Roadha Mihaaru
އިބްތިހާލް މަރާލީ ނޭވާ ހާސްކޮށްލައިގެން: ޑޮކްޓަރު

އިބްތިހާލް މަރާލީ ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވޭ: ޑޮކްޓަރުން

19 ފެބުރުއަރީ 2017

ވ. ރަކީދޫ މުހައްމަދު އިބްތިހާލް މަރާލީ ނޭވާ ހާސްކޮށްގެންލައިގެން ކަމަށް ބެލެވޭ ކަމަށް އިބްތިހާލް ބެލި ޑޮކްޓަރު ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫ މުހައްމަދު އިބްތިހާލް މަރާލީ ނޭވާ ހާސްކޮށްގެންލައިގެން ކަމަށް ބެލެވޭ ކަމަށް އިބްތިހާލް ބެލި ޑޮކްޓަރު ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލްގެ މަންމަ އާފިޔާ އަހުމަދު އިބްތިހާލަށް އަނިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ކުރާ "ކުއްޖަކު މެރުމުގެ ދައުވާ"ގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗްގައި އިބްތިހާލް ބެއްލެވި ޑޮކްޓަރު އަހުމަދު ޒިޔާނެވެ.

ހެކިބަސްދެމުން އޭނާ ވިިދާޅުވީ އިބްތިހާލްގެ ކަރުގައި ނިޔަފަތީގެ ނިޝާންތަކެއް ހުރި ކަމަށާއި އެ ނިޝާންތަކަކީ އަނިޔާ ލިބުނުތާ މާ ގިނައިރުތަކެއް ނުވާ "ފްރެޝް" ނިޝާންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ވަރަށް ބާރަށް ކަރުގައި ހިފުމުން ހުރި ނިޝާންތަކެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޒިޔާން ވިދާޅުވި ގޮތުގައި އިބްތިހާލް "މަރުވީ ނޭވާ ހުއްޓުވާލައިގެން" ކަމަށް ބެލެވެ އެވެ.

އާފިޔާ އޭނާގެ ދަރިފުޅު އިބްތިހާލް އުރައިގެން: އެ ކުއްޖާއަށް އަނިޔާކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށްވާތީ ކަމަށް އާފިޔާ ބުނޭ --ފޮޓޯ/ ސޯޝަލް މީޑިއާ

އާފިޔާ އޭނާގެ ދަރިފުޅު އިބްތިހާލް އުރައިގެން: އެ ކުއްޖާއަށް އަނިޔާކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށްވާތީ ކަމަށް އާފިޔާ ބުނޭ --ފޮޓޯ/ ސޯޝަލް މީޑިއާ

މީގެ އިތުރުން އިބްތިހާލްގެ މޭކަށިގަނޑު އޮތީ ބިނދިފައި ކަމަށާއި އިބްތިހާލްގެ ތުންފަތާއި ބަނޑަށް އަދި މެޔަށް ވެސް އަނިޔާތަކެއް ލިބިފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިމަތި ފަރާތަށް އަނިޔާވެފައި ހުރި ކަމަށާއި ބޮލަށް ވެސް އަނިޔާތަކެއް ލިބިފައި ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިތުރު ލަކުނުތަކެއް ވެސް އިބްތިހާލްގެ ހަށިގަނޑުގައި ހުރި ކަމަށާއި އެކަމަކު އެއީ ކިހާ ދުވަހެއް ވެފައިވާ ލަނުތަކެއް ކަން ނޭނގޭ ކަމަށް ޑޮކްޓަރު ޒިޔާން ވިދާޅުވި އެވެ.

އިބްތިހާލަށް އަނިޔާކުރި ކަމަށް ތަކުރާރުކޮށް އެއްބަސްވެފައިވާ އާފިޔާ އަށް ފުރުސަތު ދިނުމުން އޭނާ ބުނީ ޑޮކްޓަރާ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.

އިބްތިހާލް ބެލި އެހެން ޑޮކްޓަރަކު ވެސް މީގެކުރިން ވަނީ ކޯޓުގައި ހެކިބަސް ދީފަ އެވެ. އެ ޑޮކްޓަރު ވެސް ބުނެފައިވާ ގޮތުގައި އިބްތިހާލްގެ ކަރުގައި ބާރަށް ހިފާފައި ހުރިކަމުގެ ނިޝާންތައް ހުރި ކަމަށާއި އެއީ އޭނާ މަރުވުމުގެ ސަބަބެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އިބްތިހާލްގެ ބަނޑަށް ލޭ އެޅިފައި ހުރި ކަމަށާއި އާންމުކޮށް އެފަދަ ކަމެއް މެދުވެރިވާނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށް އެ ޑޮކްޓަރު ބުނެފައިވެ އެވެ.

އާފިޔާގެ މަންމަ ހާޒިރުކުރަން ބެލިއިރު އޭނާ އުޅޭ ތަނެއް އަދިވެސް ނޭނގޭ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މުހުތާޒް ފަހުމީ ވިދާޅުވި އެވެ.

އާފިޔާގެ އާއިލީ މީހުންނާ ބެހޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ އެއްބަނޑު އެއްބަފާ ތިން މީހަކު ތިބޭ ކަމަށާއި އެ މީހުން އުޅެނީ މާލޭގައި ކަމަށެވެ. ގާޒީ ވަނީ އެ މީހުންގެ މައުލޫމާތު އާފިޔާގެ ކިބައިން ސާފު ކުރައްވައިފަ އެވެ.

އިބްތިހާލަށް އަނިޔާކުރާ ކަން އެނގިތިބެ، އެކަމަށް ފިޔަވަޅު ނޭޅި ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފަކަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. ވަކިން ކުރިއަށް ގެންދާ އެ މައްސަލަ ކޯޓުގައި ދަނީ ހިނގަމުންނެވެ.

އާފިޔާ ކުރިން ވަނީ އިބްތިހާލަށް ކުރި އަނިޔާތައް ކޯޓުގައި ކިޔައިދީފަ އެވެ. އިބްތިހާލްގެ ކަރުގައި ހިިފައި، މޭމަތީގައި ކޮޅުފައިިން ޖަހައި ހެދި ކަމަށާއި އަދި އިބްތިހާލްގެ ގައިގެ އެތަންމިތަނުގައި ފައިންނާއި އަތުން ތެޅި ކަމަށް އާފިޔާ ވަނީ ކޯޓުގައި ބުނެފަ އެވެ. އިބްތިހާލަށް އަނިޔާކުރީ އެއީ ޝަރުއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އާފިޔާ ބުނެފައިވެ އެވެ.