުމް މިމަހުގެ 26 ވަނަ ދުވަހު އިއްވާނެ އެވެ.

އިބްތިހާލަށް އަނިޔާކުރި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ތަފްސީލުކޮށް ކޯޓުގައި ކުރިން ކިޔައި ދިނުމަށް ފަހު އާފިޔާ މިހާރު ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ.